ައަޅުގަނޑުމެންގެ ސިޔާސަތު ބިނާވެފަައިވަނީ ގާސިމް ފަދަ އެތައް ވިޔަފާރިވެރިން އުފެދޭ ގޮތަށް: ޑރ. ހަސަން

ޖުމްހޫރީ ޕާޓީގެ ކޯލިޝަންގެ ވެރިކަމެއްގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމް އިބްރާހިމް ފަދަ އެތައް ވިޔަފާރިވެރިންނެއް އުފައްދާނެ ކަމަށް އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދު މިރޭ ވިދާޅުވެއްޖެ އެވެ. ގާސިމްގެ ރަނިން މޭޓަކީ ހަސަންކަން ރަސްމީކޮށް އިއުލާންކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހަސަން ވިދާޅުވީ ގާސިމަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅަކަށް ވާއިރު އޭނާ ދައުލަތުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވުމަށް ބައެއް ވިޔަފާރިވެރިންގެ ވެސް ކަންބޮޑުވުން ހުރެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގާސިމްގެ ރަނިން މޭޓްކަން އޭނާ ގަބޫލްކުރެއްވުމުން އެކަމުގެ ކަންބޮޑުވުންތައް ބަައެއް ބޭފުޅުންގެ ހުރެދާނެ ކަމަށް ވެސް ގަބޫލްކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް ހަސަން ވިދާޅުވީ އެބޭފުޅުންގެ "ވެރިކަމެއްގައި ދިވެހި ރާއްޖޭގެ މުދަލުގެ ހިމާޔަތާއި ނަފްސުގެ ހިމާޔަތް އަޅުގަނޑުމެން ކަށަވަރުކޮށްދޭނަން" ކަމަށެވެ.  "އަޅުގަނޑުމެންގެ ވެރިކަމެއްގައި ވިޔަފާރިވެރިން ހަނދާން ވާނީ ކެމްޕޭނަށް ފަންޑު ބޭނުންވީމައެއް ނޫން،" ހަސަން ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި ހަސަން ވިދާޅުވީ ކޮންމެ ވެރިކަމެއްގައި ވެސް އިގްތިސާދީ ކައުންސިލެއް އުފެއްދުމަށް ހުރިހާ ރައީސުންނަށް ވެސް ލަފާދެއްވި ކަމަށެވެ. އަދި ބައެއް ބޭފުޅުން އެކަން ކުރެއްވީ "ފޮޓޯ ސެޝަނަކަށް" ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޯލިޝަންގެ ވެރިކަމެއްގައި ވިޔަފާރި އާއި އިގްތިސާދާ ގުޅޭ ކަންކަން ނިންމާނީ ވިޔަފާރިވެރިންގެ މަޝްވަރާ އާއި ބައިވެރިވުމާ އެއްގޮތަށް ކަމަށް ހަސަން ވިދާޅުވި އެވެ. "ދިވެހި ވިޔަފާރިވެރިންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑުމެންގެ އިގްތިސާދ ސިޔާސަތު ބިނާވެގެން ދާނީ ދިވެހިރާއްޖޭގެ ހަމައެކަނި ހުންނާނީ އޮނަރަބަލް ގާސިމް އިބްރާހިމް ކިޔާ ބޭފުޅެއް ނޫނޭ. ދިވެހި ރާއްޖޭގައި ހުންނަން ޖެހޭނީ ހަމައެކަނި އެންމެ ޗަމްޕާ ހުސެން އަފީފެއް ނޫނޭ. ދިވެހިރާއްޖޭގައި ހުންނަން ޖެހޭނީ ހަމައެކަނި އެންމެ އެމްޔޫ މަނިކު އެކަންޏެއް ނޫނޭ. އެ އަދަދު ގިނަވާންޖެހޭ،" ހަސަން ވިދާޅުވި އެވެ."އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެންގެ ސިޔާސީ އިގްތިސާދީ އުސޫލް ބިނާ ވެގެންވާނީ ދިވެހިރާއްޖޭގެ މަލްޓި މިލިއަނަރުންނަކީ ބިލިޔަނަރުންނަށް ހަދާނެ އުސޫލް. ދިވެހިރާއްޖޭގެ މިލިޔަނަރުންނަކީ މަލްޓި މިލިޔަނަރުންނަށް ހަދާނެ އުސޫލް. ދިވެހިރާއްޖޭގެ މެދުފަންތީގެ ވިޔަފާރިވެރިންނަކީ މިލިޔަނަރުންނަށް ވާ އުސޫލް. ދިވެހިރާއްޖޭގެ އާދައިގެ ވިޔަފާރިވެރިންނަށް މެދު ފަންތިއަށް ދަތުރުކުރެވޭ އުސޫލް. ދިވެހިރާއްޖޭގައި ވިޔަފާރީގެ ޝައުގުވެރިކަން ނެތް އެތައް ބަޔަކު ވިޔަފާރީގެ ޝައުގުވެރިކަން އިތުރުކުރުމުގެ އުސޫލު،" އޭނާ ވިދާޅުވި އެވެ.ހަސަން ވިދާޅުވީ އެ ބޭފުޅުންގެ ވިޔަފާރީގެ އުސޫލްތައް ތައާރަފްކުރާނީ ވަކި މީހަކަށް ހެޔޮ އެދިގެން ނޫން ކަމަށާއި ގައުމުގެ ތަނަވަސްކަން އިތުރުކޮށް ތަރައްގީވާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެބޭފުޅުންގެ ވެރިކަމެއްގައި އިގްތިސާދީ ސިޔާސަތުގެ ރޭވިފައިވާނީ ރާއްޖޭން ބޭރުވާ ފައިސާ ހިފެހެއްޓޭ ގޮތަށެވެ. އަދި މިހާރު ކޮންމެ 1ރ. އިން 80 ލާރި ބޭރަށްދާ ކަން ފާހަގަކުރައްވައި އެ ފައިސާ ހިފެހެއްޓުމަށްޓަކައި ޓޫރިޒަމް ވަރުގަދަކޮށް ފުޅާކުރަންޖެހޭ ކަމަށާއި ރިސޯޓްތަކަށް ބޭނުންވާ ތަރުކާރީ އާއި މޭވާ ރާއްޖޭގައި ހެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ފުޅާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ އެ ފުރުސަތު އެބޭފުޅުންނަށް ދެއްވުމަށް ހަސަން ވަނީ ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.އޭނާ ވިދާޅުވީ ރާއްޖޭގައި މަތީ ފަންތީގެ ހޮޓެލް ސްކޫލް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އޭރުން ރޫމް ބޯއި އަށް ވަންނަ ޒުވާނާއަށް މެނޭޖަރާ ހަމައަށް ވެސް ދެވޭނެ ކަމަށެވެ.ވަޒީފާ ނެތް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ، އަދި ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ވެސް މަސައްކަތްކޮށްދީ އެ ކަންބޮޑުވުންތަކާއި މާޔޫސްކަން ފިލުވާލަ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.ރާއްޖޭން ކޮރަޕްޝަން ނައްތާލައި ވަލު ދޮރާށިން ވަދެގެން އެއްވެސް ކަމެއް ނުކުރެވޭނެ ތަނަކަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ހަސަން ވިދާޅުވީ ގާސިމްގެ ރަނިން މޭޓްކަން ގަބޫލްކުރެއްވީ އެއީ ކޮންބޭފުޅެއްކަން އެނގިވަޑައިނުގެން ނޫން ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުއްވީ ގާސިމާ "އެކުގައި މަސައްކަތްކުރެވޭނެކަން ސައްތައިން ސައްތަ ޔަގީންކަން އޮވެގެން" ކަމަށް ހަސަން ވިދާޅުވި އެވެ ގާސިމަކީ އިސްލާހަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއ ހިތްތިރި، އޯގާތެރި، ގައުމީ ތަރައްގީއަށް ނަގަންޖެހޭ ނިންމުންތައް ވަގުތުން ނަންގަވާ ބޭފުޅެއް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. އަދި ގާސިމަކީ ތަފާތު ހިޔާލުގެ ބޭފުޅުންނާއެކު މަސައްކަތް ކުރެވޭނެ ބޭފުޅެއް ކަމަށާއި "އާއިލީ ވެރިކަމަކަށް، އާއިލީ ބޭފުޅުން އިސްކޮށްގެން އުޅުނު ބޭފުޅެއް ނޫން" ކަމަށް ހަސަން ވިދާޅުވި އެވެ. ދިވެހިރައްޔިތުން ބޭނުންވަނީ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭ، މާފުކުރާނެ ބޭފުޅެއް ކަމަށާއި އެކަން ގާސިމް އަމިއްލަ އަށް ވަނީ ދައްކަވާފައިކަމަށް ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ