މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭ އިޖުރާތުތައް ހިމެނޭ ގަވައިދު ސަރުކާރުން ގެޒެޓުގައި ޝާއިއުކުރެވުމުން ވަރަށް ބޮޑު އިމްޕެކްޓެއް ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށާއި މަރުގެ ހުކުމެއް ތަންފީޒުކޮށްފިނަމަ ކުށުގެ ވެއްޓަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
"މަރުގެ ހުކުމެއް ތަންފީޒުކޮށްފިނަމަ ކުށުގެ ވެއްޓަށް ވަރަށް ބޮޑު އަސަރެއް ކުރާނެ، ރަނގަޅު ބަދަލުތަކެއް އަޅުގަނޑުމެންގެ ވެއްޓަށް ގެނެވޭނެ،" ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ކުރަމުން އަންނަ ބޮޑެތި ކުށްތައް ހާއްސަކޮށް މީހުންގެ ފުރާނަ ދުއްވާލުމަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ސަރުކާރުން އިއްޔެ ނިންމި ނިންމުމަކީ ވަރަށް ހަރުދަނާ ނިންމުމެއް ކަމަށެވެ. އަދި ރާއްޖޭގައި އަމަން ގާއިމުކުރުމަށާއި ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް މި ސަރުކާރުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
"ރައްކާތެރި މުޖުތަމައުއެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް، އެ އަމާޒާއި ހަމައަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނަން." އުމަރު ވިދާޅުވި އެވެ.
މި ސަރުކާރުން ކުށް ކުރުން ހުއްޓުވުމަށްޓަކައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވިހާހިނދަކު އެއްވެސް ކުށްވެރިއަކަށް ފިލައިގެން ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ނޫޅެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަރުގެ ހުކުމް އަންނަ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށް ދިނުމުގެ ބާރު ރައީސަށް އޮތް ނަމަވެސް މަރުގެ އަދަބާ ގުޅޭ ގަވާއިދާ ގުޅިގެން އެގޮތަށް ރައީސަށް މައާފް ނުދެވޭނެ ކަމަށް މިިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ބުނާގޮތުން މީހެއްގެ މައްޗަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައިފި ނަމަ ނުވަތަ ދަށު މަރުހަލާގެ ކޯޓަކުން އިއްވާފައިވާ މަރުގެ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި ނަމަ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމުގެ ބާރު ރައީސަށް އޮވެ އެވެ.
މިނިސްޓަރު ވިދާޅުވީ މަރުވި މީހާގެ ހުރިހާ ވާރިސުން އެދޭ ނަމަ މަރުގެ އަދަބު ތަންފީޒު ކުރެވޭނެ ކަމަށާއި އެއީ އިސްލާމީ ޝަރީއަތުގައި ވެސް އޮންނަ ގޮތް ކަމަށެވެ. އަދި ގަވާއިދުގައި ބުނާ އިޖްރާއަތު ފުރިހަމަކޮށްފައިވާ ނަމަ މަރުގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް ލިބިދެވޭ ގޮތަށް ގާނޫނުގައި އޮންނަ މާއްދާ އަށް އަމަލު ނުކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މީހުން މެރުމުގެ ކުށްތަކުގެ އިތުރުން އެހެން ބައެއް ކުށްތަކަށް ވެސް ރާއްޖޭގައި މަރުގެ އަދަބު ދިނަސް މި ގަވައިދަކީ ހަމައެކަނި ގަސްދުގައި މީހުން މެރުމުގެ ކުށްތަކަށް އޮޮތް ގަވައިދެއް ކަމަށެވެ.
ރާއްޖޭގައި ގާނޫނުތައް ބުނާގޮތުން މީހުން މެރުމުގެ ކުށްތަކުގެ އިތުރުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ ނުވަތަ ރައީސްގެ ފުރާނަފުޅަށް ގެއްލުމެއް ދީފި ނަމަ ނުވަތަ ދައުލަތާ ދެކޮޅަށް ބަޣާވާތްކޮށްފި ނަމަ މަރުގެ އަދަބު ދެވިދާނެ އެވެ.
މަރުގެ ހުކުމެއް ތަންފީޒުކޮށްފިނަމަ ކުށުގެ ވެއްޓަށް ވަރަށް ބޮޑު އަސަރެއް ކުރާނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ