ޕާޓީއާ ދުރުގައި މި ހުރީ އެއް ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމުގެ ބޭނުމުގައި: ޑރ. މުނައްވަރު

މި ދުވަސްވަރު އެމްޑީޕީއާ ކޮންމެވެސް މިންވަރަކަށް ދުރުގައި ހުންނެވީ ގައުމީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ޕާޓީ އަށް ދިނުމަށްޓަކައި ކަމަށް އެމްޑީޕީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 25 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ޕާޓީގެ އެކި ހަރަކާތްތަކާ ދުރުގައި ހުންނަވާތީ އާއި އެމްޑީޕީން ވަކިވެ ވަޑައިގެން ސިޔާސީ ޕާޓީއެއް ހައްދަވަން ޑރ. މުނައްވަރު އުޅުއްވާ ވާހަކައާ ބެހޭ ގޮތުން ހަވީރުން މިއަދު ސުވާލު ދެންނެވުމުން ޑރ. މުނައްވަރު ވިދާޅުވީ "އަޅުގަނޑު ސިޔާސީ ޕާޓީއެއް ހަދަން އުޅޭ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް" ކަމަށާއި "އެމްޑީޕީން ވަކިވާން ވެސް ގަސްދެއް ނުކުރަން" ކަމަށެވެ.
"ޕްރައިމަރީ އަށް ފަހު އަޅުގަނޑު އަންނި (އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު) އަށް ދަންނަވާފައިވާނެ، އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތައް ވަކި ގޮތަކަށް ނިމެންދެން އަޅުގަނޑު ކުޑަކޮށް ދުރުވެލާނެ ކަމަށް. އޭގެ ސަބަބަކީ އަޅުގަނޑު ވެސް ޕްރައިމަރީގައި ވާދަކޮށްފައި އޮތުމާއެކު، އަޅުގަނޑުގެ ނުފޫޒު އޮންނަހެން ހީވާ ގޮތަށް (އިއްތިހާދުން ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތައް) ކަންތައް ވާކަށް އަޅުގަނޑު ބޭނުން ނުވީ. އަންނި ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރައްވާ އެއް ކެންޑިޑޭޓަކު ނެރުއްވަން. އެ ކަންތައްތަކާ އެއްވެސް ވަރަކަށް ބެހި ހަދަން އަޅުގަނޑު ބޭނުމެއް ނުވޭ. އަޅުގަނޑު އަންނި ކައިރީގައި ބުނެފައި އޮންނާނެ ޕާޓީއާއެކު އެބަހުރިން ކަމަށް،" ރިޔާސީ ޕްރައިމަރީގައި އަންނިއާ ވާދަކުރައްވައި، 5،262 ވޯޓުގެ ތަފާތަކުން ބަލިވެ ވަޑައިގެންފައިވާ ޑރ. މުނައްވަރު ވިދާޅުވި އެވެ.
ޑރ. މުނައްވަރާއި މަޝްހޫރު ވިޔަފާރިވެރިންތަކެއް ގުޅިގެން ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ސިންގަޕޫރުގައި ކުރަމުންދާ ކަމަށް "ރާއްޖެ" ނޫހުގެ އިއްޔެގެ އަދަދުގައި ލިޔެފައި ވެ އެވެ. އަދި ސިންގަޕޫރުގައި އެ ބޭފުޅުންގެ ބައްދަލުވުންތަކެއް ހިނގަމުންދާ ކަމަށް ވެސް އެ ނޫހުގައި ވެ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ. މުނައްވަރާއި އަންނިއާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު ރީކޯ މޫސާ މަނިކާ ހަވާލާދީ "ރާއްޖެ" ނޫހުގައި ލިޔެފައިވަނީ ޑރ. މުނައްވަރާއެކު ވަރަށް ގިނަ ބަޔަކު ސިންގަޕޫރުގައި އެބައުޅޭ ކަމަށެވެ. އެކަމަކު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ރީކޯ މޫސަ ވެސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. ރީކޯ މޫސަ ވިދާޅުވީ ޑރ. މުނައްވަރު ސިންގަޕޫރަށް ވަޑައިގެންނެވި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އޭނާ އެއްވެސް ނޫހަކަށް އިންޓަވިއުއެއް ވެސް ދެއްވާފައި ނުވާނެ ކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ 2006 ގެ އޮކްޓޫބަރު މަހު ހިސާބުން ފެށިގެން އޭނާ ސިންގަޕޫރަށް ވަޑައިގެންފައި ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެއްވެސް ވާހަކަތަކެއް އެއްވެސް ބަޔަކާއެކު ދައްކަވާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހުން ސިންގަޕޫރަށް ދިޔައީ 2006 ގެ އޮކްޓޫބަރު ހިސާބުގައި. އޭގެ ފަހުން ސިންގަޕޫރަށް ނުގޮސް އަދި މި އުޅެނީ. ދެން ކިހިނެއްތޯ ސިންގަޕޫރުގައި އެފަދަ ބައްދަލުވުމެއް އަޅުގަނޑު ހުރެގެން ބާއްވާނީ. މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑު ސްރީލަންކާއަށް ގޮސްފައި ރޭ މި އައީ. އަޅުގަނޑު ލަންކާ އަށް ދިޔައީ އެޕޯލޯ ހޮސްޕިޓަލްގައި އޮތް ރައްޓެއްސަކަށް ޒިޔާރަތްކޮށްލުމަށް. ސިޔާސީ ބޭނުމެއްގައެއް ނޫން ދިޔައީ. އަޅުގަނޑު ގަބޫލެއް ވެސް ނުކުރަން ރާއްޖޭގައި މިހާ ގިނަ ސިޔާސީ ޕާޓީތަކެއް ހަދަންޖެހޭނެ ކަމަކަށް. މިހާރު މި ހީވަނީ ސަމާސާ ކަމެއް ހެން. އަދިވެސް އެބައުޅޭ އިތުރު ހަތަރު ވަރަކަށް ޕާޓީ ރަޖިސްޓްރީ ކުރަން. އެހެންވީމަ އެހެން ސިޔާސީ ޕާޓީއެއް ހަދައިގެން އެކަމުގައި އުޅޭކަށް އަޅުގަނޑު ބޭނުމެއް ނޫން،" ރައީސް މައުމޫނުގެ ސަރުކާރުގައި 10 އަހަރު ވަންދެން ބަންޑާރަ ނާއިބުކަން ކުރައްވާފައިވާ ޑރ. މުނައްވަރު ވިދާޅުވި އެވެ.
ގައުމީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަކީ ސިޔާސީ ކަމަކަށްވާއިރު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ދުރުގައި ހުންނަވަނީ ކީއްވެތޯ ދެންނެވުމުން ޑރ. މުނައްވަރު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނެގި ކޮމެޓީގައި ވެސް އޭނާ ހިމެނިވަޑައިނުގަންނަވާތީ އެންމެ ރަނގަޅު ގޮތަކީ އެކަންތަކާ ދުރުގައި ހުންނެވުން ކަމަށެވެ.
"އެހެންވެ އަޅުގަނޑު މި ހުންނަނީ އެކަމާ (އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތަކުގައި) ސްޓޭޓްމަންޓެއް ނުދޭން ނިންމައިގެން،" ޑރ. މުނައްވަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، ވަގުތު ހުރި ގޮތުން މި ދުވަސްވަރު އުޅުއްވަނީ ރާއްޖެތެރޭގަ އާއި ރާއްޖެއިން ބޭރުގެ ދަތުރުތަކުގައި ކަމަށެވެ.
"މިރޭ ނުވަތަ މާދަމާ ހިސާބުގައި ވެސް ރާއްޖެއިން ބޭރަށް ފުރަން މި އުޅެނީ. ޕްރައިމަރީ ކަންތައްތަކުގައި އުޅުމުން އަޅުގަނޑުގެ ވިޔަފާރީގެ ބައެއް ކަންތައްތައް ހަމަޖައްސަން އެބަޖެހޭ. އެކަމުގައި މި ދުވަސްވަރު މި އުޅެނީ. އެކަމަކު އެމްޑީޕީއާ އެކު އަޅުގަނޑު މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީ އަށް ފަހު ޑރ. މުނައްވަރު އެމްޑީޕީ އޮފީހަށް ވަޑައިގެންނެވީ އެންމެ ފަހަރަކު ކަމަށްވެ އެވެ. އަދި އެއް ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތަކުގައި މަޝްވަރާކުރުމަށް އެންމެ ފަހުން ބޭއްވި ގައުމީ އިއްތިހާދުގެ ބައްދަލުވުމުގައި ވެސް އޭނާ ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ