ވެނެޒުއޭލާގެ ފުލުހުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް ތެދުވެ ހެލިކޮޕްޓަރު ބޭނުންކޮށްގެން އެގައުމުގެ ސުޕްރީމް ކޯޓަށް ބޮން އަޅައިފި އެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިހަމަލާދީފައިވަނީ ފުލުހުންގެ ހެލިކޮޕްޓަރެއް ވަގަށް ނަގައިގެން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މިހަމަލާދިން މީހުން ވީހާވެސް އަވަހަށް ނުވަތަ ފަހުން ނަމަވެސް ހޯދާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް މަޑޫރޯ ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި މިހާރު ވަނީ ވެނެޒުއޭލާގެ މުޅި އަސްކަރިއްޔާ ކުއްލި ހާލަތަކަށް ގެނެސްފަ އެވެ.
ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ހަތަރު އަތު ބޮމުން ހަމަލާދިނުމުގެ އިތުރަށް އެގައުމުގެ ދާހިލީ ވުޒާރާއަށް ވަނީ ބަޑިން ހަމަލާދީފަ އެވެ.
މިހަމަލާތަކުގައި އެތައް ބަޔަކު މަރުވި ކަމަށް ރައީސް މަޑޫރޯ ވިދާޅުވި ނަމަވެސް ވެނެޒުއޭލާގެ ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރައްވާ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ މިހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ފުލުހުންގެ ބަޔަކު ސުޕްރީމް ކޯޓަށް ހަމަލާދިނުމުގެ ކުރިން އެމީހުން ޔޫޓިއުބްގައި ވަނީ ވީޑިއޯ އެއްް އާންމުކޮށްފަ އެވެ.
މީވީޑިއޯގައި އެކަކު ފިޔަވާ ދެން ތިބި އެންމެން ތިބެނީ އެމީހުންގެ ޔުނީފޯމްގައި ހަތިޔާރު ހިފައިގެން މޫނު ނިވާކޮށްގެންނެވެ. މީވީޑިއޯގައި ކާކުކަން އިނގޭ ގޮތަށް ފެންނަން ހުރީ އެގައުމުގެ ފުލުހުންގެ އޮފިސަރެއް ކަމަށްވާ އޮސްކާ ޕެރޭޒް އެެވެ.
އޭނާ ބުނީ އެމީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައެއް ނޫން ކަމަށާއި ގައުމިއްޔަތަށް ލޯބި ކުރާ ބައެއް ކަމަށެވެ. އެހެންކަމުން ރައީސް މަޑޫރޯގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް ތެދުވުމަށް އޭނާ ވަނީ ވެނެޒުއޭލާގެ ރައްޔިތުންނަށް ގޮވާލާފަ އެވެ.
ވެނެޒުއޭލާގެ އިގްތިސޯދު ބޮޑު އަދަވަޅަކަށް ވެއްޓި އެގައުމުގައި ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. ނަމަވެސް ވެނެޒުއޭލޭގެ ރައީސް ނިކޮލަސް މަޑޫރޯއަށް އެގައުމުގެ އަސްކަރިއްޔާ އަދި ފުލުހުންގެ މުއައްސަސާ އިން ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާތީ އެތަނުގެ ފުރިހަމަ ކޮންޓްރޯލް ވެސް މަޑޫރޯ އަށް އެބައޮތް ކަމަށް ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުގައި ދަނީ ރިޕޯޓްކުރަމުންނެވެ.
ވެނެޒުއޭލާގެ ސުޕްރީމް ކޯޓަށް ބޮން އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ