ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި އަދީބްގެ ސިޓީއެއް ސުޕްރީމް ކޯޓަށް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ނާޒިމްގެ މައްސަލާގައި އަދީބް ފަރާތުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަން ނާޒިމާއި އަދީބްގެ އަރިސް ބޭފުޅުން ވަނީ ވީނިއުސް އަށް ޔަގީންކޮށްދެއްވާފަ އެވެ. ނަމަވެސް މިސޓީއާ ގުޅިގެން ސުޕްރީމް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނާޒިމް ދިރިއުޅުއްވި ގ. އެނިފްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ފުލުހުން ވަނީ ޔަގީންކޮށްދީފި އެވެ. އެގޮތުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ތެރެއިން ފެނުނު ފިސްތޯލައިން ނެގުނު ސާމްޕަލްތަކެއްގެ ތެރެއިން އެއް ސާމްޕަލް އަދީބްގެ ޑީއެންއޭއާ ދިމާވެފައިވާ ކަމަށާއި އެހެންކަމުން ނާޒިމާ ދޭތެރޭ ގޮތެއް ނިންމާނީ ޝަރުއީ ދާއިރާ އިން ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާ މިމައްސަލަ ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން ފުލުހުން ހާމަކުރިން ފަހުންނެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަމާއި އެތަނުގައި އެ ފިސްތޯލަ ބޭއްވި ފުލުސް އޮފިސަރުގެ މައުލޫމާތު އިނގޭ ކަމާއި އަދި އެ މައުލޫމާތު ޝަރީއަތުގެ މަޖިލީހާއި ހިއްސާކުރުމަށް ބޭނުންވާ ކަމަށް ނާޒިމުގެ ގާނޫނީ ވަކީލުން އެދިފައި ވަނިކޮށެވެ.
ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރި މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމުން އެތަނުން ވެސް މިމައްސަލަ ނިންމުމަށްފަހު ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ކާނަލް ނާޒިމު މިނިވަން ކުރުމަށާއި ގާނޫނާ ގަވައިދާ ހިލާފަށް ނާޒިމް ބަންދުގައި ބަހައްޓާފައިވާތީ އޭނާއަށް ބަދަލު ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ