ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލް ހަމީދުގެ މައްޗަށް ދޮޅު އަހަރަށް އަރުވާލުމުގެ ހުކުމެއް އިއްވާފައިވާ އިރު، އޭނާގެ ގޮނޑި ހުސްވިކަން ނުވަތަ ނޫން ކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައިގެން ނޫނީ، މިހާރު ހުއްޓިފައިވާ މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުއްޖެ އެވެ.
"ހަވީރަ"ށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު މިއަދު ވިދާޅުވީ މެންބަރެއްގެ މައްޗަށް ހުކުމެއް އިއްވާފައި ވިޔަސް އެ މެމްބަރަކު މަޖިލީހަށް ވަޑައިގަތުމުން އެ ކަމަށް ހުރަސްއެޅުމުގެ ގާނޫނީ އެއްވެސް ބާރެއް މަޖިލީހުގެ ރައީސަށް ގާނޫނީ ގޮތުން ލިބިގެން ނުވާ ކަމަށެވެ. އަދި އެ މައްސަލައަކީ، މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައަކަށްވާ އިރު، އެ ކަމުގައި މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް އެ މެންބަރަކަށް "ވަރަށް ސާފު" ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އިސްމާއީލް އަބްދުލް ހަމީދުގެ މައްޗަށް ދޮޅު އަހަރުގެ ޖިނާއީ ހުކުމެއް އިއްވާފައިވާތީ، އޭނާ އަށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވާ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ އަކީ މަޖިލީހުގެ މެމްބަރެއް ނޫނެވެ. ނަމަވެސް އިސްތިއުނާފުގެ މަރުހަލާތައް މިހާތަނަށް ނުނިމޭތީ، އޭނާއަކީ މިހާތަނަށް ވެސް މެމްބަރެއް ކަމަށް ދެކެވަޑައިގަންނަވާ މެމްބަރުންނަށް އެކަން ވެސް އޮތީ އެހާ ސާފުކަން ބޮޑު ގޮތެއްގަ އެވެ.
"މިހާރު މި ފެންނަ ފެނުމުގައި ސުޕްރީމް ކޯޓުގެ ބަހެއް ނެތި ކުރިއަށް ދެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވުން މި ދެންނެވިހެން ވަރަށް ސާފުކޮށް، މިދެންނެވިހެން ދެ ފަރާތަށް ވެސް އެހާ ސާފު. އެކަމަކު ސާފުވެގެން ގޮސް އޮޅިފައި އޮތް ހިސާބުން ގާނޫނު އަސާސީގައި މި ބުނަނީ ސުޕްރީމް ކޯޓުންނޭ ގޮތެއް ކަނޑައަޅައިދެއްވާނީ. އެހެންވީމާ ސުޕްރީމް ކޯޓުގެ ބަހެއް ލިބުނީމާ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނީ ހަމަތައް ހުރި ގޮތަށް ބަލާއިރު، ސުޕްރިމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމުގެ ދޮރު ވެސް މިހާރު ވަނީ ބަންދުވެފަ އެވެ. އެއީ އެ ފަދަ ލަފައެއް ހޯދުމަށްޓަކައި މަޖިލީހުން ފާސްކުރަންޖެހޭ ގަރާރު އެކުލަވައިލުމަށް މަޖިލީހުގެ އާންމު ކޮމިޓީގައި މަސައްކަތްކުރަމުން އަންނަނިކޮށް، އެންމެ ފަހު ވަގުތު ކޮމިޓީގެ މެމްބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުންތަކުގެ ސަބަބުން އެ މަސައްކަތް ވެސް ހުއްޓާލާފައިވާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ މައްސަލައިގައި މެމްބަރުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލުނުކުރެވި ހަފުތާއެއް ވަންދެން ޖަލްސާތައް ނުބޭއްވި ދިޔަ ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން މެންބަރުންނާ މަޝްވަރާކުރުން ހުއްޓަވާނުލައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މޮޓޯއެއް ކަމުގައި މި އޮންނަނީ، "އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ." އެހެންވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ ]މޮޓޯ[ ދޫކޮށްނުލާނަން. އަޅުގަނޑު ހަމަ މަޝްވަރާކުރަމުން ގެންދާނީ. މަޝްވަރާކޮށްގެން މިހާތަނަށް ހައްލު ގެނެވިފައި އެބަހުރި. އަޅުގަނޑު އުންމީދު ކަނޑައެއްނުލާނަން،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ޖަލްސާއެއް ނުބޭއްވި ދިއުމަށް ފަހު މިއަދު ބާއްވަން އުޅުނު ޖަލްސާ ވެސް ކެންސަލްކުރަން ޖެހުނު ނަމަވެސް، މާދަމާ ޖަލްސާއެއް ބޭއްވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި މެމްބަރުންނާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު ކަންތައް ބަދަލުވަމުންދާ ގޮތަކުން މާދަމާ ޖަލްސާއެއް ބޭއްވިދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ގޮތެއް ނިންމައިގެން ނޫނީ މަޖިލިސް ކުރިއަށް ދާނެ ކަމަކަށް ނުފެނޭ: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ