ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު
ކުރުމުގެ ޒިންމާ ނަންގަވާނެ ކަމަށް، ސިފައިންގެ އިސްވެރިންނާ އެކު، ކުރީގެ
ރައީސް މުހައްމަދު ނަޝީދު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވި ކަމަށް،
މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް، މިރޭގެ
ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެ ހެކި ބަސް ދެއްވައިފި އެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމަށް، ބޭއްވި ޝަރީއަތުގެ
މަޖިލީހުގައި ޝިޔާމް ވިދާޅުވީ، އަބްދުﷲ ގާޒީ ބަންދުކުރުމުގެ ކުރިން،
ސިފައިންގެ އިސްވެރިންތަކަކާ ނަޝީދު ބައްދަލުކުރައްވައި، އަބްދުﷲ ގާޒީ
ހައްޔަރުކުރުމުގައި ޒިންމާ ނަންގަވާނެ ކަމަށް ވިދާޅުވީ، ބައެއް ބޭފުޅުން
ހިޔާލު ތަފާތުވުމުން ކަމަށެވެ. އެހެން ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރަން
އެއްވެސް އިރެއްގައި ނަޝީދު އަމުރު ކުރެއްވި ކަމެއް އެނގިވަޑައިނުގަންނަވާ
ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަބްދުﷲ
ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް އޭރު
ސިފައިންގެ އެންމެ އިސްވެރިޔާ ނަޝީދު ވިދާޅުވި އެވެ. ޝިޔާމް
ވިދާޅުވީ، އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ޒިންމާ ސިފައިން ނަގަން ނުޖެހޭނެ
ކަމަށް ނަޝީދު ވިދާޅުވީ، އަބްދުﷲ ގާޒީ ހައްޔަރުކުރި ފަހުން، ސިފައިންގެ އިސް
އޮފިސަރުންނާ އެކު ބޭއްވި ބައްދަލު ކުރެއްވުމެއްގަ އެވެ. އަދި އެކަން
ޔަގީންކޮށް، ލިޔުމެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް
ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. އޭރުގެ ބްރިގޭޑިއާ ޖެނެރަލް ޝިޔާމް
ވިދާޅުވި ގޮތުގައި، އަބްދުﷲ ގާޒީ ގިރިފުށީގައި ބަހައްޓާފައިވާކަން
އެނގިވަޑައިގަތީ ވެސް، އަބްދުﷲ ގާޒީގެ ސިއްހީ ކަންކަން ބެއްލެވުމަށް
އެ ރަށުގައި ހުންނެވި އެމްއެންޑީއެފްގެ މެޑިކަލް ސާވިސްގެ ކޮމާންޑިން
އޮފިސަރު ޑރ. އަލީ ޝާހިދުގެ ފަރާތުންނެވެ.މިރޭ ޝަރީއަތަށް ފުލުހުންގެ ބެލުމުގެ ދަށުން ނަޝީދު ކޯޓަށް ހާޒިރުކުރަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން އަބްދުﷲ ގާޒީ
ހައްޔަރުކުރުމުގެ ކުރިން، ސިފައިންގެ އެޑްވައިޒަރީ ބޯޑާ، އޭރުގެ ޑިފެންސް
މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ބައްދަލު ކުރެއްވިކަން ޝިޔާމް
ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރު
ނުކުރުމަށް، އެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުން ލަފާ ދެއްވި އެވެ.
ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރަން ނަޝީދު އެންގެވި ކަމަށް، އެ
ބައްދަލުވުމުގައި ވެސް ޑިފެންސް މިނިސްޓަރު ތޮލްހަތު ވިދާޅުވި ކަމަކަށް
ޝިޔާމް ޝަރީއަތުގެ މަޖިލީހުގައި މިރޭ ވިދާޅެއް ނުވެ އެވެ. މިރޭގެ
ޝަރީއަތަށް ހެކިބަސް ދިނުމަށް ޝިޔާމް ވަދެވަޑައިގެންނެވުމުން ނަޝީދު ވަނީ،
ޝިޔާމަކީ މިހާރުގެ ޗީފް އޮފް ޑިފެންސްފޯސްގެ މަގާމުގައި ހުންނެވި
ބޭފުޅަކަށް ވާތީ، އޭނާގެ ހެކިބަސް ނުނަންގަވައި ކުރިއަށް ގެންދެވޭނެ ނަމަ،
އެގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ޝިޔާމާ
ކުރަން ބޭނުންވާ ސުވާލެއް ކުރުމަށް ދައުލަތަށް ފަނޑިޔާރުންގެ ބެންޗުން
ފުރުސަތު އެރުވީ، ނަޝީދު ފާހަގަ ކުރެއްވި ނުކުތާއަށް އެއްޗެއް ވިދާޅުވުމެއް
ނެތި އެވެ. ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެއްވުމުން، ޝިޔާމާ
އެއްވެސް ސުވާލައް ކުރައްވަން ބޭނުންފުޅުވޭތޯ ނަޝީދު އަރިހުން ފަނޑިޔާރުން
އެއްސެވުމުން އެމަނިކުފާނު ވިދާޅުވީ، "ޗީފް އޮފް ޑިފެންސް ފޯސްގެ
މަގާމުގައި ހުންނެވި އަހްމަދު ޝިޔާމާ އެއްވެސް ސުވާލެއް ކުރައްވަން ބޭނުން
ނުވާ" ކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސިފައިންނާއި މުހާތަބު ކުރައްވަނީ. -- ހަވީރު ފައިލް ފޮޓޯ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި
އޮޕަރޭޝަނުގެ ޒިންމާ ނަންގަވަން ޖެހޭނީ އޭރުގެ ޑިފެންސް މިނިސްޓަރާއި
ނަޝީދު ކަމަށް ބުނެ، ހިއުމަންރައިޓްސް ކޮމިޝަނަށް ބަޔާނެއް ލިޔުއްވާފައި
ވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ
މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެއްވި އެބަޔާނުގައި އެކަން
ފާހަގަކުރެއްވީ، އެފަދަ އޮޕަރޭޝަނެއް ހިނގާފަައި އޮންނާނީ، ޑިފެންސް
މިނިސްޓަރާއި އޭރުގެ ރައީސްގެ އެންގެވުމުގެ މަތިން ކަމަށް އަމިއްލައަށް
ގަބޫލު ކުރެއްވޭތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަބްދުﷲ ގާޒީ
ގިރިފުށީގައި ބަންދުކޮށްފައި ބެހެއްޓިކަން ސާބިތުކޮށްދިނުމަށް، އޭނާގެ
ވެލްފެއާގެ ކަންކަން ހަމަޖެއްސުމަށް ގިރިފުއްޓަށް ދިޔަ، އެމްއެންޑީއެފްގެ
ވޮރެންޓް އޮފިސަރު އައިޝަތު ޒީނާ އާއި އަބްދުﷲ ގާޒީގެ ސިއްހީ ކަންކަން
ބެލެހެއްޓުމަށް ދިޔަ އެމްއެންޑީއެފްގެ މެޑިކަލް ސާވިސްގެ ކޮމާންޑިން
އޮފިސަރު ޑރ. އަލީ ޝާހިދުގެ ހެކިބަސް ވެސް މިރޭ ނަގާފައިވެ އެވެ. އެއިން
އެއްވެސް ބޭފުޅަކާ ނަޝީދުގެ ފަރާތްޕުޅުން ސުވާލެއް ނުކުރެ އެވެ. ސައިކޮލިޖިސްޓެއްގެ
ގޮތުގައި މަސައްކަތް ކުރައްވާ ޒީނާ ވިދާޅުވީ، އޭނާ ގިރިފުއްޓަށް ދިޔައީ،
އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އަންގަވައިގެން ކަމަށާއި ގިރިފުށިން
އަބްދުﷲ ގާޒީއާ ބައްދަލުވި ކަމަށެވެ. އަދި ޑރ. ޝާހިދު ވިދާޅުވީ، އަބްދުﷲ
ގާޒީ ހައްޔަރުކުރި ރޭ، ކާނަލް މުހައްމަދު ޒިޔާދު އަންގަވައިގެން އޭނާ
ގިރިފުއްޓަށް ދިއުމުން އަބްދުﷲ ގާޒީއާ ބައްދަލުވެފައިވާ ކަމަށެވެ. ނަޝީދުގެ
ޝަރީއަތް ދެން ތާވަލުކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެމަނިކުފާނު ހުންނެވީ ޝަރީއަތް ނިމެންދެން ހައްޔަރުގަ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަގާނެ ކަމަށް ނަޝީދު ވިދާޅުވި: މޭޖަ ޖެނެރަލް ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ