އިލެކްޝަންސްގެ ހުރިހާ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުރުކޮށްފި

ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖް ކުރާ ކަމަށް ބުނެ އިލެކްޝަންސް
ކޮމިޝަންގެ ހުރިހާ މެމްބަރުން މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުރު ފޮނުވައިފި އެވެ. ސުޕްރީމް
ކޯޓަށް ހާޒިރުވާން އަންގައި އިލެކްޝަންސް ކޮމިޝަންގެ ހަތަރު
މެމްބަރުންނަށް މިއަދު ވަކިވަކިން ފޮނުވި އަމުރެއްގައި ބުނެފައިވާ ގޮތުގައި
އެ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރަނީ އެ ކޯޓުގެ އަމުރުތަކާ ހިލާފަށް
ކަންކަން ކުރުމާއި ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް ކޮމިޝަނުން ވާހަކަތައް
ދައްކަމުންދާތީ އެވެ. ކޮމިޝަންގެ މެންބަރުން ހާޒިރު ކުރަން އެންގި
ސަބަބުތަކުގެ ތެރޭގައި، އެ އަމުރުގައި އިތުރަށް ބުނެފައި ވަނީ ސުޕްރީމް
ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ޕްރެސް
ކޮންފަރެންސްތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ވާގޮތަށް ކޮމިޝަނުން
ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅޭ
ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކޮށްފައި ނުވުމާއި،
10،000 މެންބަރުން ހަމަނުވެގެން ޕާޓީތައް އުވާނުލުމަށް މިދިޔަ މަހުގެ
ތެރޭގައި ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް އެ ކޮމިޝަނުން ޗެލެންޖް
ކޮށް، ގަސްތުގައި އެ އަމުރާ ހިލާފުވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ބުނީ އެއީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ނ އާ ހިލާފަށް ކޮމިޝަނުން ކޮށްފައިވާ އަމަލެއް ކަމަށެވެ. ކޮމިޝަންގެ މެމްބަރުން ހާޒިރުވާން އަމުރުކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.އެ
ކޮމިޝަންގެ މެންބަރަކު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އެ
ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް މާދަމާ އެ ކޯޓަށް ހާޒިރުވާނެ ކަމަށެވެ.
އަދި އެ ކޯޓުގެ އަމުރުތަކަށް ކޮމިޝަނުން އަބަދުވެސް ބޯލަބާނެ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ