އާސެނަލްގެ މައްޗަށް ކުރި ހޯދާ ޗެލްސީ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

0-2 ގެ ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރި ހޯދާ ޗެލްސީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
މި މޮޅާއެކު ޗެލްސީ ލީގުގެ އެއްވަނައިގައި އޮތީ 19 ޕޮއިންޓާއެކީގަ އެވެ. މި މެޗުން ބަލިވި އާސެނަލް އޮތީ 10 ޕޮއިންޓާއެކީ ލީގުގެ 7 ވަނައިގަ އެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުގެ ކޯޗުންގެ ފަރާތުން މި ހާފުގައި ފޯރިގަދަ ކަންތައްތަކެއް ފެނިގެން ގޮސްފަ އެވެ.
އެގޮތުން ޗެލްސީގެ ޑިފެންޑަރު ކޭހިލް އާސެނަލްގެ ފޯވާޑް ސަންޗޭޒް އަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ވެންގާ ވަނީ މޮރީނިއޯ ކައިރިއަށް ގޮސް އޭނާ ކޮއްޕާލާފަ އެވެ. މިކަމާ ގުޅިގެން މެޗަށްފަހު ދެ ޓީމުގެ ކޯޗުން ސަލާމްކޮށްފައިނުވާކަން ވެސް ފާހަގަކޮށްލަންޖެހެ އެވެ.
މެޗުގެ 27 ވަނަ މިނެޓްގައި ޗެލްސީން ވަނީ އެޓީމުގެ ފުރަތަމަ ގޯލްޖަހާ ލީޑުނަގާފަ އެވެ. ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން މި ގޯލް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ހުނަރުވެރި ވިންގަރ އެޑެން ހަޒާޑް އެވެ.
ފުރަތަމަ ހާފްގައި އާސެނަލްއިން ކައުންޓަ އެޓޭކްތަކުގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރިނަމަވެސް ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލެވޭ ގޮތް ވަނީ ނުވެފަ އެވެ.
ފުރަަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ދެ ޓީމުހެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު އާސެނަލް އިން ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ޗެލްސީގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު ގޯލެއް އެޓީމަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފަ އެވެ.
ޗެލްސީގެ ދެވަނަ ގޯލްޖެހީ މެޗުގެ 78 ވަނަ މިނެޓްގަ އެވެ. ފެބްރިގާސް ދިން ރީތި ޕާހަކުން މި ގޯލް ކާމިޔާބުކޮށްދީ މެޗުން 3 ޕޮއިންޓް ޗެލްސީއަށް ކަށަވަރުކޮށްދިނީ އެޓީމުގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ. މިއީ ކޯސްޓާ ލީގުގައި ކާމިޔާބުކުރި 9 ވަނަ ގޯލްވެސް މެ އެވެ.
މި މެޗުން އާސެނަލް ބަލިވުމާއެކު އެޓީމް ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު ވަނީ ނިމުމަކަށް އައިސްފަ އެވެ. މިވަގުތު ލީގުގައި ބަލިނުވެ ހަމައެކަނި އޮތް ޓީމަކީ ޗެލްސީ އެވެ.
ލީގުގައި މިރޭ ޓޮޓެންހަމް އާއި ސައުތްހެމްޓަން ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމްއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ