މެމްބަރު އާޒިމާއި އަލީ ޒާހިރު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގޭގެ ކުރިމަތީގައި ބޭއްވި އެއްވުމެއްގެ ތެރެއިން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު މިރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާޒިމް އާއި އަލީ ޒާހިރު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު ދޫކޮށްލީ ކޮންއިރަކު ކަމެއް އަދި ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އާޒިމް ހައްޔަރުކޮށްފައި ވަނީ އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ބޭއްވި "ހަވީރު ސައި"ގެ ހަރަކާތަށް އެއްވި މީހުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.
އަލީ ޒާހިރު ވެސް ހައްޔަރުކުރީ އެތަނުގައި އެއްވި ތިބި މީހުންނާ މުހާތަބުކޮށް ވާހަކަދައްކާ ނިމުނުތަނާ އިރުކޮޅެއް ފަހުންނެވެ. އެތަނުގައި މީހުން އެއްވެ ތިއްބާ ފުލުހުން އެ ތަނަށް ގޮސް އެ ތަނުގައި ތިބި މީހުންގެ މޫނަށް ޕެޕާ ސްރޭ ޖަހައި، ހަރުގެ ތެރެ އަށް ވަދެ ބައެއް މީހުން ހައްޔަރުކުރި އެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އާޒިމް އާއި އަލީ ޒާހިރުގެ އިތުރުން ޖުމްލަ ހަތަރު މީހަކު ހައްޔަރުކުރި ކަމަށެވެ.
އެމްޑީޕީގެ ހަރުގެ ތެރެއަށް ފުލުހުން ވަދެ މީހުން ހައްޔަރުކުރި އިރު އެ ޕާޓީގެ ބައެއް މަގާމުތަކަށް މީހުން އިންތިހާބުކުރުމުގެ ވޯޓުލުން އެތަނުގައި ކުރިޔަށް ދިޔަ އެވެ. ނަމަވެސް ފުލުހުން ބުނީ އެތަނުގައި އެއްވެސް ހަރަކާތެއް ހިންގާކަމެއް ފުލުހުންނަށް ކުރިން އަންގާފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ