އަދީބު ދޫކޮށްލާ ނަމަ ބުނި ކޮންމެ ކަމެއް ކޮށްދޭނަން، އެއީ އަޅުގަނޑުގެ އަޚު: މެމްބަރު އަސްއަދު

ޖަލުގައި ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންކޮށްދޭ މަތިން، ބުނި ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އަސްއަދު ރޭ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުން އަސްއަދު ވިދާޅުވީ "އަދީބު މިއަދު ވެސް ދޫކޮށްދިނުމަށް އެދެން" ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން އެކަން ބަލާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުން ވިދާޅުވޭ އަދީބު ދޫކޮށްލާނީ އަސްއަދު މިވެނިކަމެއް ކުރީމައޭ. ބުނި ކޮންމެ ކަމެއް ކޮށްދޭނަން އަދީބު ދޫކުރަން. އެއީ އަޅުގަނޑުގެ އަޚު،" އަދީބުގެ އާރާއިބާރު ސަރުކާރުގައި އޮތް އިރު އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްއަދު ވިދާޅުވި އެވެ.
ކޯޓުގައި އޮތް ޝަރީއަތަކަށް އަދީބު ފުލުހުންގެ ހާޒިރުގައި ގެންދަނީ.---މިހާރު ފޮޓޯ
އަދީބު މިނިވަންކުރުމަށް ބާރު އަޅައި އަސްއަދު ވާހަކަ ދެއްކެވިއިރު، މިއީ ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދެއްކެވި ފުރަތަމަ މެމްބަރުކަން ފާހަގަކުރެވެ އެވެ.
އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން އަންނަނީ ސަރުކާރުގެ އެކި ފަރާތްތަކުގައި އާދޭސް ދަންނަވަމުންނެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު މިދިޔަ ހަފުތާގައި ވިދާޅުވީ މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އަދީބުގެ ލޮލަށް "ގްލޮކޮމާ" ޖެހިފައިވާއިރު، އެ ބަލީގައި އެމަނިކުފާނުގެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފަށާފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
ތަފާތު ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ. އަދީބުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހުރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަވަނީ މުއައްސަސާތަކުގައި އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ