ރާއްޖޭގެ އެންމެ ދުވަސްވީ އެއް ނޫސް ކަމަށްވާ، ދުވަހު ނޫސް ހަވީރު އޮންލައިނުން ހޮވާ "ހަވީރު ސްޕޯޓްސް"ގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހޯދައިފި އެވެ.
ހަވީރުގެ ޓްރޮފީއާ 30،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަސަދުﷲ މިރޭ ހޯދިއިރު، ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަންގެ ރަން ބޫޓު ވެސް ހޯދާފައި ވަނީ އަސަދުﷲ އެވެ. އޭނާ ވަނީ މިދިޔަ ސީޒަން ގައި 30 ލަނޑު ކާމިޔަބު ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އެފްއޭ ކަޕް މާޒިޔާއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ހަވީރުގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2011 ވަނަ އަހަރު ވެސް ހޯދި އަަސަދުﷲއަށް ހަވީރުގެ ރަންބޫޓާ އެކު މިރޭ ވަނީ 25،000ރ. ވެސް ލިބިފައެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަސަދުﷲ ހޯދި އިރު، އޭނަޔާެެކު މިމަގާމަށް ދެން ވާދަކުރި ކުޅުންތެރިންނަކީ ނިއު ރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އާއި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އާއި މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު މުހައްމަދު އާރިފް (ބަކާ) އަދި މިދިޔަ އަހަރު މާޒިޔާ އަށް ކުޅެ މިހާރު ނިއު އަށް ބަދަލުވެފައިވާ އަސްހަދު އަލީ (އަޑުބަރޭ) އެވެ. އަދި މިއީ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އީސަ އާއި އަޑުބަރޭ ވާދަކުރާ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ދެ ވަނަ ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއެންޓުގެ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ތިން ވަނައަށް ދިޔައީ ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އެވެ. އަދި ވޭތުވެދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހަވީރުން ހޮވާފައި ވަނީ މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އެވެ.
ހަވީރުގެ 21 އަހަރުން ދަށުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް އިރުފާންގެ އިތުރުން ދެން ވާދަކުރީ ނިއުގެ ހަމްޒާ މުހައްމަދު އަދި އީގަލްސްގެ އިބްރާހިމް ހަމްދާނެވެ.
ކުޅިވަރަށް ދިގު މުއްދަތަަށް ހިދުމަތްކުރައްވާފައިވާތީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ގައުމީ ކްރިކެޓް ޓީމާއި ވިކްޓަރީގެ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކްރިކެޓް ކޯޗު ފާއިޒު ސަމަދަށެވެ.
ހާވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗަކަށް ހޮވުނީ ނިއުރޭޑިއެންޓުގެ ފިންލޭންޑް ކޯޗް މިކާ ލޮންސްޓްރޮމެވެ. އަދި އަހަރުގެ އެންމެ މޮޅު ރެފްރީއަކަށް އަހުމަދު ޝިފާން އަބްދުއްރަހީމް ހޮވުނުއިރު، ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދިން ރާއްޖޭގެ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރަށް ވަނީ މިރޭގެ ހަފްލާގައި އޭނާ ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ ފިލައެއް ދީފައެވެ.
މިފަހަރުގެ ހަވީރު ސްޕޯޓްސް އެވޯޑްސްގައި ދިވެހި ސިފައިންގެ ކްލަބުގެ އިސްމާއިލް ސާޖިދު (ކުޑައްޓޭ) ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެންމެ މޮޅު ފިރެހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަދި މިދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރެހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝާއިން އެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އެވެ. މިދިޔަ އަހަރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ނައިފަރު ޖުވެނައިލްގެ އައިމިނަތު އަރީޝާއަށެވެ.
މިރޭގެ ހަފްލާގައި މިދިޔަ އަހަރުގެ އޭޝިއަން ގޭމްްސްގެ 100 އަދި 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކުރި ހަސަން ސާއިދު އަށް ހަވީރުން ވަނީ ހާއްސަ އިނާމް ދީފައެވެ. ސާއިދު މި ވަގުތު ތަމްރީން ހެދުމަށް ޖެމެއިކާގައި ހުރުމުން ސާއިދުގެ ފަރާތުން އިނާމާ ހަވާލުވީ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލެވެ.
މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި އަށްވަނަ މޮންސޫން މޭހެމް އިންޓަނޭޝަނަލް ސާފިންގް ޗެލެންޖުގެ ބޮޑީ ބޯޑިންގް ކެޓަގަރީން އެއްވަނަ ހޯދި އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އާއި، މެލޭޝިއާގެ ޓިއަމަން އައިލެންޑްސްގައި ބޭއްވި ޓިއަމަން ފެސްޓިވަލްގެ ބޯޑީ ބޯޑިންގް ކެޓަގަރީން އެއްވަނަ ހޯދި އަލީ ޖާވީދު، އަދި އިންޑިއާގައި ބޭއްވި ކޮވެލޯންގް ޕޮއިންޓް ކްލެސިކް ސާފިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވަނަތައް ހޯދާފައި ވުމުން ހަވީރުން ވަނީ އެކަން ފާހަގަ ކޮށް އެރާޅާއެޅުންތެރިން ނަށްވެސް ހާއްސަ އެވޯޑެއް ދީފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ޖެހިޖެހިގެން 12 އަހަރު ކާމިޔަބު ކުރި މުއީނާ މުހައްމަދު ވެސް މިރޭ ހަފްލާގައި ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސްގެ މިރޭގެ ހަފްލާގައި ހަވީރުގެ އިސްވެރިންނާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަދި ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން ކުޅިވަރުގެ މައިދާނުގައި އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުން އަންނަ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
ދަރުބާރުގޭގައި ކުރިއަށްދިޔަ 21 ވަނަަ ހަވީރު ސްޕޯޓްސް އެވޯޑުގެ މިހަފްލާ ޓީވީއެމް އިން ވަގުތުން ދުރައް ދައްކަމުން ދިޔައިރު، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެްދިޔައެވެ. އެގޮތުން މިރޭގެ ހަފުލާގައި ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް ފަސީ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ގެ ހަރަކާތްތައް ކުރިއަށް ދިޔައެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އަސަދުﷲ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ