ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި މަކުނުދޫ ދާއިރާގެ ވޯޓުގައި މައްސަލަ އުފެދި އެ ދާއިރާގެ ވޯޓުލުން އަލުން ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
އެ ދާއިރާގެ ވޯޓުގައި މައްސަލަ ޖެހުނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ވޯޓުލުން ނިންމައި ވޯޓު ފޮށި ގުނަން އެންގުމުން ވެސް އެ ދާއިރާގެ މަކުނުދު އާއި ކުމުންދޫގައި ބެހެއްޓި ވޯޓު ފޮށި ނުގުމުންނެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މަކުނުދޫ ދާއިރާގެ ދެ ވޯޓު ފޮއްޓެއް ގުނަން އެންގުމުން ވެސް، ވޯޓު ފޮއްޓާއި އެ ދާއިރާއާ ހަވާލުވެ ތިބި އޮފިޝަލުން ވޯޓު ފޮށި ގުނާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ވޯޓު ބާތިލްކޮށް އެ ދާއިރާގެ ޕްރައިމަރީ އަލުން ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ ޓިކެޓަށް ވާދަކުރައްވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަހުމަދު އަކުރަމާއި ވާހަކަލިޔުންތެރިޔާ، ޔަޝްފާ އަބްދުލްޣަނީގެ އިތުރުން އަލީ ގާސިމް އަދި ނެދުންގެ މުހައްމަދު އިހުސާން އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި އެ ދާއިރާގެ ވޯޓު ފޮށި ނުގުނައި ލަސްވުމާއި ބައެއް ރަށްތަކުގައި ވޯޓުލުން ވަކިވަކިން ބޭއްވުމަކީ ވޯޓުގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ނުނިމި ހުރި ދާއިރާތަކާ އެކު އަންނަ ހުކުރު ދުވަހު މަކުނުދޫ ދާއިރާގެ އިންތިހާބު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ޕްރައިމަރީގައި މިހާތަނަށް 53 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު އަދި 32 ދާއިރާއެއްގެ ޕްރައިމަރީ ބާއްވަން ޖެހެ އެވެ.
އެމްޑީޕީ ޕްރައިމަރީގެ މަކުނުދޫ ދާއިރާގެ ވޯޓުގައި މައްސަލަ ޖެހި ވޯޓުލުން އަލުން ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ