މާލޭ ރައްޔިތުންގެ ކެތްތެރިކަމަށް ރައީސް މައުމޫނު ޝުކުރު ދަންނަވައިފި

މާލެއިން ފެން ކަނޑައިގެން ގޮސް ދިމާވެފައިވާ ކުއްލި ހާލަތުގައި ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ކެތްތެރި ކަމަށް ކުރިގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމު ޝުކުރުދަންނަވައިފިއެވެ.
"އެމްޑަބްލިއުއެސްސީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލެ ފެނަށްޖެހި ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު ދަނޑިވަޅުގައި މާލޭގައި ދިރިއުޅުއްވާ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ފެންނަމުންދާ ކެތްތެރިކަމާއި އަދި ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރު ލެއްވުމަށް އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." އެމަނިކުފާނުގެ ނަްފުޅުގައި ޕީޕީއެމް އިން ނެރުނު ބަޔާނެއްގައިވެއެވެ.
މީގެ އިތުރުން ރައީސް މައުމޫނު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި، ސަރުކާރުގެ ވަޒީރުންނާއި، ފުލުހުންނާއި ސިފައިން އަދި އެހެނިހެން ވުޒާރާތަކައި އާންމު ފަރުދުން، މާލޭގައި ފެނަށް ޖެހިފައިތިބި ރައްޔިތުންނަށް ފެން ފޯރުވައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ޝުކުރު ދަންނަވާފައެވެ.
ހަމައެއާއެކު ރައީސް ޔަމީނު އެކުލަވާލެއްވި ޓާސްކް ފޯހުން ކުރައްވާފައިވާ، އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ހޯދަމުންދާ ކުރިއެރުންތަކަށްވެސް ރައީސް މައުމޫނު ޝުކުރު އަދާކުރެއްވިއެވެ.
މިބަޔާނުގައި ރައީސް މައުމޫނު ވަނީ މިދަނޑިވަޅުގައި މަސްލަހަތު ގެއްލި ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަކަށް މަގުފަހިވިޔަ ނުދީ ކެތްތެރިކަމާއެކު ފެނުގެ ޚިދުމަތް އާންމު ހާލަތަކަށް އަންނަންދެން، މިހާރު ދިމާވަމުންދާ ދަތި އުނދަގޫތައް ތަހައްމަލު ކުރުމުގައި ކެތްތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.
އެމަނިކުފަނު ވަނީ ހާދިސާ ހިނގި ވަގުތުން ފެށިގެން، ރައީސް ޔާމީނުގެ ވިސްނުންފުޅު ބޭނުން ކުރައްވައި، ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ އިންޑިއާ، އެމެރިކާ އަދި ލަންކާގެ އެހީތެރިކަމާއިއެކު ރާއްޖެއަށް ފެން ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައެވެ.
އަދި މިހިތާމަވެރި ވަގުތުގައި އިންޑިއާ ސަރުކާރުން ވެދިން އަވަސް އެހީތެރިކަމަށްވެސް ރައީސް މައުމޫނު ޝުކުރުއަދާކުރެއްވިއެވެ.
ބަޔާނުގައި ރައީސް މައުމޫނުވެސް ވަނީ ފެން ބޭނުން ކުރުމުގައި އިސްރާފު ނުކޮށް، ފެނަށް ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ