ރައީސް އޮފީހުގެ ޕްރެސްތަކަށް ފޯނު ނުވެއްދޭތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި

ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ބުނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޯނަކީ ނުހަނު މުހިންމު ވަސީލަތެއް ކަމަށާއި، ރައީސް އޮފީހުގެ ނިންމުމާމެދު ކަންބޮޑުވާކަމަށެވެ.
ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަންނަ ނޫސްވެރިންގެ ފޯނު ނުވެއްދޭ މައްސަލާގައި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 
މިއަދު 11:00 ގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ބޭއްވި ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދޭނެ ކަމަށް އެންގި އެވެ. މިއަދުގެ ޕްރެސްގައި އެކަނި ފޯނު ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ، ފޯނު ބޭނުން ނުކުރެވޭ ގޮތަށް ގެނައި ބަދަލު ކުރިން އަންގާފައި ނުވާކަމަށް ބުނެ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުންނެވެ. އެކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، ރައީސް އޮފީހުގެ އެފަދަ ކަންކަމަކީ އެއްވެސް އިތުރު ފަރާތަކަށް ބަދަލު ގެނެވޭނެ ކަމެއް ނޫން ކަމަށާއި، ފޯނު ނުވެއްދޭ ގޮތަށް ނިންމީ އެމްއެންޑީއެފްގެ ޕްރޮޓޮކޯލްގެ ތެރެއިން ކަމަށެވެ. މި ނިންމުމާ ގުޅިގެން އެމްޖޭއޭގެ ބަޔާނުގައި ބުނީ ފޯނަކީ ނޫސްވެރިންގެ މަސައްކަތުގައި މުހިންމު އެއްޗެއް ކަމަށާއި، މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ނޫސްވެރިންގެ ބައްދަލުވުމުގައި ފޯނު ބޭނުން ނުކުރެވޭ ގޮތަށް ބަދަލު ނުގެންނަ ކަމަށެވެ. "... މިއީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭނެ، އަދި ނޫސްވެރިކަންކުރުމުގެ މިނިވަންކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް" އެމްޖޭއޭގެ ބަޔާނުގައި ބުނެ އެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޯނަކީ މުހިންމު އާލާތެކެވެ. އެގޮތުން ވަގުތުން ސުވާލުކުރުމާ ކަންކަން ސާފުކުރުމަށް ރިސާޗް ހެދުން ފަދަ ކަންކަން ކުރުމަށް ފޯނު މުހިންމުވެ އެވެ.މިއީ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން އެންގި ފުރަތަމަ ފަހަރެވެ. އާންމު އުސޫލެއްގެ ދަށުން މީގެ ކުރިން އެ އޮފީހުން އަމަލު ކުރާ ގޮތަކީ ހަމައެކަނި ނޫސްވެރިޔާގެ ސެކިއުރިޓީ ޗެކު ކުރުމެވެ. އެގޮތުން ދަބަހެއް އޮތްނަމަ އެ ދަބަސް ސްކޭން ކުރެ އެވެ. ނަމަވެސް މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮތް ގޮތުން ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށް އެ އޮފީހުން ވަނީ އަންގާފަ އެވެ. އަދި އެގޮތަށް އަމަލުކުރަން ފެށިތާ ދެ މަސް ވެފައިވާ ކަމަށް ވެސް އަންގާފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ