ޢުމަރުގެ މައްސަލަ ބަލާ ގާޒީ ބަދަލު ނުކޮށް، މާދަމާއަށް އަޑުއެހުމެއް ތާވަލު ކޮށްފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްސަލަ ބައްލަވާ ކްރިމިނިލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ ބަދަލުގައި އެހެން ގާޒީއަކު ހަމަޖައްސަވައި ދެއްވަން އުމަރު އެދިވަޑައިގެން ނަމަވެސް ގާޒީ އަބްދުﷲ ދީދީގެ ސެކްޝަނުން އުމަރު މައްސަލަ ތާވަލުކޮށްފި އެވެ.
އުމަރުގެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 12:00 ޖަހާއިރު އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް އެދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނަށް އުމަރު ސިޓީފުޅެއް ފޮނުއްވީ މި މައްސަލަ ބައްލަވާ ގާޒީ ޒާތީ ކަމެއް ގެންގުޅުއްވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ކުރުމުގެ ހައްގު ގެއްލޭނެ ކަމަށް ވިދާޅުވެ އެވެ.
އެންމެ ފަހުން އޮތް އަޑުއެހުމުގައި ގާޒީ އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ ދެން އޮންނާނީ މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ކަމަށެވެ.
އުމަރުގެ މައްޗަށް ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން އުމަރު ފާހަގަ ކުރެއްވި އިޖްރާއީ ނުކުތާ ބަލައި ނުގަންނަ ކަމަށް ގާޒީ އަބްދުﷲ ދީދީ ވަނީ އެންމެފަހުން މި މައްސަލައިގަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިންމާފަ އެވެ. އަދި އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ ނިންމުން ލިޔުމުން ދިނުމަށް އުމަރުގެ ފަރާތުން އެދުނު ނަމަވެސް، ލިޔުމުން ނިންމުން ދިނުމަށް ވެސް ގާޒީ އަބްދުﷲ ދީދީ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
ދައުލަތުން އުމަރުގެ މައްޗަށް އެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި، ސިފައިންގެ މަރުކަޒަށް ހަރުގަނޑު ބަހައްޓައިގެން ވަނުމަށް ގޮވާލި މައްސަލައިގަ އެވެ.
އެމްއެމްއޭ ސަރަހައްދުގައި ހުރެ އުމަރު ގޮވާލައްވާފައި ވަނީ ސިފައިންގެ މަރުކަޒުގެ ބޭރުގައި ހަރުގަނޑު ލައްގައިގެން އެތަނަށް މީހުން ވަނުމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި ފުލުހުން އުމަރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދަން މަސައްކަތްކުރި ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ