މަޖިލިހަކީ ކޯޅޭ ތަނަކަށް ނުހެއްދެވުމަށް އާ ރައީސް އިލްތިމާސްކުރައްވައިފި

އާ ރައްޔިތުންގެ މަޖިލީހަކީ ހަޅޭއްލަވައި ކޯޅޭ ތަނަކަށް ނުހެއްދެވުމަށް ރައްޔިތުންގެ މަޖިލީސްގެ އާ ރައީސް އަބްދުﷲ ޝާހިދު އިލްތިމާސްކުރައްވައިފި އެވެ.
އެ މަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑީއާރްޕީން މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކަމެއްގައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީސް ހަދަންޖެހޭނީ ހަޅޭއްލަވައި ކޯޅޭ އަދި ޒުވާބުކުރާ، މަޖިލީހަކަށް ނޫން ކަމަށެވެ.
މިދިއަ ބުރާސްފަތި ދުވަހު މަޖިލިސްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ޝާހިދު ދެއްވި ތަގުރީރުގައި ވިދާޅުވީ އާ ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހަދަން ޖެހޭނީ އެއްވެ، ހިޔާލު އެއްގޮތްކުރާ ތަނަކަށް ކަމަށާއި ތަފާތު ސިޔާސީ ފިކުރާއި ވިސްނުން ގެނެސް ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތްކުރާ މަޖިލީހަކަށް ކަމަށެވެ. އެ މަސައްކަތް އެގޮތުގައި ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ދިވެހި ރާއްޖެ އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެނައުމަށްޓަކައި ޑީއާރްޕީ އާއި ޕީއޭ ދެއްކި މަގުގައި ހިންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަނިކުފާނު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރެއްވުމާއި ޕީއޭގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެއްވި ކުރުމަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އެކަން އެގޮތަށް ހިނގި ދުވަސް އެއީ ޝުކުރުކުރުމާއި ހަމްދު ކުރުމުގެ ދުވަހެއް ކަމަށެވެ.
"މިއަދަކީ މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ފެށި ވަރަށް ވަރުގަދަ ޖިހާދެއް ކާމިޔާބު ކުރެވުނު ދުވަސް. މިއަދަކީ ދިވެހި ރައްޔިތުންގެ ޕާޓީއަކީ އަޅުގަނޑުމެން އަތުގުޅައިލައިގެން މުޅި ދިވެހިރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ނޫ ކުލަ އާއި ދަނބު ކުލައިގެ ދިދަ ދަމާ އެ ދިދައިގެ ޒީނަތްތެރިކަން މިއުޑުގައި ޖަރީކޮށްލި ދުވަސް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެންވެގެން ފެށި މަސައްކަތުގައި ރާއްޖޭގެ ގައުމީ ނައު އަލުން އަނބުރާ މިސްރާބަށް އެޅުވުމުގެ މަސައްކަތް ކުރެވިދާނެކަން ސާބިތުވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު އުފާވެރިކަމެއް ކަމަށެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހި ރާއްޖޭގެ ރައްޔިތުން ހާއްސަކޮށް ޑީއާރްޕީ އާއި ޕީއޭގެ މެންބަރުން އަޅުގަނޑުގެ އަޚް ނާޒިމަށާއި އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފަކީ އެކަމަށްޓަކައި އަޅުގަނޑުމެން ނިހާޔަތަށް ޝުކުރުވެރިވާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ. "އެހެންނަމަވެސް އަޅުގަނޑުމެންގެ ބޮލުގައި ތިޔަ އެޅުއްވި ބުރަ މަސްއޫލިއްޔަތު އެއީ ކިހާވަރެއްގެ މަސްއޫލިއްޔަތެއްކަން އަޅުގަނޑުމެން ރަނގަޅަށް ދެނެތިބިން."
ޝާހިދު ވިދާޅުވީ މިކަހަލަ ވަގުތެއްގައި އެ މަނިކުފާނާއި މަޖިލީހުގެ ނައިބު ރައީސް ނާޒިމާ މެދު ކުރެވޭ އުންމީދުތައް ހުންނާނީ ވަރަށް މަތީގައި ކަމަށާއި އެކަންތައްތައް ފުރިހަމަ ކޮށްދިނުމުގައި ލަސްވަމުންދާ ކޮންމެ ދިއުމަކީ ރައްޔިތުންނަށް ނުތަނަވަސްކަން އަންނާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"މައާފާ އެކު ދަންނަވަން ޖެހެނީ ނާޒިމާއި އަޅުގަނޑުމެން ދެމީހުން މަސައްކަތްކުރަމުން ގެންދާނީ އަޅުގަނޑުމެންގެ ލިޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރަކަށް ތިޔަބޭފުޅުންނަށް ހިދުމަތް ކުރުމުގައޭ، ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައޭ،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ގޮތުން ދެކޮޅުވެރި ފަރާތްތަކަށް ރައްދުވާ ސަމާސާއެއް ވެސް ކުރެއްވެވި އެވެ. އެމަނިކުފާނު ވިދާޅުވީ އާޓިފިޝަލް ބީޗުގެ އެ މާހައުލުގައި ހުރި ބޮތްކެއްގެ ގަދަ އަލީގެ ސަބަބުން އުނދަގޫވެގެން އުޅެންޖެހޭ ކަމަށާއި އަބަދު ޕޯޑިއަމް ކޮޅުކޮޅަށް ބަދަލުކުރަން ޖެހިފައި އޮންނަ ކަމަށެވެ. އެހެންނަމަވެސް ޝާހިދު ވިދާޅުވީ ދެން ޕޯޑިއަމް ކޮޅުކޮޅަށް ބަދަލުކުރައްވަން ނުހައްދަވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެން ނިވާލާނީ ބޮކި!" އޭނާ ވިދާޅުވި އެވެ.
ސަމާސާ އަދަބުން ވާހަކަ ދެއްކެވުމުގެ ހުނަރު ލިބިވަޑައިގެންފައިވާ ޝާހިދު ވިދާޅުވީ މި ލިބުނު އުފާވެރި ކަމާއި ޖަރީކަމަކީ އެމަނިކުފާނާއި ނާޒިމަށް ޝަފަރެއް ލިބުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެކަން އެހެންވެގެން ނައި ނަމަވެސް އޭނާ އާއި ނާޒިމާ ދެބޭފުޅުންގެ "ބޮލުގެ ފުއްކިބައިން އަޅާ ދަޅައިގެ ޖަރީކަން" އެ ގޮތުގައި ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ