ޑިމޮކްރެޓިކް ގައުމެއްގެ ގާނޫނު އަސާސީ ބަލައިނުގަންނަ މީހަކު އދ. ގެ އިސް މަގާމެއްގައި ހުރެގެން ނުވާނެ: އަބްދުﷲ އަބްދުއްރަހީމް

ރާއްޖޭގެ ގާނޫނު އަސާސީ ގަބޫލުނުކުރައްވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ނަވީ ޕިއްލޭ އިއްޔެ ވިދާޅުވެފައިވާއިރު، ރާއްޖެ ފަދަ ޑިމޮކްރެޓިކް ގައުމެއްގެ ގާނޫނު އަސާސީ ބަލައިނުގަންނަ ބޭފުޅަކު އދ. ގެ އެފަދަ އިސް މަގާމެއްގައި ހުންނަވައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ އަބްދުއްރަހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕިއްލޭ ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި މުޚާތަބުކުރައްވަމުން، ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ރާއްޖޭގައި ބޭއްވުމަށް ގޮވާލައްވާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އަދި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ވާހަކައަކަށް އެއްވެސް މީހަކަށް ރާއްޖެ އިން ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. ޚާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގައި އިސްލާމްދީނާއި ގާނޫނު އަސާސީއާ ޚިލާފަށް ޕިއްލޭ ވާހަކަ ދައްކަވާފައިވާތީ ހަރުކަށި އިބާރާތުން އަބްދުﷲ އަބްދުއްރަހީމް އެކަން ކުށްވެރިކުރެއްވި އެވެ.
"އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކުމަށް އޭނާ އަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުރުސަތު ދެއްވުމަކީ ވެސް މަޖިލީހަށް ކުރެއްވި މަލާމާތެއް. ރައްޔިތުންގެ މަޖިލީހުގެ ހުރުމަތް ކަނޑާލުން އެއީ. އަޅުގަނޑު އެ ބައްދަލުވުމަށް ނުދިޔައީ ވެސް އޭނާ އަކީ ]ޕިއްލޭ[ އިސްލާމްދީނުގެ އަސްލުތަކާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާ މީހެއްކަން އެނގޭތީ،" ސަރުކާރު ހިންގާ އެމްޑީޕީ އަށް އެންމެ ފަހުން ސޮއިކުރެއްވި މަޖިލީހުގެ މެމްބަރު ވިދާޅުވި އެވެ. "މަޖިލީހުގައި އޭނާ އެ ދެއްކި ވާހަކަ މަޖިލީހުގެ ޔައުމިއްޔާ އިން ވެސް ކަނޑާލަން ޖެހޭނެ."
އޭނާ ވިދާޅުވީ އިސްލާމްދީނުގެ އަސްލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް ވާހަކަ ދައްކަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ޕޯޑިއަމް ދެއްވުމަކީ ގަވާއިދާ ޚިލާފަށް މަޖިލީހުގެ ރިޔާސަތުން ކުރެއްވި ކަމެއް ކަމަށެވެ. އަދި މިހާތަނަށް މަޖިލީހުގެ ޕޯޑިއަމްގައި މިފަދަ ވާހަކަތަކެއް އެއްވެސް ފަރާތަކުން ދައްކާފައި ނެތް ކަން ވެސް އަބްދުﷲ އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ.
"އިހަށް ދުވަހު އިންޑިޔާގެ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރުކުރެއްވީ. އޭނާ ވެސް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް އިހުތިރާމްކުރެއްވި. ރާއްޖޭގެ ގާނޫނު އަސާސީ އަށް އޭނާ އިހުތިރާމްކުރެއްވި. އަޅުގަނޑުމެންގެ ގާނޫނު އަސާސީ ވެސް ބަލައިގަނޭ. އެކަމަކު މީނަ ]ޕިއްލޭ[ މި މަލާމާތްކުރެއްވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި އިންނަވައިގެން ގާނޫނު އަސާސީ އަށް،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ޕިއްލޭ ދެއްކެވި ވާހަކަ އަށް އެމްޑީޕީން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
"ސަބަބަކީ އޭނާ އަށް އެ ފުރުސަތު ދެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ވާތީ. ޝާހިދަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އޭނާ ]ޕިއްލޭ[ އަކީ ކާކުކަން؟ އެވަރަށް ބަލާފައި މަޖިލީހުގެ ޕޯޑިއަމް ބަޔަކަށް ދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދުޖެހުމަކީ އެ މީހުންގެ ޝަރަފަށް އުނިކަން ލިބޭނެ ކަމެއް ކަމަށް ޕިއްލޭ ވިދާޅުވެ، ރާއްޖޭގައި ހައްދުޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް ގޮވާލައްވާފައިވާތީ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޕިއްލޭއާ ދެކޮޅަށް މާލޭގައި މިއަދު ވަނީ މުޒާހަރާއެއް ވެސް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ