ރައީސް ނަޝީދު، މެމްބަރު މުހަންމާއާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރު މުހަންމާއާ ބައްދަލުވެ ވާހަކަދައްކާލަން ލިބުނު ފުރުސަތުގައި އެބޭފުޅާގެ ހިތްވަރާއި ސާބިތުކަން ސާފުވެ ވަޑައިގެންނެވި ކަމަށެވެ.
މުހަންމާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް ހުށަހެޅި ލިސްޓުގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
އެ ލިސްޓުގައި ސޮއިކުރި ޕީޕީއެމްގެ 10 މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އިއްޔެ ޕީޕީއެމްއިން ވަކިވެފައެވެ. އަދި ޕީޕީއެމްގެ ޕާލިމެންޓްރީ (ޕީޖީ) ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމުންނާއި މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ މުގައްރިރުކަމުގެ މަޤާމުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދީ 45 މެމްބަރުންގެ ސޮޔާއެކުއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ޖަލްސާތަށް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ