މިދިޔަ އަހަރު ގައުމަށް އައީ ކޮން ބަދަލެއްތޯ ވިސްނަންޖެހޭ: ގާސިމް
މިދިޔަ އަހަރު ގައުމާއި ދިރިއުޅޭ ރަށަށް އައީ ކޮން ހެޔޮ ބަދަލުތަކެއްތޯ ގައުމީ ވިސްނުމަކުން މިނެ ކިރައިލަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.އާ އަހަރުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވައި ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ވޭތުވެދިޔަ އަހަރާއެކު، ކޮންމެ ދިވެހި ރައްޔިތަކު ވެސް ގައުމީ ވިސްނުމަކުން މިނެ ކިރައިލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މާޒީވެދާ ކޮންމެ އަހަރަކާ މެދު ވިސްނައިލުމަކީ އެތައް އިބްރަތަކާއި އެތަކެއް ތަޖްރިބާއެއް ލިއްބައިދޭނެ ކަމެއް ކަމަށާއި ބުއްދިވެރި ބަހެއްގައި މާޒީއަކީ މުސްތަގުބަލް މޫނުބަލާ ލޯގަނޑޭ ބުނެ އުޅެނީ ވަރަށް ފުން މާނައެއްގައި ކަަމަށް ވެސް ވިދާޅުވި އެވެ."ނިމިދިޔަ އަހަރު އަޅުގަނޑުމެންގެ ގައުމަށް، ދިރިއުޅޭ ރަށަށް އައީ ކޮންކަހަލަ ހެޔޮ ބަދަލުތަކެއްތޯ އެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައި، ތައުލީމު އުނެގުނުމުގައި، ވަޒީފާ އަދާކުރުމުގައި، އަސާސީ ހައްގުތަކާއި ހިދުމަތްތައް ލިބިގަތުމުގައި ހާސިލްކުރެވުނީ ކޮން އުސްމިންތަކެއްތޯ އެވެ؟ އަޅުގަނޑުމެން އެދޭ އަދި އުންމީދުކުރާ ވިޔަވަތި ދިރިއުޅުމުގެ ރާސްތާގައި ކުރިއަށް އެޅުނީ ކިތައް ފިޔަވަޅުތޯ އެވެ؟ އަޅުގަނޑުމެންގެ ކުރިމަތީ ދެން އަންނާން އޮތް ދުވަސްތަކުގެ އުޖާލާކަން ކަށަވަރުވާނެ އުންމީދުތަކެއް ލިބިފައި އެބަހުރިތޯ އެވެ؟" ގާސިމް ސުވާލު އުފައްދަވާފައިވެ އެވެ.އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ކޮންމެ ކަމަކަށް ވެސް ހެޔޮ ބަދަލު އަންނާނީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ބައިވެރިވުން ގައުމުގެ އެކި ކަންކަމުގައި ފުރިހަމައަށް އޮވެގެންނެވެ. ދަތިވާ ކަންކަމާއި ނުލިބި ހުރި ހައްގުތަކުގެ އަޑު އުފުލައިގެން ކަމަށް ވެސް ވިދާޅުވި އެވެ."ނޭއްގާނީކަންކަމާ، ލާއިންސާނީ އަނިޔާއާ، މާރާމާރިއާ، ބޭއިންސާފާ، ފަސާދައާ، ކޮރަޕްޝަން ނައްތައިލަން ފަސްނުޖެހި ތެދުވެގެންނެވެ. އެންމެން އެކުގައި ޤައުމަށްޓަކައި އަތުގުޅާލައިގެންނެވެ،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާޒީގައި ވެސް ކާމިޔާބު ހާސިލްކުރެވިފައި ވަނީ އެ ފަލްސަފާގެ މަތީގަ އެވެ. އަދި މުސްތަގުބަލުގައި ކާމިޔާބު ހޯދޭނީ ވެސް އެ ފަލްސަފާގެ މަތީގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ