ޕީޕީއެމްއަކީ ރާއްޖެ ކުރިއަށް ގެންދަން މަސައްކަތްކުރާނެ ޕާޓީއެއް - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ރާއްޖެ ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް ކުރީގެ ރައީސް ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާއި އަލަށް ގުޅުނު ކައުންސިލަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުންގެ ފޯމުތަކާއި ގޮފިތަކުގެ ފޯމުތައް ހަވާލުކުރުމަށް މިއަދު މެންދުރުފަހު ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި ގިނަ އަދަދެއްގެ ބޭފުޅުން ގުޅިވަޑައިގަތުމަކީ ގައުމުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތު ހާމަވެގެންދާ ކަމެއް ކަމަށެވެ.
އަދި ޕީޕީއެމްއަކީ ރާއްޖެ ކުރިއަށް ގެންދިއުމުގެ ވިސްނުމާއި އުސޫލުތައް ގެންގުޅޭ ޕާޓީ ކަމަށް ވެސް ރައީސް  މައުމޫން ވިދާޅުވި އެވެ.
"ޕްރޮގްރެސިވްގެ މާނައަކީ ކުރިއަށްދާން މަސައްކަތްކުރާ، ކުރިއަށް ދިއުމުގެ ވިސްނުމާއި ހިޔާލު ގެންގުޅޭ މީހުން، ނުވަތަ ޕާޓީ، އަޅުގަނޑުމެންގެ ޕާޓީއަކީ އަބަދުވެސް ރާއްޖެ ކުރިއަށް ގެންދަން، މަސައްކަތް ކުރާނެ، އަދި މަސައްކަތް ކުރުމުގެ ވިސްނުމާއި ހިޔާލު ގެންގުޅޭ ޕާޓީ، އެހުރިހާ އުސޫލުތައް ގެންގުޅޭ ޕާޓީ،" މައުމޫން ވިދާޅުވި އެވެ.
"ޕީޕީއެމް އަދި އެހެން ގޮތަކަށް ރަމްޒުކުރެވިދާނެ، ޕީޕަލްސް ޕްރޮސްޕެރިޓީ މެޓާސް، މާނައަކީ ރައްޔިތުންގެ ބޭނުމާއި ތަރައްގީ އާއި ތަނަވަސްކަން މިއީ މުހިންމު އެއްޗެއް، އެހެންވީމަ އަޅުގަނޑުމެން ޕާޓީއަކީ ވަރަށް ގިނަ މާނަތަކެއް އެކުލެވޭ ޕާޓީއެއް، ޕާޓީއަށް ނަން ދިނުމުގައި އަޅުގަނޑުމެން ވަނީ ވަރަށް ބޮޑަށް މިކަން ކަމަށް ވިސްނާފައި." ރައީސް މައުމޫން އިތުރަށް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ޕާޓީ އާއި ގުޅުމަކީ ޕީޕީއެމަށާއި ރާއްޖެއަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެހެންކަމުން ޕީޕީއެމާއި އަލަށް ގުޅުނު ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަދި ޕީޕީއެމް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުން ރާއްޖެ ތަރައްގީގެ އުސްމިންތަކަކަށް ވާސިލްވާތަން ފެނިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ށ.މިލަންދޫ ތިން ކައުންސިލަރަކާއި ތ.އޮމަދޫ ހަތަރު ކައުންސިލަރަކު ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.
އަދި ރާއްޖޭގެ ބައެއް ރަށް ރަށުގެ ގޮފިތައް ރައީސް މައުމޫނާއި މިއަދު ވަނީ ހަވާލުކުރައްވާފައެވެ. މިއަދުގެ ރަސްމިއްޔާތުގައި 30 އަށް ވުރެ ގޮފި ހަވާލުކޮށްފައިވާއިރު މި ގޮފިތަކާއިއެކު 2000 އަށް ވުރެ ގިނަ މީހުން ޕީޕީއެމްއަށް ސޮއިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ