ރިޔާސީ އިންތިހާބަށް އޮބްޒާވަރުން ފޮނުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާ ސަފީރު ވިދާޅުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމެރިކާއިން ވެސް އޮބްޒާވަރުން ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ރޮބަޓް ބްލޭކް ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެމެރިކާ ސަފީރު ވިދާޅުވީ ސީދާ އެމެރިކާ ސަރުކާރުން އޮބްޒާވަރުން ނުފޮނުވާނެ ކަމަށާއި އެހެން ނަމަވެސް އެމެރިކާގެ އަމިއްލަ އިންސްޓިޓިއުޝަންތަކުން އެކަންތައް ކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ އިންސްޓިޓިއުޝަންތަކުގެ އެހީގައި އޮބްޒާވަރުން ރާއްޖެއަށް ފޮނުވުމަށްޓަކައި ފައިސާ ހޯދައި، އެ މަގު ތަނަވަސްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެމެރިކާއިން އޮބްޒާވަރުން ނުފޮނުވުނަސް، ލަންކާގައި ހުންނަ އެމްބަސީން ކޮމަންވެލްތު އޮބްޒާވަރުންނާއި އަދި ބައިނަލްއަގްވާމީ އެހެން ފަރާތްތަކާ ގުޅިގެން އިންތިހާބުގެ ކަންތައްތައް ވަރަށް ކައިރިން ބަލަމުން ދާނެ. ކުރިއަށް މި އޮތީ ވަރަށް މުހިންމު އިންތިހާބެއް،" ގައުމީ ކުތުބުހާނާގައި ހުންނަ އެމެރިކަން ކޯނަރުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެމެރިކާ ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ގާނޫނު އަސާސީ ނިންމުމަށްޓަކައި ދެން އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށް ވުމާއެކު ދިވެހި ސަރުކާރާއި ސިޔާސީ ޕާޓީތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އާ ގާނޫނު އަސާސީގެ ދަށުން ގާނޫނުތައް އެކުލަވާލާއިރު ސަރުކާރާއި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށާއި އޭގެ ސަބަބުން މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ ރިޔާސީ އިންތިހާބުގެ ކުރިން އާ ގާނޫނު އަސާސީ ތަސްދީގުކުރުމަށް ފަހު، އިންތިހާބަށް ތައްޔާރުވުމުގެ ވަގުތު ލިބިގެންދާނެކަން އެމެރިކާ ސަފީރު ފާހަގަކުރެއްވި އެވެ.
ބްލޭކް ވިދާޅުވި ގޮތުގައި މިނިވަން، މުސްތަގިއްލު އިލެކްޝަން ކޮމިޝަނަރަކާއި އިންތިހާބާ ބެހޭ ގާނޫނު އެކުލަވާލުމުގައި ވެސް ދިވެހި ސަރުކާރާއި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތްކުރުން ވަރަށް ބޭނުންތެރި ކަމަށެވެ. އޭގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ގޮތް ހެދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
"އިންތިހާބު ކައިރިވަމުންދާއިރު މިހާރު ވެސް ވަރަށް ގިނަ ކެންޑިޑޭޓުން ރޭޑިޔޯ އާއި ޓީވީއަށް އިންޓަވިއު ދެއްވަމުން ގެންދަވާކަން އަޅުގަނޑަށް އިނގޭ. މިއީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި މިހާރު ވެސް މިކަން އެ ދަނީ ތަޖުރިބާ ކުރަމުން،" ސަފީރު ވިދާޅުވި އެވެ.
މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭ ގޮތަށް އާ ގާނޫނު އަސާސީގައި ފާސްކޮށްފައިވާތީ އެކަމާ ބެހޭ ގޮތުން ދެކެނީ ކޮން ގޮތަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން އެމެރިކާ ސަފީރު ވިދާޅުވީ ދީނީ މިނިވަންކަން ދިނުމަށް އެމެރިކާއިން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައެއް މުއާހަދާތަކާ ތައާރަޒުވާ ގޮތަށް ގާނޫނު އަސާސީގެ ބައެއް މާއްދާތައް ފާސްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ދިވެހި ސަރުކާރާއެކު އެ މައްސަލައިގައި ވާހަކަ ދައްކަވާފައިވާ ކަމަށާއި އެ މައްސަލައަށް ހައްލެ ގެނެވޭނީ ކޮންގޮތަކަށްތޯ ދިވެހި ސަރުކާރުން ބަލަމުން ގެންދާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އެއްވެސް ކޮމިޓްމަންޓެއް ދެއްވާފައިވޭތޯ ދެންނެވުމުން އެމެރިކާ ސަފީރު ވިދާޅުވީ "މިފަދަ ނާޒުކް މައްސަލަތަކާ ބެހޭ ގޮތުން އަޅުގަނޑު ދިވެހި ސަރުކާރާއެކު ކުރާ ޕްރައިވެޓް ޑިސްކަޝަންތަކުގެ ވާހަކަ ހާމަކުރަން ބޭނުމެއް ނޫން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ