އައިޑީޕީގެ ކޮންގްރެސް: ޕާޓީގެ ރައީސް ކަމަށް އުމަރު ނަސީރު، ނާއިބު ރައީސް ކަމަށް މުހައްމަދު ހަސަން މަނިކު

އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ރައީސް ކަމަށް އުމަރު ނަސީރު، އަދި ނާއިބު ރައީސް ކަމަށް މުހައްމަދު ހަސަން މަނިކު އިއްޔެ އިންތިހާބުކޮށްފި އެވެ.
ރޭ ނިމުނު އައިޑީޕީގެ ފުރަތަމަ ކޮންގްރެސްގައި ބޭއްވި އިންތިހާބުގައި، ޕާޓީގެ ރައީސް ކަމަށް، ކުރީގެ ޗެއާޕާސަން އުމަރު ނަސީރު ހޮވިވަޑައިގަތީ 66 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް، މުހައްމަދު އިބްރާހީމަށް ލިބިވަޑައިގަތީ 12 ވޯޓެވެ. މުޅި އެކު 79 މީހަކު ވޯޓުލި، އެ އިންތިހާބުގައި ބާތިލު އެއް ވޯޓު ހިމެނެ އެވެ.
ޕާޓީގެ ނާއިބު ރައީސް ކަމަށް ކުރީގެ ވައިސް ޗެއާޕާސަން މުހައްމަދު ހަސަން މަނިކު އިންތިހާބުވީ 77 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް އަހުމަދު ސައީދަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. ބާތިލު ވޯޓެއް ނެތެވެ.
އައިޑީޕީގެ އެންމެ އިސް ދެ މަގާމުގެ އިތުރުން އެހެނިހެން މަގާމުތަކަށް ވެސް އިއްޔެ މެމްބަރުން އިންތިހާބުކޮށްފައި ވެ އެވެ. އެގޮތުން އުތުރު ސަރަހައްދު 1ގެ ރައީސަކަށް ހޮވުނީ އަމްޖަދު ހުސެއިން، ރާގުންޑާގެ، މާލެ އެވެ. އުތުރު ސަރަހައްދު 1ގެ ނާއިބު ރައީސަކީ ނ. ވެލިދޫ ޕާމްލޮޖް އިބްރާހިމް ގާސިމެވެ. އުތުރު ސަރަހައްދު 2 ގެ ރައީސަށް އިންތިހާބުވީ ބ. ތުޅާދޫ ހަސަން ޒަހީނެވެ. އުތުރު ސަރަހައްދު 2 ގެ ނާއިބު ރައީސަކީ އަބްދުއް ލަތީފު މުހައްމަދެވެ.
ދެކުނު ސަރަހައްދު 1ގެ ރައީސަކަށް އިންތިހާބުވީ ގދ. ތިނަދޫ މުރަކަ، އިބްރާހިމް ރަޝީދެވެ. ދެކުނު ސަރަހައްދު 1ގެ ނާއިބު ރައީސަކީ ގދ. ތިނަދޫ އަހުމަދު އާދަމެވެ. ދެކުނު ސަރަހައްދު 2ގެ ރައީސަކަށް އިންތިހާބުވީ ތ. ތިމަރަފުށީ، އުއްމީދު، އިސްމާއީލް ހަސަން މަނިކެވެ. ދެކުނު ސަރަހައްދު 2ގެ ނާއިބު ރައީސަކީ މ. މުލި، ކީރަންމާގޭ އިސްމާއީލް ސާދިގެވެ.
އައިޑީޕީގެ މާލެ ދާއިރާގެ ރައީސަކަށް އިންތިހާބުވީ އަހުމަދު އިނާޒު، ރަންފަޅޯގެ، މާލެ އެވެ. މާލެ ދާއިރާގެ ނާއިބު ރައީސަކީ ހ. ދޮންޖޭމުގޭ ފާތުމަތު ޒުހުރާ އެވެ.
ޕާޓީގެ އަންހެނުންގެ ކޮމެޓީގެ ރައީސަކީ ގ. ނަޒުލް ފާތުމަތު ޝާހުނާޒެވެ. ޒުވާނުންގެ ގޮފީގެ ރައީސަކަށް އިންތިހާބުވީ ސ. ހިތަދޫ އަތަމާގެ މުހައްމަދު ނަބީލެވެ.
އިއްޔެ ބޭއްވި މި އިންތިހާބުގައި އައިޑީޕީގެ ހިންގާ ކޮމެޓީ އަށް ހަތް މެމްބަރުން ވެސް އިންތިހާބުކޮށްފައި ވެ އެވެ.
އައިޑީޕީގެ އިސްތިއުނާފުގެ އިސް ފަނޑިޔާރަކަށް، ޕާޓީގެ ރައީސް އައްޔަންކުރެއްވީ ނ. ވެލިދޫ، އޯޝަންވިލާ އަބްދުލް އަޒީޒު މޫސާ އެވެ. އަމީން އާންމު ކަމަށް އައްޔަންކުރެއްވީ ހ. އިރުދަށުގޭ އަބްދުﷲ ވަހީދެވެ.
މިދިޔަ ހުކުރު ދުވަހު ފެށި އައިޑީޕީގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ރޭ ދަރުބާރުގޭގައި ވަނީ ބާއްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ އައިޑީޕީން ބޭނުންވަނީ ވެރިކަން ނޫން ކަމަށާއި ޕާޓީގެ އަމާޒަކީ ގައުމު އިސްލާހުކުރުން ކަމަށެވެ.
"މި ޕާޓީގެ އަމާޒަކީ ބާރު ކަމަށް ވެއްޖިއްޔާ މި ޕާޓީ ރޫޅޭނެ. އަޅުގަނޑުމެން ފޯކަސްކުރީ ޕަވާއަކަށް (ބާރު ހޯދާކަށް) ނޫން. އަޅުގަނޑުމެން ފޯކަސް ކުރީ އިސްލާހަށް. އެ އިސްލާހު އަޅުގަނޑުމެންނަށް ގެނެވިއްޖިއްޔާ، ބާރަކީ ﷲ ދެއްވާ އެއްޗެއް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އެއީ އައިޑީޕީގެ ސިޔާސަތު ކަމަށެވެ.
"ރައީސް މައުމޫނުގެ 28 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ގާނޫނުގެ ތެރެއިން ކުރެވޭ ހުރިހާ ކަމެއް އަޅުގަނޑުމެންކުރާނަން. މި ޕާޓީން ގަބޫލުކުރާ ގޮތުގައި މައުމޫނު އަބްދުލް ގައްޔޫމް މާ ގިނަ ދުވަހު ވެރިކަން ކުރައްވައިފި،" އުމަރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އައިޑީޕީން އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެއިން އަމަލުވާ އެއްޗެހި ނައްތާލުން ކަމަށާއި، އެކަން ކުރެވޭނެ ހަމައެކަނި ޕާޓީ އަކީ އައިޑީޕީ ކަމަށެވެ. އަދި ރާއްޖެއަށް އަމަލުވާ އެއްްޗެހި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ އެ ޕާޓީގެ ސިޔާސަތު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އައިޑީޕީ އަށް ބާރު ލިބޭ ދުވަހު އަޅުގަނޑުމެންގެ ސިޔާސަތަކީ އަމަލުވާ އެއްޗެހި ރާއްޖެ އަށް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުން. މަރުގެ އަދަބަކީ ދޭން ޖެހުނީމަ ދޭން ޖެހޭ އެއްޗެއް،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ