އެސްޓީއޯ ނޫފަހި ވިމެންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ނޫފަހި ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެވޭނެ އެވެ.
މިއަދު ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ.
ނިއު މި މުބާރާތުގެ ފައިނަލަށް ދަތުުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ސަންގެ މައްޗަށް 1-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ސިފައިން ސަން ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ނިއުގެ އެސިސްޓަންޓް ކޯޗު ނިހާން ނަސީރު ބުނީ ނިއު ހުރިހާ ކުޅުންތެރިން ފިޓް ކަމަށާއި ސިފައިންގެ ކުލަބު ބަލިކުރުމަށްފަހު ތަށި ހޯދުމަށް ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށެވެ.
ސިފައިންގެ ކުލަބުގެ ކޯޗު އަބްދުލް ހަމީދު ބުނީ އެޓީމު ވެސް ފުރިހަމައަށް ތައްޔާރުވެފައިވީ ނަމަވެސް ކުދި ކުދި އަނިޔާގެ މައްސަލަތައް އުޅޭ ކަމަށާއި އަނިޔާތައް ކުރިމަތިވީ ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން ކަމަށެވެ.
މިއީ އެފްއޭއެމް އިން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ދެ ވަނަ ފުޓްބޯޅަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބޭއްވީ 2012 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ