ދަރިވަރުން މަޑަވެލީ ސްކޫލް ބަންދުކުރީ ބެލެނިވެރިންގެ އެހީއާ އެކު: އެޑިޔުކޭޝަން

މަޑަވެލީ ސްކޫލް ކުދިން އެ ސުކޫލުގެ ކުރީގެ ޕްރިން ސިޕަލް އިގުބާލް ހަމީދު އަނބުރާ ސްކޫލަށް ގެންދިއުމަށް އެދި މިދިޔަ ހަފުތާގައި ކުރި ހަޅުތާލުގައި ސްކޫލް ބަންދުކޮށްފައި ވަނީ ބެލެނިވެރިންގެ އެހީތެރިކަމާ އެކު ކަމަށާއި އެކަމުގައި ބެލެނިވެރިންގެ އިހުމާލެއް އެބައޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އާދިއްތަ ދުވަހު ބުނެފި އެވެ.
ފަހަކަށް އައިސް ސުކޫލްތައް ބަންދުކޮށް ދަރިވަރުން ކިޔެވުމުގެ ހައްގުން މަހުރޫމު ކުރަމުން ގެންދާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޑރ. އަބްދުﷲ ނަޒީރު އިއްޔެ ވިދާޅުވީ މަޑަވެލީ ސްކޫލް ބަންދުކޮށްފައި ވަނީ ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ދަރިވަރުންނަށް ލިބިގެން ކަމަށާއި އެއީ ބެލެނިވެރިންތަކެއް ދަރިވަރުން ހިމަނައިގެން ކުރުވި ކަމެއް ކަމަށެވެ.
"ސްކޫލުގެ ދޮރޯށި ކައިރީގައި މޭޒާއި ގޮނޑި އަތުރައިގެން ދަރިވަރުން ސްކޫލު ބަންދު ކުރިއިރު ބެލެނިވެރިން ބަރާބަރަށް އެ ކުދިންނަށް ދިޔައީ ކާބޯތަކެތި ފޯރުކޮށްދެމުން ކަމަށް މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައި ވަނީ. ދަރިވަރުންގެ ކިޔެވުން ގެއްލި ދިޔަކަމީ ބެލެނިވެރިންގެ ވަރަށް ބޮޑު އިހުމާލެއް،" ޑރ. ނަޒީރު ވިދާޅުވި އެވެ.
މަޑަވެލީ ސްކޫލުގެ ޓީޗަރުންގެ ފެންވަރު ދަށްކަމަށް ޕްރިންސިޕަލް އިގްބާލް ވިދާޅުވުމުން އެ ސްކޫލުގެ ބެލެނިވެރިންތަކެއް ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަންދެން ސްކޫލު ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ސުކޫލް އަލުން ހުޅުވުމުން އަނެއްކާ ވެސް ކުދިން ނުކުމެ ސްކޫލް ވަނީ ބަންދު ކޮށްފަ އެވެ. މައްސަލަ ހޫނުވެ އެ މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަނުން އެ ރަށަށް ފޮނުވި ހާއްސަ ޓީމު ވެސް މިހާރު ވަނީ އެ ރަށުން ބޭރުކޮށްފަ އެވެ.
މަޑަވެލީ ސްކޫލްގެ މައްސަލަ އަށް އޮތް ހައްލަކީ ބެލެނިވެރިންގެ އެދުމާ އެއްގޮތަށް ފެންވަރު ދަށް ޓީޗަރުން މަގާމުން އިސްތިއުފާ ދިނުން ނުވަތަ ވަކި ކުރުން ނޫންކަން ފާހަގަ ކުރައްވަމުން ޑރ. ނަޒީރު ވިދާޅުވީ ބެލެނިވެރިންގެ ޝަރުތުތައް ފުރިހަމަ ކޮށްދެވެން ނޯންނާނެ ކަމަށެވެ.
"އެކަން ކަނޑައަޅާނީ އެކަމަށް ހާއްސަ ޕްރޮފެޝަނަލް ޓީމަކުން. ބެލެނިވެރިންނެއް ނޫން،" ޑރ. ނަޒީރު ވިދާޅުވި އެވެ.
މީގެ ކުރިން މަޑަވެލީ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވި އިގްބާލް ހަމީދު ވަނީ އެ މަގާމުން ދުރުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރީގެ ޕްރިންސިޕަލް އިގުބާލާ ދެކޮޅަށް ފިޔަވަޅު އެޅީ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އިގުބާލު އަމަލު ކުރެއްވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ