ގެއްލުމުގެ ބަދަލުގެ ގޮތުގައި 11.65 މިލިއަން ރުފިޔާ ހޯދަން ރާއްޖެ ޓީވީން ދައުވާ ކޮށްފި

ދެހާސް ތޭރަ ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ އެރު ހިންގަމުންދިޔަ އިމާރާތުގައި ރޯކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 11.65 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް އެ ސްޓޭޝަނުން ދައުވާކޮށްފިއެވެ. ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ "ސަން" އަށް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ. "ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން އެނގޭގޮތުގައި އެކަމުގެ ސަބަބުން 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ރާއްޖެ ޓީވީއަށް ވަނީ ލިބިފައި،" ފިޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ ޓީވީ ކުރިން ހިންގި އިމާރާތުގައި ރޯކޮށްލިއިރު، ޖަރީމާ ހިންގި އިރު އިންޝުއަރެންސް މުއްދަތު ވަނީ ހަމަވެފައިވާތީ އިންޝުއަރެންސް އާ ކުރުމުގެ މަސައްކަތްތައް ދިޔައީ ކުރަމުން ކަމަށެވެ. ނަމަވެސް އެކަންނުވެ ވަނިކޮށް ހުޅުޖަހާފައިވާތީ އިންޝުއަރެންސް އެހީ ލިބިފައި ނުވާ ކަމަށް ފިޔާޒް ވިދާޅުވިއެވެ. "ރާއްޖެޓީވީ އަކީ ވެސް ދައުލަތަށް ޓެކްސް ދައްކައިގެން، ސައްތައިން ސައްތަ ދިވެހި މުވައްޒަފުން ވަޒީފާ އަދާކުރާ ސްޓޭޝަނަކަށް ވެފައި އިންޝުއަރެންސްގެ ޚިދުމަތް މެދު ކެނޑިފައި އޮތް ދަނޑިވަޅެއްގައި މިހާބޮޑު ގެއްލުމެއް ސްޓޭޝަނަށް ދިނުމުން އެކަމުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދި ރައީސް އޮފީހަށް ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ޖަވާބެއްވެސް ލިބިފައިނުވޭ،" ފިޔާޒް ވިދާޅުވިއެވެ. ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ގިނަ ބަޔަކު ފުލުހުން ހައްޔަރުކޮށް ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ދައުވާ އުފުލާފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ހ. ގަސްވާ މުހައްމަދު މީއާދެވެ. އޭނާގެ ޝަރީއަތް އަދިވެސް ނިމިފައެއްނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ