އެމްޑީޕީ ބައިބައިވެގެން ދިޔައީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި) ގެ ސަބަބުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ހިތަދޫ ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ ވެސް އިސްކޮށް ހުންނަވައިގެން އެމްޑީޕީ ނިކުތީ އިސްލާހަށް މަސައްކަތް ކުރަން ކަމަށާއި އެހެންނަމަވެސް އެ ޕާޓީ އަށް އަންނިގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާތީ އެ ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ވެސް މަސައްކަތް ނުކުރެވި، ޕާޓީ ބައިބައިވެގެން ގޮސްފައިވާ ކަމަށެވެ.
"އެކަމަކު ކީއްވެގެންތޯ މިއަދު އެމްޑީޕީ މިއަދު އެހާލަތަށް ދިޔައީ؟ އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް ފޭލިވެގެން ދިޔައީ ކީއްވެތޯ ކާކާ ހެދިތޯ؟ ހަމަ އެންމެ މީހަކާ ހެދި. އެއީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި އޭރު ހުންނެވި އަންނިގެ ސަބަބުން،" ގާސިމް ވިދާޅުވި އެވެ. "އެކަން އަޅުގަނޑުމެންނަށް އެނގިގެން ދާ ސަބަބަކީ އެ ޕާޓީގެ ދެވަނަ ރައީސް ޑރ. މުނައްވަރު ޕާޓީ ދޫކޮށްލެއްވުން. އަދި އަންނި އާ ގުޅުން ހުރި ނޫހަކުން (ޕާޓީ އާ ބެހޭ ގޮތުން) ނެރެމުން ދިޔައީ ވަރަށް އިހާނެތި ވާހަކަތައް. މިކަހަލަ ނޭއްގާނީ ކަންތައްތަކުގެ ސަބަބުން ކޮންމެ މީހަކު ވެސް އެމްޑީޕީ ދޫކޮށްލައިފައި ދިޔައީ. ފުރަތަމަ ބުނީ ތިމަންނަ ރާއްޖޭގެ ވެރިކަމެއް ބޭނުމެއް ނޫނޭ. އެކަމަކު މިހާރު ކިހިނެއްތޯ މިވަނީ؟ އެހެންވީމާ މިކަހަލަ ސަބަބުތަކާ ހެދި އެމްޑީޕީ ރޫޅިގެން ގޮސް އިސްލާހަށް މަސައްކަތް ކުރަން ނިކުތް މީސްމީހުން ބައިބައިވެގެން މިދަނީ. އެހެންނަމަވެސް ބައިބައިވެގެން ދިޔަ ނަމަވެސް ޑީއާރްޕީ ފިޔަވައި އެންމެން ވެސް ގަބޫލު ކުރަނީ އިސްލާހީ ބަދަލު ރާއްޖެ އަށް އަންނަން ޖެހޭކަން."
އެ ޖަލްސާގައި ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ އޮޕަރޭޝަންސްތައް ބައިނަލްއަގްވާމީ މާކެޓަށް ފުޅާކުރުމަށްޓަކައި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެބަނދަރު އިތުރަށް ތަރައްގީކޮށް ދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އޭނާ ހޮއްވަވައިފި ނަމަ އައްޑު އަތޮޅުގެ ތަރައްގީ އަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި މިއަތޮޅުގެ ރިސޯޓްތަކަށް ޓޫރިސްޓުން ގެނައުމަށް ގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމަކީ އޭނާގެ ސަރުކާރެއްގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް އައްޑު އަތޮޅަކީ ތަރައްގީ ގޮތުން ވަރަށް ބޮޑަށް ކުރިއަރައިފައިވާ އަތޮޅެއް ކަމަށާއި އެހެންނަމަވެސް މިހާރުގެ ސަރުކާރު ފޭލިވެފައިވާތީ ހުރިހާ ކަމެއް ވެސް ވަނީ ސުމަކުން ފަށަން ޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އައްޑު އަތޮޅަކީ ހޭލުންތެރި ގާބިލް ބަޔަކު ދިރިއުޅެމުން ދިޔަ ތަނެއް. ހާއްސަކޮށް އިނގިރޭސީން މިތަނުގައި އުޅުނު ދުވަސްވަރު މިތަނުން މާލެ އަށް ކާބޯތަކެތި ގެންދިޔަ މަންޒަރު ވެސް އަޅުގަނޑުމެން ދުށިން. އެކަމަކު އަޅުގަނޑުމެން މިއަދު މިޖެހެނީ ޒީރޯއަކުން ހުރިހާ ކަމެއް ފަށަން،" ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. "އެހެންމިވީ ސަރުކާރު ފޭލިވެފައި އޮތީމަ. އަޅުގަނޑުމެން ބޭނުން ވަނީ ޕްލޭނެއް ނޫން. ޕްލޭންތައް އެބަހުރި ބައިވަރު ރާވައިފައި. ދުވަހަކު ވެސް އެޕްލޭންތަކަށް އަމަލެއް ނުކުރެވޭ. މިހާރު ވެސް އެއާޕޯޓަށް (ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު) ބޯޓެއް ނުޖެއްސޭ. ކީއްވެގެންތޯ؟ އެއާޕޯޓް އެކްސްޓެންޑް (ރަންވޭ ބޮޑު ކުރަން) ކުރަން އޮތް ބައި ސަރުކާރުން އިތުރު ނުކޮށްދެއްވައިގެން. އެހެންވީމާ އެކަންތައްތައް ކުރުމަށް އަޅުގަނޑުމެން ސަރުކާރާ ހަވާލު ކުރައްވައިފި ނަމަ ދޮޅު އަހަރުގެ ތެރޭގައި އެއާޕޯޓް ތަރައްގީކޮށް ނިންމާނަން."
އޭނާ އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް އައްޑު އަތޮޅުގައި ވަރަށް އަވަހަށް ނަރުދަމާ ނިޒާމެއް ގާއިމުކޮށް ދެއްވައި މިއަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މަދިރީގެ މައްސަލަ އަށް ވެސް އެކަށީގެންވާ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"އަދި މިއަތޮޅުގައި ފާހާނާ ހޮޅީގެ ނިޒާމެއް (ނަރުދަމާ) ނިންމައި ދޭނަން. އަދި ފެށުނީއްސުރެ މިއަތޮޅުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ދިމާވެފައިވާ މަދިރީގެ މައްސަލަ ވެސް ހަމަޖެހިގެން ދާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައިގައި ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އޭނާ ވިދާޅުވީ މި ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެވޭނީ ކަންކަން ކުރެވޭ ފެންވަރުގެ ތަޖުރިބާ ހުރި އަމަލީ ގޮތުން ވެސް ގާބިލް ބޭފުޅަކަށް ކަމަށެވެ. އަދި އޭނާ އަކީ އެފަދަ ބޭފުޅެއް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
އައްޑޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމުގެ އިތުރުން ޖުމްހޫރީ ގުޅުމުގެ ފަރާތުން އަދާލަތު ޕާޓީގެ ރައީސް ޝާހު ހުސެން ރަޝީދާއި އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަބުދުލް މަޖީދު އަބްދުލް ބާރީގެ އިތުރުން ނެޝަނަލް ކޮންގްރެސްގެ ލީޑަރު މުހައްމަދު ނައީމު ވާހަކަ ދެއްކެވި އެވެ. އެބޭފުޅުން ވިދާޅުވީ އައްޑު އަތޮޅުން ޖުމްހޫރީ ޕާޓީ އަށް 90 ޕަސެންޓް ތާއީދު ލިބޭނެ ކަމަށާއި މިއަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކަމަށެވެ.
މީގެއިތުރުން ގާސިމްގެ ކެމްޕޭނު ޖަލްސާގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ތިން ފަންނާނަކު ވެސް ބައިވެރިވި އެވެ. އެގޮތުން ޔޫސުފު ޝަފީއު (ޔޫއްޕެ) އާއި މުހަންމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ކޮއްޔަ ހަސަން މަނިކު ވެސް އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބު 2008: އެމްޑީޕީ ބައިބައިވެގެން ދިޔައީ އަންނިގެ ސަބަބުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ