ދަސްވާރު ޕްރޮގްރާމްގެ ދަށުން އެޑިޔުކޭޝަނާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މިނިސްޓްރީއޮފް އެޑިޔުކޭޝަންގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީއިން ކުރިއަށްގެންދާ "ދަސްވާރު 2015" މި ޕްރޮގްރާމްގެ ދަށުން 23 ދަރިވަރަކަށް ބޭނުންވާ ތަމްރީނާ ތަޖުރިބާ ހާސިލްކުރުމުގެ ގޮތުން ފުރުސަތު ދިނުމަށްޓަކައި އެސްޓީއޯއާ މިނިސްޓްރީއޮފް އެޑިއުކޭޝަންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އުފާ ޕްރޮގްރާމް އޮފީހުގެ ފަރާތުން ފާތިމަތު ސޯފިޔާ ރަޝީދެވެ. އެސްޓީއޯ ގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަހީރެވެ.
އެސްޓީއޯއިން ބުނީ، މި އެމްއޯޔޫގައި ސޮއިކުރެވުނީ އިލެކްޓްރިޝިއަން، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް، ފޮޓޯގްރަފީ، އޮޓޯމޯޓިވް މެއިންޓެނެންސް އަދި ރީޓެއިލް ސާވިސަސްގެ ދާއިރާތަކުން އެސްޓީއޯގެ އެކިއެކި ވޯކްސައިޓްތަކުން ތަމްރީން ދިނުމަށެވެ. އަދި ދަރިވަރުން ތަމްރީން ހޯދުމަށްޓަކައި މަސައްކަތް ކުރާނީ ހަމަސް ދުވަހުގެ މުއްދަތަކަށް، ކޮންމެ ހަފްތާއަކު 3 ދުވަހު ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
އެސްޓީއޯއިންވަނީ މިދިޔަ އަހަރުގައިވެސް ދަސްވާރު ޕްރޮގްރާމްގެ 30 ދަރިވަރަކަށް އެކުންފުނީގައި މަސައްކަތް ދަސްކުރުމުގެ ފުރުސަތު ދީފައެވެ.
އެންމެ ކުއްޖަކުވެސް ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ފެށި މި ޕޮރްގްރާމަށް ލިބޭ ތަރުހީބު އެއްދުވަހުން އަނެއްދުވަހަށްދަނީ އިތުރުވަމުންނެވެ.
މިދިޔަ އަހަރު ދަސްވާރު ޕްރޮގްރާމްގައި 181 ދަރިވަރަކު ބައިވެރި ވެފައިވާއިރު މިއަހަރުގެ މިހާތަނަށް 234 ދަރިވަރަކުވަނީ ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވެ މަސައްކަތުގެ ތަޖްރިބާ އާއި ތަމްރީން ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ