ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ލެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި މިވަނީ ޖޭއެސްސީއަށް ވަކީލުން އިންތިހާބުކުރުމުގައި އަމަލުކުރާނެ އުސޫލުގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވޯޓު ނުލެވޭ ގޮތަށް އޮތް އޮތުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާއި ގުޅިގެންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިމަހު އާންމު ކުރިއިރު އެ އުސޫލުގައި އޮތް ގޮތުން ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ވޯޓު ނުލެވޭނެ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި މިއަދު ނެރުނު އަމުރުގައި ވަނީ ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުން އެކި އެކި ނަންނަމުގައި އެކިއެކި ހައިސިއްޔަތުން ވަޒީފާ އަދާކުރުމަކީ އެމީހެއްގެ ކިބައިން ގާނޫނީ ވަކީލުކަމުގެ ސިފަ ގެއްލިގެން ދާންޖެހޭ ސަބަބެއްނޫން ކަމަށެވެ.
އަދި ކޮންމެ މަގާމެއްގައި ހުރިކަމުގައި ވިޔަސް އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން އެ އިންތިޚާބުގެ ކަންކަން އިންތިޒާމްކޮށް އެ އިންތިހާބު ބާއްވަންޖެހޭ ތާރީޚުގައި އެ އިންތިޚާބު ބާއްވާ ނިންމުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. އަށް ރިއާޔަތްކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރުން އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ މިހާރު ވަނީ އާންމުކޮށްފައި އެވެ.
އިންތިހާބުގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ވޯޓު ލެވޭނެ - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ