މިވަގުތު ރައްޔިތުން ބޭނުންވަނީ އަރާރުންވެ، ހަނގުރާމަ ކުރާކަށް ނޫން: ރައީސް
މި ނާޒުކް ދަނޑިވަޅުގައި ދިވެހި ރައްޔިތުން ބޭނުންވަނީ އެއް ބަޔަކު އަނެއް ބަޔަކު އަރާރުންވެ، "ހަނގުރާމަ" ކުރުން ނޫން ކަމަށާއި އެއީ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ."މިވަގުތު އަޅުގަނޑުމެން މި ޖެހެނީ ކެތްތެރިކަމާއެކު އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ދޫ ދީގެން، އެއްބަޔަކު އަނެއް ބަޔަކާ އެކީގައި ވާހަކަ ދައްކައިގެން ކަންކަން ކުރަން،" އެމްބީސީގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވި އެވެ. "ކޮންމެ ގޮތެއް ވިޔަސް ގައުމުގެ އަމަން އަމާންކަން އެބަ ހިފަހައްޓަން ޖެހޭ. ގައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ."ރައީސް ވަހީދު ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ނެރުމަށް ފަހު ވެސް ސުލްހަވެރިކަމާއެކު ކަންކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ގަދަ ހަދާފައި މަގުމަތިން ކަންކަން ކުރަން އުޅޭ ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."ސުލްހަވެރިކަމާއެކު ކަންކަން ކުރުމުގެ ދޮރު ހުޅުވިފައި އޮއްވައި އެ ގޮތް އިހުތިޔާރު ނުކޮށް، ގަދަބާރުން ކަންކަން މަގުމަތިން ނިންމަން އުޅުނަކަސް އެކަމެއް ނުވާނެ. އެއީ ތަނުގައި ހަމަނުޖެހުން އުފައްދައި އަމަންއަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކޮށްފިއްޔާ އެކަން އަޅުގަނޑުމެން ހުއްޓުވާނެ ވާހަކަ އަޅުގަނޑު ދަންނަވާނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ ހަމައެކަނި ސިޔާސީ ފިކުރެއްގައި ނުކުމެ، އަޅުގަނޑުމެންގެ ގައުމަކީ ގަބީލާތަކެއްގެ ގޮތުގައި ބައިބައިވެފައިވާ ތަނަކަށް ވާން ނުޖެހޭ ކަމަށެވެ. އަދި އާއިލީ ހަމަޖެހުމާއި ގައުމީ މަސްލަހަތަށްޓަކައި ހުރިހާ އެންމެން ވެސް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ވަކި ބަޔަކު ގައުމަށް ހެޔޮ އެދިފައި އަނެއް ބަޔަކު ގައުމަށް ހެޔޮ ނޭދެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ތަފާތު ފިކުރު ގެންގުޅުނު ނަމަވެސް އެއްބަޔަކު އަނެއް ބަޔަކު "ހަލާކުކޮށްލަން" މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. "އެހެންވީމާ ސިޔާސީ ފިކުރު އެއީ އަޅުގަނޑުމެން އެންމެން ބައިބައިކޮށް، އަޅުގަނޑުމެންގެ ތެރޭގައި ފުން ޒަހަމްތަކެއް އުފައްދާ ކަމަކަށް ވާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ. "އެއްވެސް ހާލެއްގައި އަޅުގަނޑު މި މަގާމުގައި ހުއްޓާ ގައުމުގެ ކަންކަން، އަމަންއަމާންކަން ގެއްލި ރައްޔިތުންނަށް ނުރައްކާވާ ހިސާބަށް ކަންތައް ދިޔަ ނުދޭނަން އަޅުގަނޑު އިރާދަކުރެއްވިއްޔާ. ﷲ އިރާދަކުރެއްވިއްޔާ މި ގައުމަކީ ސުލްހަވެރިކަމާއެކީގައި އަމަންއަމާންކަން އޮތް އަދި މާތް ﷲ އިރާދަކުރެއްވިއްޔާ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުން ލިބޭ ބައެއް ކަމުގައި ވެގެން ދާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ