ސަމޯއާގައި ނިމިދިޔަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވުމަކަށް އާދެވުނު އެންމެ ބޮޑު ކަމަކީ، މީގެ ކުރީގެ ޖަލްސާތަކުގައި ނިންމާ ނިންމުންތައް ތަންފީޒު ކުރެވޭ މިންވަރު ބެލޭނެ ގޮތެއް އެކުލަވާލުމަށް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަމޯއާގައި ބޭއްވުނު ކުދި ޖަޒީރާ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފްދުގެ އިސްވެރިއެއްގެ ގޮތުން ސަމޯއާއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، ރައީސް މައުމޫން ވިދާޅުވީ ޖަލްސާގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސް ވަނީ، މީގެ ކުރިން ބާޢްވާފައިވާ މިފަދަ ޖަލްސާތަކުގައި ނިންމާ ނިންމުންތަކާ މެދު އެކަށީގެންވާ ގޮތަކަށް ޢަމަލުކުރެވިފައި ނެތުމުން، އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައި ކަމަށެވެ.
"މިއީ ކުރިން ވެފައި ނެތް ކަމެއް. އެހެންވެގެން ކަންނޭނގޭ ބާރބަޑޯސްގައި ބޭއްވި ޖަލްސާގައި ފާސްކުރެވުނު ޤަރާރާއި މޮރީޝަސްގައި ފާށް ކުރެވުނު ކަންކަމަށް ވެސް އަމަލީ ސިފައެއް ނައިސްގެން މި އުޅެނީ." ރައީސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން އެކަން ހައްލު ކުރުމުގެ ގޮތުން، މި ނިންމުންތައް ތަންފީޒު ކުރެވޭ މިންވަރު ބަލައި، އެކަންކަން ބަލަަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅޭ މިންވަރު ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ގޮތުން ޢަމަލު ކުރާނެ ޚާއްސަ ގޮތެއް ނުވަތަ "މެކޭނިޒަމް"އެއް އެކުލަވާލުމަށް އެއްބަސް ވެވުނު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން އިތުރަށް ވިދާޅުވީ މި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ޤައުމުތަކާއި ޖަމިއްޔާ ތަކުން ވެސް ފާހަގަ ކުރެއްވީ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ކަމަށާއި، އެ މައްސަލަތައް ރާއްޖެއަށް ވެސް ވަނީ ދިމާވެފައި ކަމަށެވެ. އަދި މި މައްސަލަތަކަކީ ކަންބޮޑުވާން ޖެހޭ މައްސަލަތަކެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ދޫކުރުން ވެސް މަދުކުރުމަށް ވަނީ ނިންމާފައި. މިއީ ރާއްޖެއިން ކަންބޮޑުވާ ކަމަކީ. ކްލައިމެޓް ޗޭންޖާ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރާއްޖެ ފަދަ ފަސްގަނޑު ތިރި ޤައުމަކަށް ދިމާވެދާނެ ނުރައްކާތައް، މިސާލަކަށް ރާއްޖޭގެ ފަސްގަނޑުން ބައެއް އަޑިއަށް ދިއުން ފަދަ ކަންކަން ދިމާވެދާނެ. މިކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ރާއްޖެއިން އިސްކަން ދޭ ކަމެއް. އަދި މިއީ ރާއްޖެއިން އެކަނި ނޫން، އެހެން ފަސްގަނޑު ތިރި ޖަޒީރާ ޤައުމުތަކުން ވެސް ހަމަ އަޅުގަނޑުމެންނާ އެކީގައި [ތިބީ]." މައުމޫން ވިދާޅުވި އެވެ.
ސަމޯއާގައި އެއްބަސްވެވުނީ ނިންމުންތައް ތަންފީޒުކުރެވޭ މިންވަރު ބެލޭނެ ގޮތެއް ކަނޑައެޅުމަށް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ