ގާސިމް ބޭރަށް ދިއުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހޭނެ: އަޒްލީން

އާލާސްކަންފުޅާ އައިޖީއެމްއެޗުގައި ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އެޑުމިޓުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ހޯމް މިނިސްތަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
އަޒްލީން ވަނީ ސްރީލަންކާގައި ހުންނަވާ ސަފީރު ކަމަށް ދާދި ފަހުން ކަނޑައަޅުއްވާފައިވާ މުހައްމަދު ހުސައިން ޝަރީފު(މުންދު)އާއެކު ވަޑައިގެން ރޭ ގާސިމާ ބައްދަލު ކުރައްވާފައެވެ. ގަޑިއެއްހާއިރަށް ދެމިގެން ދިޔަ ބައްދަލުވުމުގައި ތިބީ އަޒްލިނާއި، މުންދުއާއި ގާސިމް އެކަންޏެވެ.
ހޯމް މިނިސްޓަރު އަޒްލީން އެހެން ވިދާޅުވީ ރޭގެ އެ ބައްދަލުވުމާއި ބެހޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޕީއެސްއެމްއިން ބުނެފައިވާ ގޮތުގައި ގާސިމްގެ ބޭސްފަރުވާއަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެ ކަމަށް އަޒްލީން ވަނީ ވިދާޅުވެފައެވެ. ގާސިމްގެ ސިއްހީހާލުކޮޅު ހުރި ގޮތުން ރާއްޖެއިން ބޭރުން ފަރުވާ ދިނުމަށް ޑޮކްޓަރުން އެދިފައިވާ އިރު ވެސް މިހާތަނަށް އައި އިރު ވެސް ގާސިމަށް ފުރާވަޑައިގެންނެވޭ ގޮތްވަނީ ނުވެފައެވެ.
އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮންނަވަނިކޮށް ގާސިމްގެ މަައްޗަށް ޣައިރު ހާޒިރުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭއެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ