ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ގެނެވޭނެ އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން, ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅުގައި ތަރައްގީއަކީ ކޮންކްރީޓުން ގެންނަ އެއްޗެއް ކަމަށާއި ނަމަވެސް އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްގެން ހަދާ އިމާރާތްތަކަކީ ތަރައްގީ ނޫން ކަމަށެވެ.
ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި, ފިކުރާއި, ދިރިއުޅުމަށް އަންނަ އެއްޗެއް ކަމަށާއި ތަރައްގީއަކީ ރީތި ދިރިއުޅުމެއް އުޅެން ރައްޔިތުންނަށް މަގުފަހިކޮށްދިނުން ކަމަށެވެ. އިމާރާތްތަކުގެ ކޮންކްރީޓުގެ ބަރުދަނުން ތަރައްގީ ކިރަން ރައްޔިތުން ބޭނުންނުވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުން ބޭނުންނުވިޔަސް ތަރައްގީ ގެންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވާ ކަމަށާއި ނަމަވެސް ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ގެންނަ އެއްޗެއް ނޫން ކަމަށެވެ.
"ރައީސް ޔާމީން އެބަވިދާޅުވޭ ކައުންސިލްތަކުން ބޭނުންނުވިޔަސް ތަރައްގީ ގެންނާނެ ކަމަށް. އަޅުގަނޑުމެން އެބަ ހިތަށްއަރާ ގަދަބާރުން އެގެންނަން އުޅޭ ތަރައްގީއަކީ ކޯއްޗެއްބާއޭ. އަޅުގަނޑުމެންނަށް އެނގިފައި އޮންނަގޮތުން ތަރައްގީއަކީ ރައްޔިތުން އޮބަހައްޓައިގެން ބަނޑު މުސާރައަށް ރައްޔިތުންނާ ބައްދައިގެން ބައިބަލާކުޅެގެން ރައްޔިތުން ބިންމައްޗަށް ވައްޓާލައިގެން ގެންނަ އެއްޗެއް ނޫން. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ކައުންސިލްތައް މެދުވެރިކޮށް ތަރައްގީ ގެނައުން. ގަދަބާރުން ރައްޔިތުން ހިފަހައްޓައިގެން ތަރައްގީ ގެންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައްޔިތުން ބަލައެއްނުގަންނާނެ," ހަސަން ލަތީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުން ވަރަށް ގިނަ ފިލާވަަޅުތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި ރައްޔިތުން ތިބި ގޮތް އަންގައިދީފި ކަމަށެވެ. ރައީސް ޔާމީނަށް ނޫނެކޭ ބުނެ ރައްޔިތުން ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކޮށްފައި ކަމަށް އޭނަ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ބޭސްސިޓީއަށް ސަލާންޖަހަން ރައްޔިތުން ބޭނުންނުވާ ކަމަށާއި ކޮންމެ އައިޑީކާޑަކަށް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ޔަގީންވާން ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ގާއިމުކުރި ދަތުރުފަތުރުގެ ނިޒާމު އިއާދަކޮށްދިނުމަށް ރައްޔިތުން އެދޭ ކަމަށެވެ.
ހަސަން ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށާއި، ތަކެތީގެ އަގު އަތްފޯރާފަށަށް ގެނައުމަށާއި، ބޯހިޔާވަހިކަން ކަށަވަރުވުމަށާއި، ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތު އަނބުރާ ގެނެސްދިނުމަށް ރައްޔިތުން އެދޭ ކަމަށެވެ. އަދި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ 10،000 ރުފިޔާ ދޭނެ ކަމަށް ބުނެ ނުލިބުން ކަމަށާއި މަސްވެރިން ތިބީ މަހުގެ އަގު ވެއްޓި، މަސްކިރުވޭނެ ގޮތެއް ނެތިފައި ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ވަޒީފާ އަދާކުރާ މީހުން އާއިލާއާއެކު އަރާމު ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލީ މިކަންކަމަށް ހައްލު ހޯދުމަށް ކަމަށާއި އަލަށް އިންތިޚާބުވި ކައުންސިލްތަކާއެކު މިކަންކަން ތަންފީޒު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުން ހައްޔަރުކޮށްފައިވާ 1700 އަށްވުރެ ގިނަ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައްވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުހައްގުން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލައްވާ ކަމަށެވެ. އަދި އދ. އިން އަންގާފައިވާ ގޮތަށް ރައީސް ނަޝީދު ވެސް ދޫކޮށްލުމަށް ގޮވާލެއްވިއެވެ.
ތަރައްޤީއަކީ ރައްޔިތުން އޮބަހައްޓައިގެން ގެނެވޭނެ އެއްޗެއްނޫން - ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ