ތެޔޮ ބިލްތަކަކަށް ފައިސާ ނުދައްކައިގެން އެމްއެންއެސްއެލްގެ ބޯޓެއް ލަންކާގައި ހިފަހައްޓައިފި

މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން ސިންގަޕޫރުގެ ސަޕްލަޔަރަކަށް ދައްކަން ޖެހޭ ތެޔޮ ބިލްތަކެއްގެ ފައިސާ ނުދައްކައިގެން، އެ ކުންފުނީގެ ބޯޓެއް ސްރީލަންކާގެ ކޮލަމްބޯ ބަނދަރުން ފުރަން އުޅެނިކޮށް ހިފަހައްޓައިފި އެވެ.
ގައުމީ ޝިޕިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ލަންކާއަށް ދިޔަ އެ ކުންފުނީގެ 8،000 ޓަނުގެ "މޯލްޑިވް ކެރިއާ" މުދާއަރުވާ ބަރުކޮށްގެން ފުރަން އުޅެނިކޮށް ކޯޓު އަމުރަކުން ހިފެހެއްޓީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
"ބޯޓު ހިފަހައްޓާފައި ވަނީ ސިންގަޕޫރުގެ ސަޕްލަޔަރަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން. އެ ފައިސާ ދެއްކުމާ ބެހޭ ގޮތުން އެ ފަރާތާ އެކު މިހާރު ވެސް ވާހަކަދައްކަމުން ގެންދަނީ،" އޭނާ ވިދާޅުވި އެވެ. "އެ ފަރާތައް ދައްކަން ޖެހޭ ފައިސާ ކަނޑައެޅިފައިވާ ޝެޑިއުލްއަކާ އެއްގޮތަށް ދައްކަމުން ދަނީ. އެ ފަރާތުން ހުށަހަޅާފައިވާ ބައެއް އިންވޮއިސްތަކުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި. އެ ކަން ހައްލުކުރުމަށް ވާހަކަދައްކަމުން ދަނިކޮށް ބޯޓު ހިފެހެއްޓީ،" އޭނާ ވިދާޅުވި އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ކޮލަމްބޯ އިން 150 ކޮންޓެއިނަރު އަރުވައިގެން ފުރަން އުޅެނިކޮށް ބޯޓު ހިފެހެއްޓީ، ސިންގަޕޫރުގެ މިޑް އޮއިލް އޭޝިއާ ކުންފުންޏަށް ދައްކަން ޖެހޭ ތެޔޮ ބިލްތަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ.
އެ ބޯޓު ހިފެހެއްޓީ ކިހާ ފައިސާއެއް ނުދައްކައިގެން ކަމެއް ރަޝީދު ވިދާޅެއްނުވެ އެވެ.
"ދެ ފަރާތުން އެއްބަސްވި ޝެޑިއުލާ އެއްގޮތަށް ފައިސާ ދައްކަމުން ދިޔަ ނަމަވެސް އަދިވެސް އައުޓްސްޓޭޑިން އެއް އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި، މޯލްޑިވް ކެރިއާއަށް ތެޔޮ އަޅަން ބޭނުންވާ ވަރަށް ޑޮލަރު ނުލިބިގެން، އެ ބޯޓު މެލޭޝިއާގެ ޕޯޓް ކްލާންގްގައި ނުފުރި ވިއްސަކަށް ދުވަސް ވަންދެން އޮންނަން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ