އެހެން ކެނޑިޑޭޓުން ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ: ރައީސް ވަހީދު

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ކެނޑިޑޭޓުންގެ މައްޗަށް ކާމިޔާބު ހޯދައި އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ލަންކާގެ ސަންޑޭޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ދިމާވި އެންމެ އުނދަގޫ ދަތި ދުވަސްތައް ކުރިމަތިވެފައިވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ކަމުގައެވެ. ނަމަވެސް އެދަތިކަމާއި އެކުވެސް ޤައުމު ކުރިއަށް ގެންދެވިކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި ޗައިނާއާއި ގުޅުންބޮޑުކޮށްފައިވާ މައްސަލާގައި ސަންޑޭޓައިމްސްއިން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ވަހީދު ވިދާޅުވީ ޗައިނާއާއި ރާއްޖެއާއި ދެމެދުވެސް އެހެން ގައުމުތަކާއި ރާއްޖެއާއިމެދު އޮތް ގުޅުންކަމުގައެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު އިގްތިސާދީ އަދި ތަރައްޤީގެ ރޮނގުން ގުޅުންބަދަހިވެފައިވާއިރު އެހެން ގައުމުތަކަށްވުރެ ޗައިނާގެ އެހީ ހޯދުމަށް ފަސޭހަކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
ސަންޑޭ ޓައިމްސްއަށް ދެއްވި އިންޓަވިއުގައި ރައީސް ވަހީދުވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ޕްލޭންތަކެއް ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އަދި އެއަރޕޯޓްގެ ތަރައްޤީއަށް މުޅިން އާ ރަންވޭއެއް އެޅުމަށް ނިންމާފައިވާކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލްކަން ސަރުކާރުގައި އެބަހުރިކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެއަރޕޯޓަށް ބޭރުގެ އިންވެސްޓަރަކު ގެންނަނަމަ އެކަން ނިންމާނީ އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑުންކަމަށާއި ބޭރުގެ އިންވެސްޓަރަކު ގެންނަނަމަ އެކަންކުރާނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރެވޭނެގޮތަށްކަމަށް ރައީސް ވަހީދު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ