ޓޮލަރެންސް ހުރުމަކީ ދީނަށް މީހުން އެއްޗެހި ބުނާ އިރު އެކަމަށް ރުހިގެން ހުރުމެއް ނޫން : މަޖިލީހުގެ މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު - ފޮޓޯ : މަޖިލީހުގެ އިދާރާޓޮލަރެންސް ހުރުމަކީ ދީނަށް މީހުން އެއްޗެހި ބުނާ އިރު އެކަމަށް ރުހިގެން ހުރުމެއް ނޫން ކަމަށާއި، ހިއުމަން ރައިޓްސް އެމްބެސެޑަރު ކަމަށް ވިޔަސް އަޅުގަނޑުމެންގެ ކުރިމަތީގައި ދީނުގެ ހުކުމްތަކަށް ފާޑެއް ނުކިޔޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ނަޝީދު މިފަދައިން ވިދާޅުވީ، ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެމީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށާއި ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހައި ކޮމިޝަނަރު ނަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބުނުމާ ގުޅިގެން “ހަވީރު” ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.“ޓޮލަރެންސް ހުރުމަކީ ދީނަށް މީހުން އެއްޗެހި ބުނާ އިރު އެކަމަށް ރުހިގެން ހުރުމެއް ނޫން. އޭނާ މި ރާއްޖެ އަށް ވަންނަންނީ އަހަރެމެންގެ ދީނީ އުސޫލުތައް ވެސް ހަނދާންކޮށްގެން. ހިއުމަން ރައިޓްސް އެމްބެސެޑަރު ކަމަށް ވިޔަސް އަޅުގަނޑުމެންގެ ކުރިމަތީގައި ދީނުގެ ހުކުމްތަކަށް ފާޑެއް ނުކިޔޭނެ. މަޖިލީހުގައި އެ ގޮތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަކީ އޭނާ އަށް ދިން ހާދަ ވަރުގަދަ ހިތްވަރެކޭ އިސްލާމް ދީނާ ދެކޮޅަށް ބޭނުންހާ ވާހަކައެއް ދައްކަން،” ޕިއްލޭގެ ތަޤްރީރު ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ވެރިންގެ ކުރިމަތީގައި، އިސްލާމްދީނުގެ ހުކުމްތަކަށް ފުރައްސާރަކޮށް ފާޑުކިޔުމުގެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެންނުވާނެ ކަމަށެވެ. އަދި އިސްލާމް ދީނުގެ ހުކުމްތަކަށް ގޮންޖަހައި އެ ހުކުމްތައް ބަދަލުކުރުމުގެ ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަކީ މަޖިލީހުގެ މެމްބަރުން ވެސް ކުރައްވައިގެން ވާނެ ކަމެއްނޫން ކަމުގައި ނަޝީދު ވިދާޅުވިއެވެ.ނަޝީދު ވިދާޅުވީ އެކަމުގެ ޒިންމާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުރިހަމަ އަށް ނަންގަވަންޖެހޭނެ ކަމަށެވެ.“އަޅުގަނޑުމެންގެ ގޭގައި އަޅުގަނޑުމެން މުސްލިމުންގެ ކުރިމަތީގައި އިސްލާމް ދީނުގެ ހުކުމްތައް ބަދަލުކުރަންޖެހޭ ވާހަކަ ދެއްކުމަކީ މުޅި މަޖިލީހަށް ދިން ވަރަށް ބޮޑު ބަދުނާމެއް. މަޖިލީހުގެ ތެރޭގައި އެފަދަ ވާހަކައެއް ދެއްކުމަށް އެ ފުރުސަތު ދީގެން ނުވާނެ މަޖިލީހުގެ ރައީސް. އަދި ކޮބައިތޯ އޭނާ ދެއްކި ވާހަކަތަކުގެ ދިވެހި ތަރުޖަމާ މެމްބަރުންނަށް ބަހައިވެސް ހެދިއްޔޭ،” ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ އިސްލާމް ދީނުގައި ކަމެއް ވަކި ގޮތަކަށް ޝަރުއުކުރައްވާފައިވާ އިރު، އެއީ އިންސާނުންނަށް ދެވޭ އަނިޔާއެކާ ބުނުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި، އަމުދުން އަހަރެމެންގެ ގޭގައި އަހަރެމެންގެ މުސްލިމް މެމްބަރުންގެ ކުރިމަތީގައި އެފަދަ ވާހަކައެއް ނުބުނެވޭނެ ކަމަށެވެ. އަދި ޕިއްލޭގެ މި މައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ހައްދު ޖެހުމަކީ އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާއެކޭ ނުބުނެވޭނެ ކަމުގައި ނަޝިދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ ކިތަންމެ ޑިމޮކްރެޓިކް ގައުމަކަށް ވިޔަސް ބޭރުން އަންނަ މީހަކު އެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ އެ ގައުމެއްގެ ދީނީ ކަންތަކަށް ފުރައްސާރަކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އެގޮތުން، އިންޑިއާ އަށް ގޮސް އެތާނގެ ޕާލަމެންޓްގައި ވާހަކަ ދައްކަމުން، ގެރިއަށް އަޅުކަންކުރުމަކީ ހާދަ ނާތަހުޒީބު އަމަލެކޭ ބުނަން އަޅުގަނޑުމެންނަށް ފުރުސަތު ދޭނެތޯ ނަޝީދު ސުވާލުކުރެއްވިއެވެ.“އެކަމަކު މި 21 ވަނަ ގަރުނުގައި ކާކުގެ ސިކުނޑިއެއްތޯ ގަބޫލުކުރާނީ އަޅުގަނޑުމެން އެއިން މަސްކައި އުޅޭ ގެރިއަށް ބަޔަކު އަޅުކަންކުރާނެ ކަމަށް. އެކަމަކު އެތާނގެ ޕާލަމެންޓަށް ވަދެ އެހެން ބުނަން ފުރުސަތު ދޭނެތޯ،” ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ މުއަހަދާތަކުގައި ރާއްޖެ ބައިވެރިވީ އެ މުއާހަދާތަކުގެ ބައެއް މާއްދާތަކަށް އިސްތިސްނާތަކެއް ހިމަނައިގެން ކަމަށެވެ. އަދި ރާއްޖެ އިން އިންސާނީ ހައްގުތައް ބަލައިގަންނާނީ އިސްލާމީ ތަރަހައިގެ ތެރޭގައި ކަމަށާއި އެ އިސްތިސްނާތަކަކީ ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ގަބޫލުކުރާ އިސްތިސްނާތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.“ކުރިން ވެސް ރާއްޖެ އައި އަސްމާ ޖަހާންގީރު ކިޔާ މީހެއް. އޭނާ އަޅުގަނޑު ގާތު ބުނި ކަލޭމެންގެ ޓީވީ އާއި ރޭޑިއޯ އިން ކީއްވެހޭ އިސްލާމް ދީނާ ބެހޭ މައުލޫމާތު އެކަނި ދެނީ. ބުދު ދީނާ ހިންދީ ދީނާ އެހެން ދީންތަކުގެ މައުލޫމާތު ވެސް ދިނީމާ ނޫންހޭ މީހުންނަށް އޭގެ ތެރެއިން ވަކި ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބޭނީ. އަޅުގަނޑު ދެންނެވިން ކަލެއަށް މަގޭ ކައރި ތިހެން ބުނެވިއްޖެ ނޫންހެއްޔޭ. މަށަކީ މި ސަރުކާރުގެ ވަޒީރެކޭ. ކަލެއަށް ދިން ވަގުތު މިހާ ހިސާބުން ނިމުނިއްޔޭ ދެން ނުކުންނާށޭ. ދެން ދިޔައީ ]ޖަސްޓިސް މިނިސްޓަރު[ ޖަމީލު އަރިހަށް. އެ ތަނުން ވެސް އޭނާ ބޭރުކޮށްލީ،” ނަޝީދު ވިދާޅުވި އެވެ.ޕިއްލޭގެ މި ބާޠިލް ވާހަކަތަކަށް އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވެސް ވަނީ އިއްޔެ ރައްދު ދެއްވާފައެވެ. ޑރ. މަޖީދު ވިދާޅުވީ ޤުރުއާނުގައި ބަޔާންކޮށްފައިވާ އިސްލާމްދީނުގެ އަސްލުތަކަށް އެއްވެސް ފަރާތަކަށް ބަދަލު ނުގެނެވޭނެ ކަމަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް އެހެނިހެން ގައުމުތަކުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައިވާ ކަންކަމަށް އިހުތިރާމް ކުރަންވާނެ ކަމަށެވެ.މީގެ އިތުރުން ޢަދާލަތު ޕާޓީ އާއި މަދަނީ ގިނަ ޖަމްޢިއްޔާތައް ހިމެނޭ މަދަނީ އިއްތިހާދުން ވެސް ޕިއްލޭގެ މިވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށް މިމައްސަލައިގައި ފިޔަވަޅުއެޅުމަށް ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ