ރައުދާގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރަން ކޯޓުން އަމުރުނެރެފި

ބަންގްލަދޭޝްގައި މަރުވި ރާއްޖޭގެ ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގު ފުރިހަމައަށް ހިންގުމަށް ންގްލަދޭޝްގެ ރާޖްޝާހީގެ ޗީފް މެޓްރޮޕޯލިޓަން މެޖިސްޓްރޭޓް ކޯޓުން އެ ގައުމުގެ ފުލުހުންގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ. އެ އަމުރު ނެރުނީ މިއަދު ރައުދާގެ އާއިލާއިން އެ ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ.
އާއިލާއިން މި މައްސަލަ ހުށަހެޅީ ބަންގްލަދޭޝްގެ ފުލުހުން ރައުދާ އަމިއްލައަށް މަރުވީ ކަމަށް ބަލައި ތަހުގީގުކުރަމުންދާތީ އެވެ. އަދި ރައުދާގެ މަރުގެ މައްސަލައަކީ އަމިއްލައަށް މަރުވި މައްސަލައެއްގެ ގޮތުގައި ފުލުހުން މީޑިއާއަށް ބަޔާންދީފައިވާތީ އެވެ. އާއިލާއިން އެކަން ގަބޫލެއް ނުކުރެ އެވެ. އެކަމަށް ބާރު ލިބޭ ހެކިތައް އެބަހުރި ކަމަށް އާއިލާއިން ބުނެ އެވެ.
ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ހުށަހެޅުއްވި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރައުދާ އަމިއްލައަށް މަރުވި ކަމަށް ބެލެވެން ނެތް ކަމަށާއި އޭނާ މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަމަށެވެ. އެކަމުގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ރައުދާގެ ގާތް އެކުވެރިޔާ އަދި އެންމެ ފުރަތަމަ ރައުދާ މަރުވެފައި އޮތްވާ ފެނުނު ސީރަތު ޕަރްވީން މުހައްމަދަށް ކަމަށާއި އެކަމަށް ހެކި އެބަހުރި ކަމަށެވެ.
މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ފުލުހުން އަމުރުކޮށްފައިވަނީ އާއިލާގެ ފަރާތުން މިއަދު ކޯޓަށް ހުށަހެޅި ހެކިތަކަށް ރިޔާއަތްކުރުމަށްފަހު އެވެ.
ރައުދާ އާތިފު އޭނާ ދިރި އުޅުނު ހޮސްޓެލްގެ ކޮޓަރި ތެރޭގައި އެލުވި، މަރުވެފައި ހުއްޓައި ފެނުނީ މާޗްމަހުގެ 29 ވަނަ ދުވަހު އެވެ. އޭނާގެ އޮޓޯޕްސީ ހެދީ ރާޖްޝާހީ އޭނާ ކިޔަވަމުން އައި ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޮކްޓަރުން ހިމެނޭ ޓީމަކުންނެވެ. އޮޓޮޕްސީ ރިޕޯޓްގައި ބުނެފައި ވަނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ އަލުން ތަހުގީގު ކުރަން ފެށީ އޭނާ މަރުވީ އަމިއްލައަށް ކަަމަށް އާއިލާއިން ގަބޫލު ނުކުރުމާއި އެކަމާބެހޭ ގޮތުން ބަންގްލަދޭޝް އާއި ރާއްޖޭގެ ނޫސްތަކުން ސުވާލު އުފެއްދުން ފަދަ ކަންކަމާ ހެދިއެވެ.
އިސްލާމީ ބޭންކް މެޑިކަލް ކޮލެޖަކީ ދީނީ ގޮތުން ހަރުކަށި ވިސްނުމެއް ގެންގުޅޭ ދަރިވަރުންގެ ދެ ޖަމިއްޔާއެއްގެ ނުފޫޒު ގަދަ ކޮލެޖެކެވެ. އެހެން ނަމަވެސް ރައުދާގެ ފޯނުން ދާދިފަހުން ހޯދި މެސެޖްތަކުން ހާމަވެފައިވާ ގޮތުގައި، ރައުދާ މަރުވި ރޭ އޭނާ ރަށްޓެހިވެގެން އުޅުނު ކުއްޖާގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި މާޔޫސްވެގެން ވަނީ މެސެޖްތަކެއް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ