މެމްބަރު އަރީފު ޕީޕީއެމުން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ޕީޕީއެމްއިން ވަކިވަޑައިގެންފި އެވެ. "އަޅުގަނޑަކީ މިހާރު ޕީޕީއެމްގެ މެމްބަރެއް ނޫން. މިއަދު ޕީޕީއެމް އޮފީހުން ގުޅި ލިޔުމެއް ހަވާލު ކުރަން. އަޅުގަނޑު ބުނީ ޕީޕީއެމް އިން އަޅުގަނޑާ ހަވާލު ކުރަން ޖެހޭނެ އެއްޗެއް ނޯންނާނޭ. އަޅުގަނޑަކީ އެ ޕާޓީގެ މެމްބަރެއް ނޫނޭ،" އެމްޑީޕީ-ޖޭޕީގެ ބޮޑު މުޒާހަރާގައި އިއްޔެ ބައިވެރިވެވަޑައިގެންނެވި އަރީފް ވިދާޅުވި އެވެ. އޭނާ މިއަދު ވަނީ އެމްޑީޕީ އޮފީހުގައި އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސަކަށް ވެސް ވަޑައިގެންފަ އެވެ.ނޮޅިވަރަމް ދާއިރާގެ މެމްބަރު އަރީފް އިއްޔެގެ އެއްވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ޓްވިޓާ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް އަށް ބަދަލުވެވަޑައިގެންނެވި އަރީފު ވިދާޅުވީ ޕީޕީއެމް ދޫކޮށްލަން ޖެހިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ "ބަސްފުޅާއި އަމަލުފުޅު ދިމާ ނުވުމުން" ކަމަށެވެ. އަދި "ރައްޔިތުން ތިބި ފަޅު ސާފުވުމުން" ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމަށް ބަދަލުވެވަޑައިގަތުމަށް ފަހު ރައީސް ޔާމީނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ވެސް އެ މަނިކުފާނު އަރިހުގައި އެދިވަޑައިގަތީ ސިޔާސީ ވެރިން ހައްޔަރު ނުކުރެއްވުމަށް ކަމަށް އަރީފު ވިދާޅުވި އެވެ.  ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ޕީޕީއެމަށް ސޮއިކުރައްވަނީ.-- ހަވީރު ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން "[ރައީސް ޔާމީން] ވިދާޅުވީ ތި ޒާތުގެ ކަންކަމަށް ވަޑައިނުގަންނަވާނެ ކަމަށް. ނަމަވެސް ފެނިގެން މިދަނީ އެ މަންޒަރެއް ނޫން،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ބަންދުކޮށްފައިވާ ސިޔާސީ މީހުންނަށް އިޝާރަތް ކުރައްވައި އަރީފް ވިދާޅުވި އެވެ. އަރީފު ވިދާޅުވީ ސަރުކާރެއް އުފައްދަނީ ރައްޔިތުންނަށް "ފޮނިމީރުކަން" ގެނެސްދިނުމަށް ކަމަށާއި ނަމަވެސް ސިޔާސީ ލީޑަރުން ހައްޔަރު ކޮށްގެން އެކަން ހާސިލެއް ނުވާނެ ކަމަށެވެ. އަދި މިހާރު މިއޮތީ އިސްލާހީ މަސައްކަތްތައް އަލުން ފަށަން ޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕީޕީއެމުން ވަކިވެވަޑައިގަތސް، އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އަރީފު ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމުން މި ވަކިވެވަޑައިގަތީ ޖުމްހޫރީ ޕާޓީއަށް އޭނާ ބަދަލުވާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު، ރައީސް ޔާމީނަށް ފާޑުވިދާޅުވާން ފެއްޓެވުމާއެކު މި ހަފުތާގައި އޭނާ ވަނީ ޕީޕީއެމްއިން ވަކިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ