ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުވާލުމާ ދެކޮޅު ހައްދަވައި މެމްބަރު ނަޝީދު ހުއްޖަތް ދައްކަވައިފި

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން އެ މެމްބަރަކު ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ނަޝީދު އެ އުސޫލާ ދެކޮޅު ހައްދަވައި، ހުއްޖަތްތަކެއް ދައްކަވައިފި އެވެ. މަޝްހޫރު ގާނޫނީ ވަކީލު، ނަޝީދު އެކަމާ ދެކޮޅު ހައްދަވައި ގާނޫނީ ނަޒަރިއްޔާއަކުން އެ މައްސަލައަށް ފާޑު ވިދާޅުވީ އޭނާގެ އަމިއްލަ ބްލޮގުގަ އެވެ. ނަޝީދުގެ ބްލޮގުގައި އޭނާ ލިޔުއްވާފައި ވަނީ އިތުބާރު ނެތް ކަމުގެ ވޯޓެއްގެ ނޯޓިސް މެމްބަރުންނަށް ފޮނުވާފައި ވަނިކޮށް، މެމްބަރުންތަކެއްގެ ގޮނޑި ގެއްލޭނެ ހާލަތެއް އުފަން ނުކުރެވޭނެ ކަމަށެވެ. ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަންކުރުވިދާނެ ކަމަކަށް ހަމައެއްގޮތަކަށްވެސް ނުފެނޭ. މެމްބަރު މުހައްމަދު ނަޝީދު ނަޝީދު ދެއްކެވި ހުއްޖަތުތައް: ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުމަކީ ބަރުލަމާނީ ސިފައެއް އެގޮތަށް ގޮނޑި ގެއްލޭ ގޮތަށް ހެދޭނީ ގާނޫނުއަސާސީން މަޖިލީހުގެ މެޖޯރިޓީ ނެތުމަކީ، ވެރިކަން ވެއްޓެންޖެހޭ ސަބަބެއް ނޫން އިންތިހާބު ކުރަނީ ޕާޓީ ތަމްސީލުކުރާކަށް ނޫން، ދާއިރާ ތަމްސީލު ކުރަން މެމްބަރު ޕާޓީ ބަދަލުކޮށްފިނަމަ، ރިކޯލް ވޯޓަކަށް ދިއުން ސިޔާސީ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރުން ޕާޓީ ބަދަލު ކުރާނަމަ، ނުވަތަ އެ ޕާޓީއަކުން ވަކިވެވަޑައިގެންފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި އަމަލު ކުރާ އުސޫލެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެ އުސޫލަކީ "އެންޓި ޑިފެކްޝަން" ކަމަށާއި ބަރުލަމާނީ ނިޒާމަށް އަމަލުކުރާ ޤައުމުތަކުން ވެސް، އެ އުސޫލު ދޫކޮށްލަން ފަށާފައިވާ ކަމަށް ނަޝީދުގެ ބްލޮގުގައި ލިޔުއްވާފައިވެ އެވެ. "...ބަރުލަމާނީ ނިޒާމަށް އަމަލުކުރާ ޤައުމުތަކުންވެސް، މި އުސޫލު މިހާރު ދޫކޮށްލަން ފަށައިފިއެވެ. އެއީ، މި އުސޫލު ދެމެހެއްޓުމުން، މެންބަރުން ހިފަހައްޓަންޖެހޭ ޕާޓީގެ ވިސްނުމާއި އެ މެންބަރުން ތަމްސީލުކުރާ އިންތިޚާބީ ދާއިރާތަކުގެ ވިސްނުމާ ދެމެދު ބޮޑު ތަފާތެއް އައުމެވެ. އަދި ޕާޓީގެ ވެރިން ނިންމާގޮތަކަށް ތަބާވެގެން ތިބެ ދައުރު ނިންމާލަންޖެހުމެވެ. މިކަމުން އުފެދޭ މައްސަލަތައް ގިނަވުމެވެ. މި އުސޫލަށް ޢަމަލުކުރުމަށްފަހު، އެކަން ދޫކޮށްލި ޤައުމުތަކުގެ ތެރޭގައި ސައުތު އެފްރިކާއާއި ނިއުޒިލެންޑް ހިމެނެއެވެ،" މަޖިލީހުގެ އަމީންއާންމުގެ މަގާމާއި މައުމޫން ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނަޝީދު ލިޔުއްވާފައިވެ އެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ގައުމުތަކުގައި "އެންޓި ޑިފެކްޝަން"ގެ އުސޫލަށް އަމަލު ކުރާ ސަބަބުތައް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ. ބަރުލަމާނީ ނިޒާމުތަކުގައި ސަރުކާރު އުފެދެނީ، މަޖިލިހުގެ ތެރެއިން ކަމަށާއި ސަރުކާރު އެކުލަވާލާއިރު މަޖިލިހުގެ ގޮނޑިތައް ހުރިގޮތަށް ބެހެއްޓުމަކީ، ސަރުކާރު ދެމިއޮތުމަށް ސީދާ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ބަރުލަމާނީ ނިޒާމުތަކުގައި އެ އުސޫލަށް ތާއީދުކުރަނީ، ޕާޓީތަކުގެ ކޮންޓްރޯލްގެ ދަށަށް އެ ޕާޓީގެ މެންބަރުން ގެނައުމަށް ކަމަށާއި އެހެން ނޫންނަމަ، ސަރުކާރު ވެއްޓިދާނެކަމުގެ ސީދާ އަދި ސާފު ބިރު ސަރުކާރަށް އޮންނާނެ ކަމަށެވެ. ނަމަވެސް ރާއްޖެ ބަލައިގެންފައިވާ ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރަނީ ދެ އިންތިހާބަކުން ކަމަށާއި "އެކަކު ދެމިހުރުމަށްޓަކައި އަނެކަކު ދެމިހުރުން ލާޒިމެއް ނޫން" ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. ރިޔާސީ ނިޒާމުގައި ވެރިކަން ކުރާ ޕާޓީއަށް މަޖިލިހުގެ މެޖޯރިޓީ ލިބުމަކީ ނަސީބެއް ކަމަށާއި ނަމަވެސް "ރައީސަށް މަޖިލިހުގެ މެޖޯރިޓީ އޮތުން ލާޒިމު ނޫން" ކަމަށެވެ. "...ރައީސަށް މަޖިލިހުގެ މެޖޯރިޓީ އޮތުމަކީ، ލާޒިމުކަމެއް ނޫނެވެ. އަދި، މެޖޯރިޓީ ނެތުމަކީ، ވެރިކަން ވެއްޓެންޖެހޭ ސަބަބެއް ވެސް ނޫނެވެ. އެމެރިކާގެ ނިމިދިޔަ އޮބާމާގެ ވެރިކަމުގެ ދެ ދައުރުގައި ވެސް، އޮބާމާއަށް ކޮންގްރެސްގެ މެޖޯރިޓީއޮތީ، ކިހާވަރަކަށްތޯއެވެ؟،" ނަޝީދުގެ ބްލޮގުގައިވެ ލިޔުއްވާފައިވެ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި "އެންޓި ޑިފެކްޝަން"ގެ އުސޫލަށް އަމަލު ކުރެވޭނީ ޤާނޫނުއަސާސީގައި އެކަން ކުރެވޭނެ ގޮތް ބަޔާކޮށްގެން ކަމަށެވެ. އަދި އެއީ އެކަން ކުރެވޭނެ ހަމައެކަނި ގޮތް ކަމަށެވެ. މަޖިލިހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ޙާލަތެއް ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެތެރެއަށް އެހެން ޙާލަތެއް، ޤާނޫނުއަސާސީއަށް ބަދަލެއް ނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ނަޝީދު ވިދާޅުވީ އެންޓި ޑިފެކްޝަން އުސޫލަށް އަމަލު ކުރާނަމަ، ގާނޫނުއަސާސީ އިސްލާހު ކުރުމަށްފަހު، އެ އިސްލާހަށް ދެން އަންނަ އިންތިޚާބަކުން ހިނގާ ގޮތަށް ހެދިނާނެ ކަމަށެވެ. "...ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އޭނާގެ އިންތިޚާބީ ހައިސިއްޔަތު ދައުރުގެ ބާކީއޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ އޭނާގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ރިކޯލް ވޯޓެއްގެ ފުރުޞަތު ރައްޔިތުންނަށް ދިނުމެވެ. އެނޫން ގޮތަކަށް މިކަން ކުރެވޭނެ ކަމަކަށް ނުފެނެއެވެ،" ނަޝީދުގެ ބްލޮގުގައި ވިދާޅުވެފައިވެ އެވެ. މެޗު ކުޅެމުންދަނިކޮށް ގަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ނުދެކެން މެމްބަރު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ