ދަރިފުޅު މަރުގެ ދައުވާލިބޭ މަންމަ ދޮގު ހެކިދިން ކަމަށް އެއްބަސްވެފައިވާ ކަމަށް ގާޒީ ނިންމަވައިފި

އަމިއްލަ އަށް ވިހެއި ދަރިފުޅު މަރާލިކަމުގެ ދައުވާލިބޭ ކ. ގުރައިދޫ ދޫރެސް، އައިމިނަތު އަޒްފާގެ މައްޗަށް ކުރާ ދޮގު ހެކިދިންކަމުގެ ދައުވާ އަށް އޭނާ އެއްބަސްވެފައިވާ ކަމަށް ކޯޓުން މިއަދު ނިންމައިފި އެވެ.
ނަހަލާލަށް ބަނޑުބޮޑުވުމުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގެ ގެއެއްގެ ފާޚާނާ ތެރެއަށް ވިހައި، އެ ކުއްޖާއާ މެދު އިހުމާލުވުމުގެ ސަބަބުން އެ ކުއްޖާ މަރުވި މައްސަލައިގައި އަޒުފާގެ މައްޗަށް ކުއްޖަކު މަރާލުމުގެ ދައުވާކުރާއިރު އިތުރު ދެ ދައުވާއެއް ކުރެއެވެ. އެއީ ދޮގު ހެކިދިނުމުގެ ދައުވާއަކާއި ޒިނޭކުރުމުގެ ދައުވާއެކެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް އުފުލި ނަމަވެސް އެ ދައުވާ ދައުލަތުން މިއަދު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ދޮގު ހެކިދިނުމުގެ ދައުވާކުރަނީ އަޒްފާ ވިހެއި އެ ކުއްޖާގެ ބައްޕައަކީ ވަކި މީހަކު ކަމަށް އޭނާ ބުނުމުން އެ މީހެއްގެ ނަން ފޫޅުމާ ފޯމުގައި ޖެހުމުން އެ ނަން އަޒްފާ އަމިއްލަ އަށް ކަނޑާލާފައިވާތީ އެވެ.
އެ ދައުވާ އަށް ޖަވާބުދާރީވަމުން އަޒްފާ މިއަދު ބުނީ އެގޮތަށް ކަންތައް ކުރެވުނީ އޭރު އޭނާ ހުރި ހާލަތުގެ ގޮތުން ކަމަށެވެ. އަދި އެ ފޯމުގައި ސޮއިކުރި ކަމަށާއި ނަމަވެސް ސޮއިކުރީ ނުކިޔާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ މިއަދު ދެއްކި ބައެއް ވާހަކަތައް ދިމާނުވާކަން ފާހަގަކުރެވެ އެވެ.
އެގޮތުން އޭނާ ފުރަތަމަ ބުނީ މަރުވި ކުއްޖާގެ ކުރިން ވެސް ފަސް ކުދިން ވިހާފައި ހުރި ނަމަވެސް އޭގެކުރިން ދުވަހަކު ވެސް ހޮސްޕިޓަލުގައި ނުވިހާ ކަމަށެވެ. ކުރިން ވިހެއި ކުއްޖާ ވިހެއީ ކޮންތަނަކުތޯ ގާޒީ ސުވާލުކުރެއްވުމުން އަޒްފާ ބުނީ އެ ކުއްޖާ ވިހެއީ ސ. މަރަދޫ ސިއްހީ މަރުކަޒުގައި ކަމަށެވެ.
ކުރިން ދުވަހަކު ވެސް ހޮސްޕިޓަލެއްގައި ނުވިހާ ކަމަށް ބުނާއިރު އޭގެކުރިން ވިހެއި ކުއްޖާ ސިއްހީ މަރުކަޒުގައި ވިހެއި ކަމަށް މިހާރު ތިބުނަނީ ކީއްވެގެންތޯ ގާޒީ ސުވާލު އުފެއްދެވި އެވެ. ޖަވާބުގައި އަޒްފާ ބުނީ އޭގެ މާނައަކީ ކުރިން މާލޭގައި ނުވިހާ ވާހަކަ ކަމަށެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ މުހުތާޒް މުހުސިން ވަނީ އެއީ އެ ދައުވާ އަށް އެއްބަސްވުން ކަމަށް ނިންމަވައިފަ އެވެ. އަދި އެ ދައުވާ ސާބިތުކުރަން ދައުލަތުން އިތުރު ހެކި ހުށަހަޅަން ނުޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޒިނޭގެ ދައުވާ އަށް އަޒްފާ ކުރިން ވަނީ ޖަވާބުދާރީވެފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ވިހެއި ކުއްޖަކީ މީހަކު އޭނާއާ ގަދަކަމުން ޒިނޭ ކުރުމުގެ ސަބަބުން ލިބުނު ކުއްޖެއް ކަމަށެވެ.
ގާޒީ މިއަދު ވަނީ ޒިނޭގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައްވައިފަ އެވެ. އަދި އެ ދައުވާގެ ހުކުމް މިމަހުގެ 22 ވަނަ ދުވަހު އިއްވަން މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަޒްފާގެ މައްޗަށް ކުރާ ކުއްޖަކު މަރާލުމުގެ ދައުވާ އަށް ވަކީލަކު ހަމަޖައްސަން ކުރިން ވަނީ ފުރުސަތު ދީފަ އެވެ. ނަމަވެސް އޭނާ މިއަދު ބުނީ އަދިވެސް އެކަން ހަމަނުޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށް އޭނާ އެދުނެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެގޮތަށް އަމުރުކުރީ ކޯޓަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭތީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ