ޕާޓީ ހިންގަން ސަރުކާރުން ދިން ފައިސާ އަށް އެމްއެސްޑީޕީގެ ލީޑަރު ހިޔާނާތްތެރިވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަރަށް މައްސަލަ ހުށަހަޅަ

މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ )އެމްއެސްޑީޕީ( އަށް ސަރުކާރުން ދިން ފައިސާ އަށް އެ ޕާޓީގެ ލީޑަރު ރީކޯ އިބްރާހިމް މަނިކު ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ މައްސަލައެއް އެ ޕާޓީގެ އިސް ބޭފުޅަކު ކޮމިޝަނާ އޮފް އިލެކްޝަންސްގެ އޮފީހަށް ހުށަހަޅުއްވައިފި އެވެ.
ޖެނެރަލް ސެކްރެޓަރީ މުހައްމަދު ނަބީލު މިއަދު ވިދާޅުވީ މި މައްސަލަ އޭނާ ހުށަހެޅުއްވީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި 30 މީހަކު އެ މައްސަލަ ޕާޓީގައި ޖެއްސުމުން ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް މި އަހަރުގެ ބަޖެޓުން ދޫކުރި 12 މިލިއަން ރުފިޔާގެ ތެރެއިން، 4،565 މެމްބަރުން ތިބި އެމްއެސްޑީޕީ އަށް 1.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްއެސްޑީޕީގެ ފައިސާ އަށް އެ ޕާޓީގެ ލީޑަރު ހިޔާނާތްތެރިވެފައިވާ ކަމަށް ދޭހަވާ ކަހަލަ ގޮތަކަށް ލިޔެފައިވާ ހުށަހެޅުމެއް އެ އޮފީހަށް އިއްޔެ ލިބިފައިވާކަން އިލެކްޝަންސް ކޮމިޝަނަރުގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ބައެއް އެހެން މައްސަލަތައް ވެސް ހުށަހަޅައިފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ކަންތައް ބެއްލެވުމަށް ނިންމަވައިފައިވާ ކަމަށެވެ.
"އެ ޕާޓީ (އެމްއެސްޑީޕީ)ގެ ބައެއް ކަހަލަ މައްސަލަތައް ޕާޓީ ތެރެއިން އަދި ޕާޓީގެ ބޭރުން ވެސް އަޅުގަނޑުމެންނަށް ހުށަހަޅައިފައި އެބަހުރި. އެ ކަންތައްތަކަށް ޕާޓީގެ ގަވާއިދު ބުނާ ގޮތަށް އެޓެންޑް ކުރުމަށް ނިންމައިފައި ވަނީ،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެސްޑީޕީއާ ބެހޭ ގޮތުން ހުށަހަޅައިފައިވާ މައްސަލަތައް ބެއްލެވުމަށް އެ ޕާޓީއާ ވާހަކަ ދެއްކެވުމަށް ވެސް މިހާރު ވަނީ ނިންމަވައިފަ އެވެ.
"ގަވާއިދު ހުއްދަކުރާ އެންމެ ފުޅާ މިންވަރަކަށް އެ ކަންތައްތައް ބަލައި ގަވާއިދު ބުނާ ގޮތަށް އެ ޕާޓީއާ މެދު އަމަލު ކުރާނަން،" ތޮލާލް ވިދާޅުވި އެވެ.
އެމްއެސްޑީޕީގެ އޮފިޝަލަކު އިއްޔެ ވިދާޅުވި ގޮތުގައި އިލެކްޝަންސް އޮފީހަށް މައްސަލަ ހުށަހެޅީ ރީކޯ އިބްރާހިމް މަނިކު ޕާޓީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް އެ ޕާޓީގެ ފައުންޑަ މެމްބަރުންނަށް ސާބިތުވެފައި ވާތީ އެވެ.
މި މައްސަލައިގައި އިބްރާހިމް މަނިކު ވިދާޅުވީ ޕާޓީގެ ފައިސާއަށް އޭނާ ހިޔާނާތްތެރިވި ކަމަށް ދައްކަމުންދާ ވާހަކަތަކަކީ "ބަޔަކު އަމިއްލަ އެދުންތަކެއް ނުފުދިގެން ދައްކާ، އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށެވެ.
"ސިޔާސީ ޕާޓީތަކަށް ދެއްވާ ފައިސާ އަކީ މީހުންނަށް ބަހަން ހުންނަ އެއްޗެއް ނޫން. އެގޮތަށް ދައްކާ ތާކުންތާކުނުޖެހޭ ވާހަކަތަކަކީ އެ ބަޔަކު ބޭނުންވި އެއްޗެއް ނުލިބުނީމަ ދައްކާ ވާހަކަތަކެއް،" އިބްރާހިމް މަނިކު ވިދާޅުވި އެވެ. "ހަމަ އެގޮތަށް އަޅުގަނޑު ނުޖެހޭ ބަޔަކު އައިސް ބުނާއިރަކަށް ޕާޓީގެ ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓު ދައްކާކަށެއް ވެސް. އެއީ ކޮންމެ އަހަރެއް ނިމިގެން އިލެކްޝަންސް އޮފީހަށް ދައްކަން ޖެހޭ އެއްޗެއް. އެހެންވީމަ އިލެކްޝަންސް އޮފީހަށް އެ ރިޕޯޓު ދައްކާނަން."
އޭނާ ވިދާޅުވީ ޕާޓީގެ މެމްބަރުންނަށް ވުމަށްޓަކައި އައި ބަޔަކު ނުރުހުން ފާޅުކޮށް، ޕާޓީގެ މައްސަލަތަކެއް އިލެކްޝަންސް އޮފީހަށް ހުށަހަޅައިފައިވާކަން އޭނާ އަށް ވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
"ބަޔަކު ޖެލަސްވެގެން މައްސަލަތައް ހުށަހެޅިއަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އިލެކްޝަންސް އޮފީހުން މައްސަލަ ބެއްލެވީމަ ހަގީގަތް އެނގިގެންދާނީ،" އިބްރާހިމް މަނިކު ވިދާޅުވި އެވެ.
ހަފުތާ މަޖައްލާއަކަށް ރީކޯ އިބްރާހިމް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީގައި މުސާރަ ދޭ މުވައްޒަފުން ނުތިބޭ ކަމަށެވެ. ކޮންމެ މީހަކަށް ވެސް އެވަގުތު ޕާޓީން ދެވެން އޮތް އެއްޗެއް ހަދިޔާތަކެއްގެ ސިފައިގައި ދެމުންގެންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ