އަމިއްލަ ފަރާތްތަކަށް ވިޔަފާރި އުސޫލުން ކަރަންޓް އުފެއްދޭނެ މަޝްރޫއެއް ފަށައިފި

އަވީގެ ހަކަތަ ބޭނުންކޮށްގެން އަމިއްލަ ފަރާތްތަކަށް ވިޔަފާރި އުސޫލުން ކަރަންޓް އުފެއްދޭނެ މަޝްރޫއެއް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މިއަދު ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި "އެކްސެލެރޭޓިން ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމަންޓްސް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓް ލޯންޗްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި މުޅިން އަލަށް ފަށާ މި މަޝްރޫއުގެ ދަށުން މާލެ ސަރަަހައްދުގައި 2.5 މެގަވޯޓްގެ ސޯނާ ޕެނަލްތައް ބަހަށްޓާނެ ކަމަށެވެ. މި ޕެނެލަތައް ހަރުކުރަނީ ސަރުކާރުގެ އިމާރާތްތަކުގެ މަތީގަ އެވެ.
ތޯރިގު ވިދާޅުވީ އެ މަޝްރޫއުގެ މައިގަނޑު އަމާޒަކީ އިއާދަކުރަނިމި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ދިމާވާ ރިސްކު ކުޑަކޮށް އިންވެސްޓްމެންޓްތަކަކީ އިންވެސްޓަރުން ބަލައިގަންނަ އިންވެސްޓްމަންޓްތަކަކަށް ހެދުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ސްޓެލްކޯއަށް އަމިއްލަ ފަރާތްތަކުން އުފައްދާ އިއާދަކުރަނިވި ހަކަތަ 10 އަހަރު ވަންދެން ގަންނާނެ ކަމަށެވެ.
އަމިއްލަ އިންވެސްޓަރުންނަށް އަމާޒުކޮށްގެން އިންވެސްޓްމަންޓް ސަޕޯޓު ފޯރުކޮށްދިނުމަށް އިއާދަކުރަނިވި ވަސީލަތްތަކުން ހަކަތަ އުފެއްދުމުގެ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓްތައް ހަލުވި މިނެއްގައި އިތުރުވެގެންދާނެ ކަމަށް އެންވަރަންމެންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ