އުމަރު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ނެރުނު އަމުރު އިސްތިއުނާފަށް!

މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް އިސްތިއުނާފުކުރުމަށް އުމަރު ހުށަހެޅި ނަމަވެސް އެ މައްސަލަ ހައިކޯޓުން ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެނގިފައިވެއެވެ.
އުމަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރަސްމީ ދަތުރުފުޅެއްގައި ނެދަލެންޑްސްގައި ހުންނަވަނިކޮށެވެ. އެ ދަތުރުފުޅަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންވާ ކުއްތާހޯދުމުގެ އެންމެ ފަހުގެ ނިންމުންތައް ނިންމުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މީގެ ކުރިން ހޯމް މިނިސްޓްރީންބުނެފައިވާއިރު އެ މިނިސްޓްރީއިން ބުނެފައިވަނީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އުމަރު މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.
އުމަރުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ކުރީގެ ރައީސް މުހައްމަދުނަޝީދުގެ ސަރުކާރުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިމުޒާހަރާއެއްގައި ދައުލަތުގެ އަމާންކަމަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަދެއްކެވި ކަމަށް ބުނެއެވެ. ނަމަވެސް އެ ދައުވާއަށް އެނާ ވަނީ އިންކާރު ކުރައްވާފައެވެ.
މި މައްސަލާގައި މިދިޔަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވަން ހަމަޖެއްސި ޝަރީއަތް ކެންސަލްކޮށްފައިވާއިރު އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލްކުރީ އުމަރު ކޯޓަށް ވަޑައިނުގަތުމުންނެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ޝަރީއަތް ކެންސްލް ކުރި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ