ގޮވާންކުރުމުގެ ފެސްޓިވަލުގައި މިނިޓެއްގެ ތެރޭގައި ތިން ލާރި ގެނައި މީހާ އަށް 10،000ރ. ގެ އަގުހުރި ކޮމްޕިޔުޓަރެއް ދީފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ތާޖުއްދީން ސްކޫލްގައި ފާހަގަކުރި އިންޑިޔާގެ ކެރެލާ ސްޓޭޓުގެ "ޕޮންނޯނަމް 2006" ނުވަތަ ގޮވާން ކުރުމުގެ ފެސްޓިވަލްގައި އެންމެ މިނިޓެއްގެ ތެރޭގައި ތިން ލާރި ގެނައި އިންޑިއާ މީހަކަށް އިނާމުގެ ގޮތުގައި ގާތްގަނޑަކަށް 10،000ރ. ގެ އަގުހުރި އެޗްޕީ ކޮމްޕިޔުޓަރެއް ދީފި އެވެ.
ރާއްޖޭގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުން ބައިވެރިވާ އިންޑިޔާ ކްލަބްގެ ފަރާތުން ބޭއްވި ކެރަލާ ސްޓޭޓްގެ ސަގާފީ ފެސްޓިވަލްގައި އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނީ މި އިވެންޓަށެވެ.
"ކުރިން އެނގޭނީ ހައިރާންކަން ގެނެސްދޭ ކަމެއް މީގެތެރޭގައި ހިމެނޭކަން. އެކަމަކު މިކަން ރާވާފައިވާ ގޮތެއް އެކަކަށް ވެސް ނޭނގޭނެ،" މި ފެސްޓިވަލްގައި މި އިވެންޓް އިންތިޒާމުކުރި ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދިވެހި ރުފިޔާގެ ތެރެއިން ތިން ލާރި މިނިޓެއްގެ ތެރޭގައި އެއްކުރެވުނީ ފެސްޓިވަލަށް ޒިޔާރަތްކުރި 700 ވަރަކަށް މީހުންގެ ތެރެއިން އެންމެ މީހަކަށެވެ.
"އެކަކު އައީ ތިން ރުފިޔާ ހިފައިގެން. އެކަމަކު އެހެން މީހަކު ކޮންމެވެސް ދެ މީހެއްގެ އަތުން ތިން ލާރި ހަމަކޮށްގެން މިނިޓެއް ހަމަވާން ސިކުންތުކޮޅެއް ހުއްޓާ ތިން ލާރި ގެނައި،" އޭނާ ބުންޏެވެ. "މީހަކު އަތުގައި ތިން ލާރި ނެތި މި އިވެންޓް ކާމިޔާބުނުވެ ހިނގައިދާނެތީ އަހަރެން ވަރަށް ޖެހިލުންވި."
ރާއްޖެގައި ހުންނަވާ އިންޑިޔާގެ ހައިކޮމިޝަނަރު އަވަނިންދްރާ ކ. ޕާންޑޭ ޝަރަފުވެރިކޮށްދެއްވި ފެސްޓިވަލްގައި އިންޑިޔާގެ ސަގާފީ ގިނަ އައިޓަމްތަކެއް ހުށަހެޅުން އޮތެވެ. އަދި ފެސްޓިވަލްގެ ހަފުލާ ވެސް އިންތިޒާމުކޮށްފައި ވަނީ އިންޑިޔާގެ ރަހަތައް ހިމެނޭ ސަގާފީ ކެއުމެއް ހިމަނައިގެންނެވެ.
ރާއްޖޭގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުން 1990 ގެ ފަހުކޮޅު ކަލާފާނު ސްކޫލްގައި ވެސް ގޮވާން ކުރުމުގެ ފެސްޓިވަލެއް ބޭއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ