ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، ޑީއާރްޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމަކީ ޕާޓީގެ މެމްބަރުންގެ މައްޗަށް ދީނީ ގޮތުންނާއި ގައުމީ ގޮތުން ލާޒިމުކުރާ ކަމެއް ކަމަށް ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީން ލޯކަލް އިންތިހާބަށް މާލެ އަތޮޅު ގުޅި، ގުރައިދޫ އަދި މާފުށިން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން، ގުރައިދު އަށް ރޭ ވަޑައިގެން އެ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޒައީމް މައުމޫން ވިދާޅުވީ ރައްޔިތުން ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހާސިލުކުރެވޭނީ ޑީއާރްޕީ އަށް ކައުންސިލްތައް ކާމިޔާބުކުރެވިގެން ކަމަށެވެ.
"އޭރުން އަޅުގަނޑުމެން ބޭނުންވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ކަންތައްތައް ހިނގަމުން ދާނީ. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާތް ދީނީ އަގީދާ ރައްކާތެރިކުރެވޭނީ. އޭރުން އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުންނަކީ އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމެހެއްޓޭނީ. އޭރުން ރާއްޖޭގެ ސަލާމަތާއި އަމަންއަމާންކަން ހިފެހެއްޓޭނީ. އޭރުން ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ އުސްމިންތަކަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނީ. އޭރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަޅުގަނޑުމެންނަށް ރައްކާތެރިކުރެވޭނީ. އޭރުން ރާއްޖޭގެ މުއްސނދިކަމާއި ހުރިހާ ވަސީލަތްތައް ދިވެހިންގެ ހައްގެއްގެ ގޮތުގައި ދެމެހެއްޓޭނީ. އެހެންވީމާ މި އިންތިހާބު ކާމިޔާބުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންގެ ގައުމު ލާޒިމުކުރާ ކަމެއް،" ޒައީމް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޑީއާރްޕީގެ ކުރިއެރުމާއި ތަރައްގީ އަށް އެ މަނިކުފާނު އިތުރު މަސައްކަތްތަކެއް ފެށުމުން ބައެއް މީހުންގެ ހިތްތަކުގައި ސުވާލުތަކެއް އުފެދިފައިވާ ކަމަށާއި ނަމަވެސް ކަންތައް ވެފައިވާ ގޮތުން އެ ސުވާލުތައް އުފެދެން ނުޖެހޭ ކަމަށެވެ. އަދި ޕާޓީގެ ޒައީމްކަމުގެ މަގާމަށް އިތުރަށް ކުރިމަތިނުލައްވާނެ ކަމަށް ޖެނުއަރީ 2010 ގައި އިއުލާންކުރެއްވި އިރު ވެސް ޕާޓީގެ ކުރިއެރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ޑީއާރްޕީގެ ސިޔާސީ ޒައާމަތު ބަދަލުވި ރޭ ވެސް ޕާޓީގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިހުންނާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ލޯކަލް އިންތިހާބުގެ ކެމްޕޭންގައި ރޭ ގުރައިދު އަށް ވަޑައިގަތީ ވެސް އަދި، މިދިޔަ ހުކުރު ވިލޭރޭ ކަލާފާނު ސްކޫލްގައި ޕާޓީގެ މެމްބަރުންނާ ބައްދަލުކުރެއްވީ ވެސް ޑީއާރްޕީގެ މެމްބަރުންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށެވެ.
"މި ގޮތުން މި ދަނޑިވަޅުގައި ވަރަށް ބޮޑު ދެ ކަމަކަށް އިސްކަން ދޭން ބޭނުންވޭ. އެއް ކަމަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ތެރޭގައި މިހާރު އުފެދިގެން އުޅޭ މައްސަލަތައް ވީހާ ވެސް ކުޑަކޮށް، ސުލްހަވެރިކަމާއި އަމާންކަމާ އަދި އޮމާންކަމާ އެކީގައި އެ މައްސަލަތައް ހައްލުކުރެވޭތޯ މަސައްކަތްކުރުން. އަދި ޑީއާރްޕީގެ މެމްބަރުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރެވޭތޯ މަސައްކަތްކުރުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޖަމާއަތުގެ ފަރުދުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށާއި ނަމަވެސް އެއީ ބައިބައިވާންވީ ކަމެއް ނޫން ކަމަށެވެ. އަދި އޭގެ ބަދަލުގައި މަސައްކަތްކުރަންޖެހޭނީ ވާހަކަ ދައްކައި ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްގެން ކަންތައް ހައްލުކުރަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކަކީ ސިޔާސީ ޕާޓީތަކުގެ ކުރިމަތީގައި އޮތް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ރަށްރަށާއި އަތޮޅުގެ ތަރައްގީ އަށް ކަންތައް ކުރުމުގެ މުހިންމު މަސްއޫލިއްޔަތުތައް އެ ކައުންސިލްތަކަށް އޮންނާތީ އެ ކައުންސިލްތަކުގެ އިންތިހާބު ޑީއާރްޕީން ކާމިޔާބުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރޭ ގުރައިދު އަށް އެ މަނިކުފާނު ވަޑައިގަތީ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީނާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި ވަކި ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފާއި އެ ޕާޓީން ވަކިކޮށްފައިވާ އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާ އެކުގަ އެވެ. އޭގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާންގެ އިތުރުން މައުމޫންގެ އާއިލާގެ ބައެއް ބޭފުޅުންނާއި ޕީއޭ އަށް ނިސްބަތްވާ މަޖިލީހުގެ މެންބަރަކު ވެސް ބައިވެރިވެވަޑައިގަތެވެ.
ޒައީމް މައުމޫން ރޭ ގުރައިދު އަށް ވަޑައިގެން ކެމްޕޭންކުރެއްވި އިރު، ޕާޓީގެ ލީޑަރު ތަސްމީންގެ ގްރޫޕް ތިއްބެވީ މާލެ އަތޮޅު ތުލުސްދޫގައި ކެމްޕޭން ޖަލްސާއެއްގަ އެވެ.
ޑީއާރްޕީން ލޯކަލް އިންތިހާބު ކާމިޔާބުކުރުމަކީ ދީނީ ގޮތުންނާއި ގައުމީ ގޮތުން ލާޒިމްކަމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ