އަދާލަތު ޕާޓީގައި ތިއްބެވި ދީނީ އިލްމުވެރިންނަކީ އިންޑިޔާ ޕާކިސްތާނު ފަދަ ގައުމުތަކުން އުރުދޫ ބަހުން ކިޔަވައިގެން ދީނީ ތައުލީމު އުނގަންނައިދިނުމުގެ ސަނަދު ހޯއްދަވާފައިވާ ބޭފުޅުންތަކެއް ކަމަށް ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވުމާ ގުޅިގެން އަދާލަތު ޕާޓީން އެވާހަކަ އަށް ރައްދު ދެއްވައިފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން ހުކުރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ޑީއާރްޕީގެ ޒައީމް ދެއްކެވި ވާހަކަ އަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހު ހުސެން ރަޝީދު ރޭ ފޭދޫގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވިދާޅުވީ މައުމޫން ސީދާ ދިމާކުރެއްވީ އޭނާއާ ކަމަށެވެ.
"ހިތަދޫގައި ޑީއާރްޕީން ބޭއްވި ޖަލްސާގައި ސީދާ އަޅުގަނޑާ ދިމާކޮށް އަޅުގަނޑަށް ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވައިފައިވޭ. މާބޮޑު ތައުލީމެއް އަޅުގަނޑަށް ލިބިފައި ނެތް ވާހަކަ އެމަނިކުފާނު ވިދާޅުވަނީ. އެއީ ތެދަކަށް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑަކީ ކުޑައިރުއްސުރެ ހައްގު ބަސް ބުނެއުޅޭ މީހެއް،" ހުސެން ރަޝީދު ވިދާޅުވި އެވެ. "ސީދާ ތެދުތެދަށް މި ދަންނަވަނީ މައުމޫނަކީ ސަތޭކައިން ސަތޭކަ އިސްލާމުން ތިބި ގައުމެއްގައި އިސްލާމުން އެމީހުންގެ ވެރިއަކަށް ގެންނަން ކަމުދާ އިންސާނެއް ނޫން."
މައުމޫނަށް ރައްދު ދެއްވަމުން ހުސެން ރަޝީދު ވިދާޅުވީ "އެމަނިކުފާނު ދުވަހަކު ވެސް ދޫފުޅުން ތެދެއް ނަހައްދަވާ" ކަމަށާއި "ދީނީ ވާހަކައެއް ދެއްކެވިޔަސް އެ ވާހަކައެއް ވެސް ގިނަ ފަހަރަށް ދައްކަވަނީ އޮޅުވާލައިގެން" ކަމަށެވެ.
"އަޅުގަނޑު ނުބުނަން އެބޭފުޅާއަކީ ކިޔަވައިގެން ހުންނެވި ބޭފުޅެއް ނޫނޭ. އޭނާއަކީ އިލްމީ ބޭފުޅެއް. އެކަމަކު އެއިލްމަކަށް އަމަލެއް ނުކުރައްވައޭ. އޭނާ ވިދާޅުވާ އެއްޗަކާ އަމަލާ ގުޅުމެއްނެތޭ އިނގޭތޯ. އެ އިލްމުގެ ނަމުގައި ރައްޔިތުންނަށް އެބޭފުޅާ އިތުރުފުޅޭ ހައްދަވަނީ،" ހުސެން ރަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު 2،000 ވަނަ އަހަރު ސިޓީއަކުން ދަންނަވާފައި ވާނެ އެމަނިކުފާނަކީ ފުރިހަމަ މުސްލިމެއް ނޫނޭ އިސްލާމު ދީނަށް ވެދެވަޑައިގަންނަވާށޭ. ...ކީކޭތޯ އެބޭފުޅާ ވިދާޅު ވަނީ ހުސެން ރަޝީދަކީ ނުކިޔަވާ ހުރި މީހެކޭ. އިސްލާމް ދީން ކިޔަވާފައި އޮތީ އުރުދޫ ބަހުންނޯ. އަޅުގަނޑުމެން ނުބުނަން އެބޭފުޅާ ހުންނެވީ ނުކިޔަވައެކޭ. އަޅުގަނޑުމެން އަބަދުވެސް މިދަންނަވަނީ އަމަލާ ބަހޭ ދިމަލެއް ނުވެއޭ. އިސްލާމް ދީން ގަބޫލެއް ނުކުރެއޭ. އިސްލާމްދީން ގަބޫލުނުކުރާ ކަމުގެ އެއްވެސް ޝައްކެއް ނެތް."
ހުސެން ރަޝީދު އިތުރަށް ވިދާޅުވީ ގާނޫގެ އަސާސީގެ ދަށުން މައުމޫނަށް ވެރިކަމަށް ވެސް ކުރިމަތިނުލެއްވޭނެ ކަމަށާއި ކުރިމަތިލައްވައިފި ނަމަ ޝަރީއަތަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ކަނޑައެޅިގެން ދަންނަވާނަން އަދާލަތު ޕާޓީން އަޅުގަނޑުމެން މައުމޫނު ގޮވައިގެން ޝަރީއަތަށް ދާނަމޭ އެބޭފުޅާ ވެރިކަމަށް ކުރިމަތިލައްވާ ދުވަހަކު،" ހުސެން ރަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ނުކިޔާނަން އާ ގާނޫނެއް ބާ ގާނޫނެއް. އަޅުގަނޑުމެން ކިޔާނީ އެބޭފުޅާއަކީ ގާނޫގެ އަސާސީގެ 109 ވަނަ މާއްދާގެ (ށ) އަށް ނުފެތޭ މީހެކޭ. އެހެންކަމަށް ވެއްޖެއްޔާ ސުޕްރީމް ކޯޓެއް ނުހެދޭނެ."
އޭނާ އަދި ވިދާޅުވީ މައުމޫން ތައުބާވެގެން ވަޑައިގެންފި ނަމަ އަދާލަތު ޕާޓީން ސުލްހަވެރި ވެސް ވާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ވެރިކަމަށް މައުމޫން ގެންނާކަށް ގަބޫލުނުވާނެ ކަމަށެވެ.
އަދާލަތު ޕާޓީ އަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން މައުމޫން ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ދީނީ ގޮތުން އެއްވެސް އެއްޗެއް ދަންނަ ބޭފުޅެއް ނޫން ކަމަށް ވިދާޅުވާ މީހުންނަކީ އިންޑިޔާ ޕާކިސްތާނު ފަދަ ގައުމުތަކުގައި އުރުދޫ ބަސް ފަދަ ބަސްތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
މައުމޫން ވިދާޅުވީ "އަޅުގަނޑަކީ އާލިމެކޭ، އިލްމުވެރިއެކޭ ބުނާކަށް ބޭނުމެއް ނޫން" ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ކިޔަވާ ވިދާޅުވި މިސްރުގެ އަލް އަޒުހަރު ޔުނިވާސީޓީގައި 1964 ވަނަ އަހަރު ޝަރީއަތާއި ގާނޫނުގެ އިމްތިހާނުން އެތައް ކުދިންތަކަކާ ވާދަކޮށް އެއްވަނަ ހޯއްދެވީ އެމަނިކުފާނު ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ގާނޫނު އަސާސީގެ ދަށުން މައުމޫނަށް ކުރިމަތިނުލެއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ، އައްޑު އަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމުގެ ގޮތުން ޑީއާރްޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ އެގޮތަށް ވާހަކަ ދައްކަވަނީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.
"އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން. އަޅުގަނޑުމެންގެ އާ ގާނޫނު އަސާސީ ރަނގަޅަށް ވިދާޅުވެލައްވައިފިއްޔާ އެކަމުގެ އެއްވެސް ޝައްކެއް ނޯންނާނެ. އޭޣެ 293 މާއްދާގެ އެބަބުނޭ އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހުރިއްޔާ ތަސްދީގުކޮށް ސަރާކާރުގެ ގެޒެޓްގައި ޝާއިއު ކުރުމުންނޭ،" މައުމޫން ވިދާޅުވި އެވެ. "އެކަން އެއޮތީ ނިމިފައި. އެހެންވީމާ އެ ހިސާބުން ފެށިގެން އަމަލު ކުރަމުން މިގެންދަނީ އާ ގާނޫނު އަސާސީ އަށް. އަދި ހަމަ މިމާއްދާގައި އެބަ ބުނޭ މިގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމުން 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު އަމަލުކުރަން ފެށުނު ގާނޫނު އަސާސީ އުވުނީއޭ. އާ ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި އެބަބުނޭ ކޮންމެ މީހަކަށް ވެސް ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރެވިދާނޭ. އެހެންވީމާ މި އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން ޝަތުރު ހަމަވާ ކޮންމެ މީހަކަށް ވެސް ދެ ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ލިބިދޭ. އެހެންވީމާ އެ ވާހަކަތަކަކީ ހަގީގަތާ އެއްގޮތަށް ދައްކާ ވާހަކަތަކެއް ނޫން."
ރިޔާސީ އިންތިހާބު 2008: ޑީއާރްޕީގެ ޒައީމަށް އަދާލަތު ޕާޓީގެ ރައީސް ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ