އަހުމަދު އައްބާސްގެ އިސްތިއުނާފުގެ މައްސަލަ: ޣައިރު ހާޒިރުގައި އައްބާސްގެ މައްޗަށް ހުކުމް ކުރައްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް: ސ

އަހުމަދު އައްބާސްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކުރައްވައިފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަހަށް ޖަލަށްލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު ހުކުމް ކުރައްވާފައިވާ މައްސަލައާ ގުޅިގެން މަޝްހޫރު ކުރެހުންތެރިޔާ އަދި އެމްޑީޕީގެ މެމްބަރު ގ. ބެންބޫ އަހުމަދު އައްބާސް ހައިކޯޓުގައި އިސްތިއުނާފުކުރާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި އައްބާސްގެ ދިފާއީ ވަކީލު ވަނީ ވަރަށް ދިގުކޮށް ވާހަކަ ދައްކަވައި އައްބާސް ކުށުން ބަރީއަކުރުމަށް ހެކި ދައްކަވައިފަ އެވެ.
މިއަދު ސުއޫދު ވިދާޅުވީ ޣައިރު ހާޒިރުގައި ހުކުމެއް ކުރަންވާނީ ޝަރީއަތަކަށް ފަހުގައި ކަމަށާއި ޖިނާއީ ކޯޓުން އައްބާސްގެ މައްޗަށް ނިޔާއެއް އިއްވަވައިފައި ވަނީ އެއްވެސް ޝަރީއަތެއް ނުކުރައްވާ ކަމަށެވެ.
"ޝަރީއަތަކީ ދެ ފަރާތް ހާޒިރުކޮށްގެން ކުރާ އެއްޗެއް. ކަރުދާހުގައި ލިޔެފައި އޮންނަ އެއްޗަކަށް ބިނާކޮށްގެން ކުރާ އެއްޗެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ވިދާޅުވީ ޝަރީއަތަކާ ނުލައި ހުކުމްކުރުން ދިވެހިރާއްޖޭގެ ގާނޫނު މަނާކުރާ ކަމަށާއި އެހެންވެ މިއަދުން މިއަދަށް މި މައްސަލަ ފައިސަލާ ކޮށްދެއްވުމަށް ވެސް ފަނޑިޔާރުގެ އަރިހުން އަދިވަޑައިގަންނަވާ ކަމަށެވެ.
"ޣައިރު ގާނޫނީ ބަންދެއްގައި އެންމެ ސިކުންތަކު ވެސް އައްބާސް ބެހެއްޓުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހަވާލާދެއްވަމުން ސުއޫދު ވިދާޅުވީ، ޣައިރު ހާޒިރުގައި މީހެއްގެ މައްޗަށް ހުކުމް ނުކުރެވޭނެ ކަމަށާއި އެއްވެސް ފުރުސަތެއް ނުދެއްވާ ޖިނާއީ ކޯޓުން ހުކުމް އިއްވުމުން އެއީ ކުށުގެ ތުހުމަތުން ބަރީއަވުމުގެ ހައްގާއި ފުރުސަތު އައްބާސްގެ ކިބައިން ނިގުޅައިގަތުން ކަމަށެވެ. އެ ގޮތުން އޭނާގެ މައްޗަށް ކުރައްވާފައިވާ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށެވެ.
އައްބާސްގެ މައްޗަށް ޖިނާއީ ކޯޓުން ޣައިރު ހާޒިރުގައި ޖަލު ހުކުމެއް ކުރައްވައިފައި ވަނީ 2005 ވަނަ އަހަރު އޯގަސްޓް މަހު މިނިވަން ނޫހުގައި އައްބާސް ބުނި ކަމަށް އޮތް އިބާރާތަކީ މާރާމާރީ ހިންގަން ހިތްވަރުދޭ ލިޔުމެއް ކަމަށް ބުނެ ދައުލަތުން ދައުވާ ކުރެއްވުމުންނެވެ. ހުކުމް ކުރެއްވީ އައްބާސް ކޯޓަށް ހާޒިރުކުރަން ތަފާތު މަސައްކަތްތައްކޮށް ނާކާމިޔާބުވެގެން ކަމަށް ވެސް ޖިނާއީ ކޯޓުން އޭރު ވިދާޅުވި އެވެ.
ފަނޑިޔާރު އަބްދުލް ޣަނީ ސުވާލު ކުރެއްވުމުން އައްބާސް ބުނީ މިނިވަން ނޫހުގައި އޮތް އިބާރާތް "ސްޓާސް ފޯސް އިން އަހަރެމެންގެ ގައިގައި ތަޅާ މީހުންނަށް ހަދަންވީ ގޮތަކީ އެ މީހުން ވަކިވަކިން ހޯދައި އެ މީހުންނަށް ވެސް ތެޅީމާވާ ތަދު އިހުސާސްކުރެވޭނެ ގޮތަކަށް އަހަރެމެން އަމަލުކުރަންވީ، އެހެން ނޫނީ އެ މީހުންނެއް މައިތިރިއެއް ނުވާނެ،" އެއީ އޭނާ ބުނި އިބާރާތެއް ކަމަށާއި އެކަމަކު އެއީ އޭރުގެ ހާލަތަށް ބަލައި ފުލުހުން އިސްލާހު ކުރުމަށް ބުނި އެއްޗެއް ކަމަށެވެ.
"ކުޑަކުދިން އިސްލާހުކުރަން ވެސް އެފަދައިން ބުނޭނޫންތޯ؟ އެގޮތަށް އިސްލާހުކުރަން ބުނި އެއްޗެއް އެއީ،" އައްބާސް ވިދާޅުވި އެވެ.
ސޫއުދު ވިދާޅުވީ އައްބާސްގެ އިބާރާތާ ގުޅިގެން އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ދައުލަތުން އެކަން ސާބިތުކޮށްދެއްވަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ވާހަކަ އަކީ ފުލުހުން މާރާމާރީ ހިންގުން ހުއްޓުވުމަށް (އައްބާސް) ބުނެފައިވާ ބުނުމެއް. މިއީ މާރާމާރީ އަށް ހިތްވަރު ދިނުމެއް ނޫން. މި ކަމުގައި ބަލަންޖެހެނީ އައްބާސް އެހެން ވިދާޅުވި ހާލަތާއި އޭނާގެ ނިޔަތަށް،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު އަދި ވިދާޅުވީ އައްބާސަކީ 2005 އޯގަސްޓް 12 އިން ފެށިގެން ރާއްޖޭގެ ބަންދުގައި ބަހައްޓާފައިވާ މީހެއް ކަމަށާއި އައްބާސް ފިލައިގެން ނޫޅޭ ކަމަށާއި އަދި އޭނާގެ ކާޓޫނުތައް ކޮންމެ ހަފުތާއެއްގައި ނޫސްތަކުގައި ޖަހަމުންދާ ކަމަށެވެ. އެހެންވެ އޭނާ ހާޒިރުކުރަން ކޯޓުން މަސައްކަތްކުރެއްވިނަމަ އެކަން ވީސް ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ޖިނާއީ ކޯޓުން ކުރައްވާފައިވާ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ދެކަވަޑައިގަންނަވާ ކަމަށާއި އެ ހުކުމް ކުރައްވާފައި ވަނީ ދެ ފަހަރެއްގެ މަތިން އައްބާސަށް ޗިޓު ފޮނުވައި ހާޒިރު ނުކުރެވިގެން ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެހެން ނުކުތާއެއް ފާހަގަކުރައްވައި ސުއޫދު ވަނީ އެހެން މައްސަލައެއް ވެސް އައްބާސްގެ ފަރާތުން ހުށަހަޅުއްވައިފަ އެވެ. އެ ގޮތުން މިނިސްޓްރީ އޮފް ޖަސްޓިހުން 15 ފެބުރުއަރީ 2006 ގައި އަމަލުކުރައްވަން ފެއްޓެވި "ކޯޓަށް މީހުން ހާޒިރުކުރުމުގެ ގަވައިދު"ގެ 30 ވަނަ މާއްދާގެ ދަށުން، ޣައިރު ހާޒިރުގައި އައްބާސްގެ މައްޗަށް ހުކުމް ކުރައްވައިފައި ވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބުނެ އެގަވައިދު ބާތިލު އެއްޗެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އޭނާ ވިދާޅުވި އެވެ.
މިއީ އަމަލުކުރަމުންދާ ސަރުކާރުގެ ގަވައިދެއް ބާތިލުކޮށްދެއްވުމަށް އެދި ޝަރުއީ ކޯޓެއްގައި އެދުނު ފުރަތަމަ ފަހަރެވެ. ސުއޫދު އެ މައްސަލަ ނެންގެވުމުން ހައިކޯޓަށް ލިބިދޭ ވިރާސީ ބާރުތަކުގެ ދަށުން އެ މައްސަލަ ހުއްޓުވައިފައެއް ވެސް ނުވެ އެވެ.
އެ މައްސަލައިގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ގަވައިދަކީ ހައިކޯޓުން ބަލައިގަނެ ގަބޫލު ކުރައްވާފައިވާ ގަވައިދެއް ކަމަށެވެ. ޣައިރު ހާޒިރުގައި އިއްވާފައިވާ ނިޔާތަކާ ގުޅޭ މައްސަލަތައް މީގެ ކުރިން ވެސް ހައިކޯޓުން ބައްލަވާފައި ވާތީ އެ ގަވައިދަކީ ހައިކޯޓު ގަބޫލުކުރައްވާ ގަވައިދެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތް ފަނޑިޔާރު ނިންމަވާލެއްވީ އައްބާސް ޝަރީއަތަށް ހާޒިރުކުރުމަށް ކޯޓުން ކުރި މަސައްކަތުގެ ތަފުސީލު ދައުލަތުން ހައިކޯޓަށް ހުށަހެޅުމަށް ހަފުތާއެއް ދެއްވައިފަ އެވެ.
ޖަލު ހެދުމުގައި، ބިޑު އަޅުވައިގެން އައްބާސް މިއަދުގެ ހައިކޯޓަށް ހާޒިރުކޮށް ބޭއްވެވި ޝަރީއަތް އަޑުއެހުމަށް އޭނާގެ އާއިލާ އާއި އޭނާ ނިސްބަތްވާ އެމްޑީޕީގެ އިސް ވެރިންނާއި ވަރަށް ގިނަ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ވެސް ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ