ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ފާސްކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދިނީ އެބިލްގައި މައްސަލަތަކެއް ހުރިނަމަވެސް ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭނެ ގިނަ ކަންތައްތަކެއް ބިލްގައި ހުރުމުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެސްއީޒެޑްގެ ބިލް މަޖިލީހުން ފާސްކުރުމަށްފަހު މަޖިލިސް ކުރާ ގޭގެ ބޭރުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއެކު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ވިދާޅުވީ އެސްއީޒެޑްގެ ބިލް މިރޭ މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލްގައި ކުރިން ހުރި ބައެއް މައްސަލަތައް އިސްލާހުކުރުމަށްފަހު ކަމަށެވެ.
ޖޭޕީން އެސްއީޒެޑްގެ ބިލަށް އިސްލާހު ހުށަހެޅީ އެބިލްގައި މައްސަލަތަކެއް ހުރުމުން ކަން ފާހަގަކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީގެ ބައެއް އިސްލާހުތަކާ އަދި ޕީޕީއެމުން ވެސް ހުށަހެޅި ބައެއް އިސްލާހުތަކާއިއެކު މުޅި ބިލް ފާސްކުރަން ޖޭޕީން ވޯޓް ދިނީ އެ ބިލް ފެއިލްކޮށްލުމުން ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކަކަށްވުރެ ބިލް ފާސްކޮށްގެން ލިބޭ ފައިދާ ބޮޑުވުމުން ކަމުގަ އެވެ.
ޖޭޕީން އިންތިޒާމް ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނު ތަކެއް ހުއްޓަސް ކަންކަން ހާސިލްކޮށް ރައްޔިތުންނަށް ހެވާލާބަ ހޯދައިދެވޭނީ ކަންކަން ކުރަން ތިއްބަވާ ވެރިންގެ ފަރާތުން އިހްލާސްތެރިކަން ފެނިގެން ކަމަށް ސިޔާސީ މައިދާނުގައި މިހާތަނަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުން އެނގިގެން ގޮސްފައިވާ ކަމަށެވެ.
ސްޕެޝަލް އެކޮނިމިކް ޒޯންގެ ބިލަކީ ގައުމަށް އިގްތިސޯދީ މުހިއްމު ބަދަލުތަކެއް ގެނުވާނެ އަދި އާ ކަންތައްތަކެއް ގައުމަށް ތައާރަފުވެގެންދާނެ ބިލެއް ކަމުގައި ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީއެއްގައި މެޖޯރިޓީގެ ނިންމުންތަކަށް ތަބާވާން ޖެހޭނެ ކަމުގައި ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އެބައޮތް. ޕީޕީއެމްއާއި އެމްޑީއޭގެ މެންބަރުންނާއިއެކު ޖުމްލަ 48 މެންބަރުން ވަރު ގިނަ މެންބަރުން މަޖިލީހުގައި އެބަތިއްބެވި. އެހެންކަމުން އަޅުގަނޑުމެންގެ ވޯޓާ ނުލާ ވެސް ޕީޕީއެމުން ބޭނުންވާ ކަމެއް ފާސްކުރާނެ،" ކުރިން ފިނޭންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ އެސްއީޒެޑް ބިލް ގާނޫނަކަށް ވުމުން ރާއްޖެއަށް ތަރައްގީ ގެނެވި ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދެވޭނެ ކަމުގަ އެވެ.
ސިޔާމް ވިދާޅުވީ ދުނިޔޭގެ ގައުމުތައް މިއަދު ތަރައްގީވެފައިވަނީ ސްޕެޝަލް އެކޮނޮމިކް ޒޯންތަކެއް ހަދައިގެން ކަމުގަ އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ދުބާއީ ތަރައްގީކުރެވުނު ގޮތް ފާހަގަކުރެއްވި އެވެ.
"ސްޕެޝަލް އެކޮނޮމިކް ޒޯންތައް ހެދުމުން ވަޒީފާތައް އިތުރުވާނެ. ގައުމުގެ އުފެއްދުންތެރިކަން ކުރިއަރާ ދާނެ. މުއްސަނދި ދިރިއުޅުމެއް ލިބުމަށް މަގުފަހިވާނެ،" ރިސޯޓްތައް ހިންގަވާ ސިޔާމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އެސްއީޒެޑްގެ ބިލް މަޖިލީހަށް ހުށަހެޅުއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެސްއީޒެޑްގެ ބިލް މަޖިލީހަށް ހުށަހެޅުނު ދުވަހުން ފެށިގެން ބިލް ފާސްވުމާއި ހަމައަށް ވެސް ގާސިމް އިބްރާހީމް އާއި އަހްމަދު ސިޔާމް މުހައްމަދުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ދޭން ޖެހޭ އެއްބާރުލުން ވެސް ލިބުނު ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަކި ބައެއްގެ އިސްލާހުތައް ބޭރުކޮށްލާކަށް މަސައްކަތްތަކެއް ނުކުރަން. ޖޭޕީން ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ ހުށަހެޅުއްވި އިސްލާހެއް ވެސް އަޅުގަނޑުމެން ފާސްކުރަން ތާއީދުކުރިން. ދެން އެމްޑީޕީން ހުށަހެޅި އިސްލާހަކަށް އަޅުގަނޑުމެން ތާއީދުކުރަން ނިންމާފައިވަނިކޮށް އެ އިސްލާހު ގެންދެވީ. އެއީ ގަމް ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި އިސްލާހެއް،" ނިހާން ވިދާޅުވި އެވެ.
ނިހާން އިތުރަށް ވިދާޅުވީ އެސްއީޒެޑްގެ މިބިލް ގާނޫނަކަށް ވުމުން ގައުމުގެ އިގްތިސޯދު އާ ހަރުފަތަކަށް އަރައިގެންދާނެ ކަމުގަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި މަޖިލީހުގައި އިންނަވާ އަދާލަތު ޕާޓީގެ ހަމައެކަނި މެންބަރު އަނާރާ ނައީމް ވިދާޅުވީ އެސްއީޒެޑްގެ ބިލް ގާނޫނަކަށްވުމުން ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ހޯދާ ތަރައްގީކުރެވިގެންދާނެ ކަމުގަ އެވެ. އަދި މިބިލް އަވަހަށް ފާސްކުރުމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން ވެސް ބޭނުންވި ކަމުގައި އަނާރާ ވިދާޅުވި އެވެ.
އެސްއީޒެޑްގެ ބިލް މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލިސް ކުރާ ގޭގެ ބޭރުގައި އެމްޑީޕީން ވަކިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ނައިބް ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެސްއީޒެޑްގެ ބިލް ފާސްކޮށްފައިވާ ގޮތުން އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.
އެގޮތުން ރޮޒައިނާ ވިދާޅުވީ އެސްއީޒެޑްގެ ބިލް މިހާރު މަޖިލީހުން ފާސްކޮށްފައި އޮތީ މިބިލް މަޖިލީހަށް ފުރަތަމަ އައި ގޮތަށް ވުރެއްވެސް ގޯސްކޮށް ކަމަށާއި މިބިލް ގާނޫނަކަށްވުމުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ވެސް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ އެސްއީޒެޑް ބިލް ގާނޫނަކަށްވުމުން މިގާނޫނުގައި ބުނާ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކީ ވަކި ވުޒާރާއެއް ހިންގަވާ ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ބިލްގައި މިހާރު ހިމަނާފައިވާ ކަމަށެވެ. ނަމަވެސް އެސްއީޒެޑްގެ ބިލްގައި ބުނާ ކަންކަން ހިންގަން ވާނީ އެކޮނިމިކް މިނިސްޓަރު ކަމަށް ގަބޫލުކުރައްވާ ކަމުގައި ވެސް ރޮޒައިނާ ވިދާޅުވި އެވެ.
އެސްއީޒެޑްގެ ބިލަށް އިދިކޮޅު އެމްޑީޕީން ގިނަ އިސްލާހުތަކެއް ހުށަހެޅި ނަމަވެސް އެޕާޓީން ހުށަހެޅި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން މި ބިލަށް ހުށަހެޅި ދިހަ އިސްލާހުގެ ތެރެއިން އެއް އިސްލާހު އަދި ޕީޕީއެމުން ހުށަހެޅި ހަ އިސްލާހު ވެސް ވަނީ ފާސްކޮށްފަ އެވެ.
އެސްއީޒެޑްގެ ބިލަށް ވޯޓް ދިނީ ރައްޔިތުންނަށް ފައިދާވާ ކަންކަން ހުރުމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ