ޓިއުނީޝިއާގެ ހާލަތާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ސަރުކާރު ވައްޓާލާފައިވާ ޓިއުނީޝިއާގެ މަސްރަހާމެދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކަންބޮޑުވުން ފާޅުކުރައްވައި ޓިއުނީޝިއާގެ އިދިކޮޅު ލީޑަރު މޮންޗެފް މަރްޒޫކީއާ އިއްޔެ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ ތަޖުރިބާ ހިއްސާ ކުރައްވާފަ އެވެ.
ކައިރި މުސްތަގްބަލެއްގައި ޓިއުނީޝިއާގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ގާނޫނުގެ ވެރިކަން ގާއިމްކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޓިއުނީޝިއާގައި ހިނގަމުންދާ މުޒާހަރާތަކުގައި އާންމު ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަމުން ދިޔުމާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައިވާތީ އެކަންތައް އެ މަނިކުފާނު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި އެވެ.
މީގެއިތުރުން، ޓިއުނީޝިއާގައި ވަރަށް އަވަހަށް މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައި އެ ގައުމުގައި އަލުން އަނބުރާ ޑިމޮކްރަސީ އިއާދަކޮށް، އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ޓިއުނީޝިއާގައި މިދިޔަ 23 އަހަރު ވެރިކަން ކުރެއްވި ޒައިން އަލް އާބިދީން ބިން އަލީގެ ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް ނިކުމެ ހިންގަން ފެށި ހަމަނުޖެހުންތަކުގައި ސަރުކާރު ވައްޓާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އަލަށް އެކުލަވައިލި ވަގުތީ ސަރުކާރުގައި ކުރީގެ ސަރުކާރުގެ ބޭފުޅުން ހިމެނޭތީ އެ ބޭފުޅުންނާއި ބޮޑުވަޒީރު ވެސް އިސްތިއުފާ ދެއްވުމަށް އެދި އާންމުން ދަނީ މުޒާހަރާކުރަމުންނެވެ. އަދި މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވެ އެވެ.
ގާތްގަނޑަކަށް 10 މިލިއަނުގެ އާބާދީއެއް އޮންނަ ޓިއުނީޝިއާގައި މުސްލިމުންގެ ނިސްބަތް 99 ޕަސެންޓަށް ވުރެ މައްޗެވެ. އެ ގައުމުގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމަށް ވާއިރު ރައީސް އަކީ މުސްލިމަކަށްވުން ގާނޫނު އަސާސީން ލާޒިމުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ