މީޑިއާ ބިރުގަންނަވަރުގެ ވާހަކައެއް ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވިދާޅުނުވާ ކަމަށާއި ސިފައިން ކުށްވެރިކޮށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކުމަށް އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެދިވަޑައިގެންފި އެވެ.
ޑިފެންސް މިނިސްޓަރު މީޑިއާ އަށް ދެއްވި އިންޒާރާއި، ހުކުރު ދުވަހުގެ މުޒާހަރާއާ ގުޅޭ ގޮތުން ޓީވީ ސްޓޭޝަންތަކަށް އެމްއެންޑީއެފުން ސިޓީ ފޮނުވި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކުށްވެރިކޮށްފައި ވަނިކޮށް، ގައުމީ ސަލަމަތާ ބެހޭ ކޮމިޓީގެ މުގައްރިރު ވިދާޅުވީ ތަލްހަތު އެ ކޮމިޓީގައި ދެއްކެވި ވާހަކަ އަދި ޓީވީ ސްޓޭޝަންތަކަށް ފޮނުއްވި ސިޓީގެ މަފްހޫމް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ކޮމިޓީގައި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި [ޓީވީ ސްޓޭޝަންތަކަށް] ފޮނުއްވި ސިޓީގެ މަފްހޫމް އެއްވެސް ފަރާތަކުން އޮޅުވާ ނުލައްވައި ވާހަކަ ދެއްކެވުން މުހިންމު. ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނޫން ގޮތަކަށް ސިފައިން އެއްޗެއް ނުބުނާނެ. އެހެންވެ ސިފައިން ކުށްވެރިވާ ގޮތަށް އެއްވެސް ފަރާތަކުން ވާހަކަ ނުދެއްކެވުން އެދެން،" އަލީ ވަހީދު ވިދާޅުވި އެވެ.
ސިފައިންނަކީ ގައުމުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުވާކޮށްގެން ތިބި ބައެއް ކަމަށާއި އެހެންވެ ސިފައިންނަށް އިތުބާރު ކުރަންވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ގައުމުގެ ސަލާމަތަށްޓަކައި ބުނަން ޖެހޭ ވާހަކަތަކާއި އެ ވާހަކަތައް ބުންނަންވާ ވަގުތާއި ދަނޑިވަޅު އެނގޭނީ ސިފައިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މިނިވަންކަމާ އެކު މަސައްކަތްކުރުމަށް މީޑިއާ ޖެހިލުންވާން ނުޖެހޭނެ ކަމަށާއި މިނިވަން ނޫސްވެރިކަމެއް ގާއިމުކުރުމަކީ މިހާރު އޮތް ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އިޒްރޭލުގެ މަތިންދާ ބޯޓުތައް ރާއްޖޭގައި ޖައްސަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި އިއްޔެ ތަލްހަތު ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށް ބުރޫއަރާ ފަދަ ގޮތަކަށް މީޑިއާ އިން އަމަލުކުރާ ނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްޗެއް ލިއުން، ކިއުން ފަދަ ކޮންމެ ކަމެއް ކޮންމެ ފަރާތަކުން ކުރިއަސް ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެފަދަ ގޮތަކަށް އަމަލުކުރާ މީޑިއާތައް ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް މިނިސްޓަރު ދެއްވި އެވެ.
ތަލްހަތު ކޮމިޓީގައި މިހެން ވިދާޅުވިއިރު އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހިނގާފާނެ ކަމަށް ބެލެވޭ ބައެއް ކަންތައްތައް ނުފޮނުވުމަށް އަންގައި ޓީވީ ސްޓޭޝަންތަކަށް އެމްއެންޑީއެފުން ވަނީ ސިޓީ ފޮނުވައިފަ އެވެ.
އަލީ ވަހީދު ވިދާޅުވީ ހުކުރު ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި މިހާތަނަށް ބޭއްވި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތަށް ވުރެ މިފަހަރު އަމަލުކުރި ގޮތް މާ ބޮޑަށް ވެސް ރަނގަޅު ކަމަށެވެ. އަދި އެ ދުވަހު މުޒާހަރާކުރި ފަރާތްތަކުން ވެސް އަމަލުކޮށްފައިވަނީ ގައުމުގެ ސުލްހަމަސަލަސް ކަމަށް އިސްކަން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފް ދިފާއުކޮށް އަލީ ވަހީދު ވާހަކަ ދެއްކެވިއިރު ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޑިފެންސް މިނިސްޓަރުގެ ވާހަކަތަކާއި އަދި އެމްއެންޑީއެފުން ޓީވީ ސްޓޭޝަންތަކަށް ފޮނުވި ސިޓީއާ ގުޅިގެން މިއަދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ
މީޑިއާ ބިރުގަންނަވަރުގެ ވާހަކައެއް ޑިފެންސް މިނިސްޓަރު ވިދާޅެއް ނުވޭ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ